ޑރ. މުހައްމަދު މުއިއްޒު

ދެކުނަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އެންމެ ދެކުނުގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފި އެވެ.

ރައީސް މިރޭ މާލެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފާއި ބައެއް ވަޒީރުންނެވެ.

ރައީސް މުއިއްޒު އައްޑޫ އާއި ފުވައްމުލައް އަދި ގއ. އަތޮޅާއި ގދ. އަތޮޅަށް ދަތުރުފުޅު ފެއްޓެވީ މިމަހުގެ 18 ވަނަ ދުވަހު އެވެ.

ރައީސްގެ މިދަތުރުފުޅުގައި ވަނީ ދެކުނުގެ ހަތަރު އަތޮޅުގެ ގިނަ ރަށްތަކުގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ވެސް ބައްދަލުކުރައްވާފަ އެވެ.

މީގެއިތުރުން އެތައް ބިލިއަން ރުފިޔާއެއްގެ މަޝްރޫއުތަކެއް ވަނީ ކުންފުނިތަކާ ހަވާލުކުރައްވާފަ އެވެ. އެގޮތުން އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުމީދޫ ބްރިޖުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭގެ މަސައްކަތް ވަނީ މިސްރުގެ ކުންފުންޏެއް ކަމަށްވާ ދަ އަރަބް ކޮންޓްރެކްޓާސްއާ ހަވާލުކޮށްފަ އެވެ.

ފުވައްމުލަކުގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތްވެސް މިދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ ފައްޓަވާދެއްވާފަ އެވެ.

ގއ. އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ވަނީ ވިލިނގިލި އިންޓަނޭޝަނަލް އެއާޕޯޓް އެޅުމަށާއި ޓޫރިޒަމް ޒޯނެއް ތަރައްގީކުރަން ދުބާއީގެ ބްރުޖު ހަލީފާ ހެދި ކުންފުނި -- ބެލްޖިއަމްގެ އެންވީ ބިސިކްސް އެސްއޭ އާ ހަވާލުކޮށްފަ އެވެ. އަދި ގދ. ތިނަދޫ އަށް ވަޑައިގެން ރައީސް ވަނީ ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓާއި އެ ސަރަހައްދުގައި ޓޫރިޒަމް ޒޯނެއް ތަަރައްގީކުރުމަށް ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑާ ހަވާލުކޮށްފަ އެވެ.