މިސްކިތްތަކުގެ ހާލަތު މެދުނުކެނޑި ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމަށްޓަކައި މޮސްކު މެނޭޖްމަންޓް ޕޯޓަލް އިފްތިތާހްކޮށްފި އެވެ.
މިފަދަ ޕޯޓަލްއެއް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި އަދި ހަފްތާ 14 ގައި ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފްތިތާހްކޮށްދެއްވީ މިނިސްޓާ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝުޖާއު އަބްދުލް ހަކީމް އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ޕޯޓަލްގެ އެހީގައި އިމާމުން މެދުވެރިކޮށް މިސްކިތްތަކުގެ ހާލަތު ބަރާބަރަށް ކޮންމެ ހަފްތާއަކުވެސް ބެލޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. އެއާއެކު މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތުގެ އެންމެހައި ޒިންމާތައް މަތިކުރެވިފައިވާ ކައުންސިލްތަކަށް އެ މައްސަލަތައް ވަގުތުން ރިޕޯޓުކުރެވިގެންދާނެ ކަމަށްވެސް ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނީ މިސްކިތްތަކާ ބެހޭ ގޮތުން ރިޕޯޓުކުރެވޭ އެކިއެކި މައްސަލަތައް ވަގުތުން ހައްލުކުރުމަށް، ކައުންސިލްތަކަށް ބާރު އެޅުމަށްޓަކައި ކައުންސިލްތަކާ އެ މިނިސްޓްރީއާ ދެމެދު ފަސޭހައިން މައުލޫމާތު ބަދަލުކުރެވޭނެ އިންތިޒާމުވެސް މި ޕޯޓަލްގެ ޒަރީއާ އިން ހަމަޖެހިގެންދާނެ ކަމަށެވެ.