ހަބަރު

ޖޭޕީ، އެމްޑީޕީން އުޅެނީ ވެރިކަމާހެދި މަގުމަތި ހަލަބޮލިކޮށްލަން: ޕީޕީއެމް

Jan 27, 2015
1

ގާނޫނު އަސާސީ ހިމާޔަތް ކުރުމުގެ ނަމުގައި ޖޭޕީ އާއި އެމްޑީޕީން މަސައްކަތްތަކެއް ކުރަނީ، ވެރިކަމަށް ދަހިވެތިވާލެއް ބޮޑުކަމުން ހަނދާނެ ގޮތް ނޭނގިގެން ކަމަށް ވެރިކަން ކުރާ ޕީޕީއެމް އިން މިއަދު ބުނެފި އެވެ.

އެ ޕާޓީގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ މިއަދު "އަވަސް" އަށް ވިދާޅުވީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލި ބަޔަކީ ސީދާ އެމްޑީޕީން ކަމަށެވެ. އަދި ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް އެމްޑީޕީއާއެކު މިހާރު މަޝްވަރާ ކުރަމުން އަންނަ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް، ގާނޫނު އަސާސީއާ ހިލާފަށް ހައްޔަރު ކުރީ ވެސް އެމްޑީޕީގެ ސަރުކާރުގައި ކަމަށް ވާއިރު، އެފަދަ ބަޔަކާއެކު ޖޭޕީން މަޝްވަރާ ކުރުމަކީ ވެސް ޖޯކެއް ކަމަށް އަބްދުއްރަހީމް ސިފަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށް ޓަކައި، ކްރިމިނަލް ކޯޓްގެ އިސް ގާޒީ ހައްޔަރުކޮށް ކޯޓުތަކުގައި ތަޅުއަޅުވައި ސިޔާސީ ފަރާތްތައް ހައްޔަރު ކުރީ ވެސް އެމްޑީޕީންނެވެ. އެފަދަ ބަޔަކާއެކު ގާނޫނު އަސާސީ ހިމާޔަތް ކުުރުމުގެ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ގާނޫނު އަސާސީ މުގުރާލި ބަޔަކީ އެމްޑީޕީ. މިފަދަ ބަޔަކާއެކު ޖޭޕީން މަޝްވަރާގެ މޭޒުގެ ދޮށަށް ދިއުމަކީ ވެސް ސުވާލު އުފެދޭ ކަމެއް. އެ ގާނޫނު އަސާސީ މުގުރާލައިގެން ތިބެ ކިހިނެތްތޯ ގާނޫނު އަސާސީ ހިމާޔަތް ކުރާނީ. އެކަމުގައި އެބޭފުޅުންނަކަށް ނުދެއްކެވޭ މި ސަރުކާރުން ގާނޫނު އަސާސީއާ ހިލާފުވި ތަނެއް. އެކަމަކު އެމްޑީޕީން ގާނޫނު އަސާސީއާ ހިލާފުވިކަން އެތައް މައްސަަލައެއްގައި ކިތައް ކޯޓުންތޯ އެ އޮތީ ނިންމާފައި. މި ކުރަން އުޅޭ ކަމަކީ މަގުމަތި ހަލަބޮލިކޮށްލަން. މިއީ ވެރިކަމަށް ދަހިވެތި ވެފައި ތިބި ބަޔަކު ވެރިކަން ނުލިބިގެން އުޅޭ ގޮތެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަގުމަތި ހަލަބޮލިކޮށްލައިގެން ވެރިކަން އަތުލުމަށް އެއްވެސް ފަރާތަކަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި ގާނޫނު އަސާސީ އާއި ގާނޫނީ ވެރިކަން ހިމާޔަތް ކުރުމަށް އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ރައީސް ނަޝީދު ކުރެއްވި ގާނޫނު އަސާސީއާ ހިލާފު އަމަލުތަކަށް ޝަރީއަތް ހިންގައި އިންސާފު ހޯދައިދިނުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެއީ ވެސް ގާނޫނު އަސާސީ ހިމާޔަތް ކުރުމުގެ މަސައްކަތުގެ ބައެއްގެ ގޮތުގައި ހިމަނަން އެބަ ޖެހޭ. ޝަރުއީ ދާއިރާއަށް އަޅުގަނޑު ގޮވާލަން ނަޝީދު ގާނޫނު އަސާސީއާ ހިލާފަށް ކުރެއްވި ކަންކަމަށް އިންސާފު ހޯދައިދޭން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މި ސަރުކާރަށް އެއް އަހަރުވީ އިރު ރައީސް ޔާމީން ރައްޔިތުންނަށް ވެ ވަޑައިގެން ގިނަ ވައުދުތައް ފުއްދަވަމުން އަންނަ ކަމަށެވެ. އެގޮތުން ދުވަސްވީ މީހުންގެ އެލަވަންސް ބޮޑު ކުރެއްވުމާއި މަސްވެރިންނާއި ދަނޑުވެރިންނަށް އިންޝްއަރެންސް ތައާރަފް ކުރެއްވުމާއި ހުޅުމާލެ މަޝްރޫއާއި ހައުސިންގެ ގިނަ މަޝްރޫއުތައް ފައްޓަވައި ދެއްވާފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި އެމްޑީޕީ އާއި ޖޭޕީން މިހާރު މި ކުރާ ކަަމަކީ އެ ކަންތައްތަކުގެ ސަބަބުން މި ސަރުކާރަށް ރައްޔިތުންގެ ތާއީދު ބޮޑުވެފައިވާތީ، ކޮންމެވެސް އެއްޗެއް ކިޔައިގެން ސަރުކާރުގެ އަގު ވައްޓާލުމުގެ މަސައްކަތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"މި ކަންތައްތަކުގެ ސަބަބުން ރައްޔިތުންގެ ތާއީދު މި ސަރުކާރަށް އޮތްކަން އެބޭފުޅުންނަށް އެނގިވަޑައިގަތީ. އެހެންވެ މި ސަރުކާރު ދެމި އޮންނާނެކަން އެބޭފުޅުންނަށް ޔަގީންވި ހިސާބުން މި ވެރިކަމާ ދެކޮޅަށް މި ނިކުންނަނީ. އެބޭފުޅުންނަށް އެބަ ޔަގީންވޭ މި ސަރުކާރުގެ މަސައްކަތްތައް މިހިރަ ގޮތުން ދެން އޮންނަ ދައުރެއްގައި ވެސް މި ސަރުކާރު އޮންނާނެކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އިދިކޮޅު ހުރިހާ ޕާޓީތައް އެކުވެގެން އޯލް ޕާޓީ ޓޯކްސްގެ ނަމުގައި މަޝްވަރާތަކެއް ބާއްވަން އުޅުނު ނަމަވެސް އެ ބައްދަލުވުމުގައި މިހާތަނަށް ބައިވެރިވަނީ ޖޭޕީ އާއި އެމްޑީޕީ އެކަންޏެވެ. އެހެން ޕާޓީތަކުން ބުނެފައި ވަނީ މަޝްވަރާތަކުގައި ބައިވެރި ނުވާނެ ކަމަށެވެ.