އަބްދުﷲ ޝާހިދު

އެމްޑީޕީގެ ރައީސްގެ މަގާމު ޝާހިދަށް ލިބިވަޑައިގެންފި

އެމްޑީޕީގެ ރައީސްގެ މަގާމު ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ލިބިވަޑައިގެންފި އެވެ.

ޝާހިދަށް މި މަގާމު ކަށަވަރުވީ އެމްޑީޕީގެ ރައީސް ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ހަމަވިއިރު ޝާހިދު ފިޔަވާ އިތުރު ބޭފުޅަކު އެ މަގާމަށް ކުރިމަތިލާފައި ނުވާތީ އެވެ.

އެމްޑީޕީގެ ރައީސްގެ މަގާމު ލިބިވަޑައިގަތުމާ ގުޅިގެން ޝާހިދު މިއަދު ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގަތީ އާބާރެއްގައި އެމްޑީޕީ ކުރިއަށް ގެންދިއުމަށް ކަމަށެވެ. ދިވެހި ގައުމާއި ރައްޔިތުންގެ އުއްމީދުތަކަށް އެމްޑީޕީ ކާމިޔާބު ހޯދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ﷲ ސުބްހާނަހޫ ވަތައާލާގެ މަތިވެރި ހަޟްރަތުން ވާގި އެދިހުރެ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރައީސްކަމުގެ ޒިންމާއާއި އަޅުގަނޑު ހަވާލު މިވަނީ ޕާޓީގެ މެމްބަރުންގެ ފުރިހަމަ އިތުބާރާ އެކު އާބާރެއްގައި އަޅުގަނޑުމެންގެ ޕާޓީ ކުރިއަށް ގެންދަން،" ޝާހިދު ވިދާޅުވި އެވެ.

އެމްޑީޕީގެ އިސް ސަފުގައި މިވަގުތު ތިއްބެވި ބޭފުޅުންގެ ތެރެއިން ޝާހިދު އަކީ ސިޔާސީ ތަޖުރިބާ އެންމެ ބޮޑު ލިބިވަޑައިގެން ހުންނެވި އެއް ބޭފުޅެވެ. އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި، ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލީހުގެ މެންބަރުކަމާއި، ވަޒީރުކަމާއި އަދި އދ. އާންމު މަޖިލީހުގެ ރައީސް ކަންވެސް ޝާހިދު ކުރައްވާފައިވެ އެވެ.

އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު މިދިޔަ އަހަރުގެ ޖޫން 21 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވުމުން އެ ޒިންމާ ވަގުތީ ގޮތުން އުފުއްލެވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެވެ.