ޑރ. މުހައްމަދު މުއިއްޒު

ނައިބް ރައީސްގެ ރަށަށް ރައީސް މުއިއްޒު ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެކުނުގެ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގައި ގދ. ފަރެސްމާތޮޑާއަށް ވަޑައިގެންފި އެވެ.

މިއީ ހުވަދު އަތޮޅުގެ ރަށްތަކުގެ ތެރެއިން ރައީސް މިފަހަރު ވަޑައިގެންނެވި ފުރަތަމަ ރަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސައިން މުހައްމަދު ލަތީފްވެސް ނިސްބަތްވާ ރަށެވެ.

ރައީސް ޑރ. މުއިއްޒު މިއަދު ހެނދުނު ފަރެސްމާތޮޑާއަށް ވަޑައިގަތުމުން އެ ރަށު އެއާޕޯޓުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ.

ގދ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ރައީސް މިފަހަރު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ފަރެސްމާތޮޑާގެ އިތުރުން ފިޔޯރީ، މަޑަވެލި، ތިނަދޫ އަދި ގައްދޫ އަށެވެ.

ރައީސް މުއިއްޒު ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި އަދި ރަށްރަށުގެ ރައްޔިތުންނާވެސް ބައްދަލުކުރައްވަ އެވެ.

ރައީސް މުއިއްޒު ދެކުނުގެ ހަތަރު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި 14 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު އެމަނިކުފާނު މިހާތަނަށް ވަނީ އައްޑޫ، ފުވައްމުލަކަށް ވަޑައިގެންފަ އެވެ.

ރައީސްގެ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހު އެވެ.