ދުނިޔެ

އަހަރެމެންނަށް ހަނގުރާމަ ކާމިޔާބުކުރެވޭނެ: ޒެލެންސްކީ

ރަޝިއާއާ ދެކޮޅަށް ކުރާ ހަނގުރާމާގައި، ކާމިޔާބު އޮތީ ޔުކްރޭނަށް ކަމަށް ވިދާޅުވެ އެ ގައުމުގެ ރައީސް ވޮލޮދިމީރު ޒެލެންސްކީ -- ޔުކްރޭން ހަނގުރާމައަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި އެއްވުމެއްގައި ވާހަކަދައްކަވައިފި އެވެ.

"ކާމިޔާބު ލިބޭނީ އަހަރެމެންނަށް،" ޔުކްރޭންގެ ވެެރިރަށް ކީޔެވްގެ ގޮސްޓޯމެލް އެއާޕޯޓްގައި، ބައިބޯ އެއްވުމަކާ މުޚާތަބުކުރައްވައި ޒެލެންސްކީ ވިދާޅުވި އެވެ.

މި އެއްވުމުގައި ކެނެޑާ، އިޓަލީ އަދި ބެލްޖިއަމްގެ ބޮޑުވަޒީރު ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި ޔޫރަޕިއަން ޔޫނިއަންގެ ކޮމިޝަނާ ޗީފް، އުރުސެލާ ވޮން ޑާ ލޭޔަން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތީ ފެބްރުއަރީ 24، 2022 ގަ އެވެ. އެ ދުވަހުގެ ވަރަށް ފަތިހުގެ ވަގުތެއްގައި ރަޝިއާގެ ޖެޓުތަކުން ޔުކްރޭންގެ އެކި މަގާމުތަކަށް ހަމަލާދިނުމާ ގުޅިގެން ގިނަ ބަޔަކަށް ހީވެފައި އޮތީ -- ޔުކްރޭން ތަޅާ ބަލިކުރަން ރަޝިއާއަށް ގިނަ ދުވަސްތަކެއް ބޭނުން ނުވާނެ ކަމަށެވެ.

ނަމަވެސް، މި ހަނގުރާމާގައި ރަޝިއާއަށް ވެސް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ލިބިފަ އެވެ. އަދި ދަނީވެސް ލިބެމުންނެވެ.

ޔުކްރޭން ކޮޅުގައި، އެ ގައުމަށް ވާގިވެރިވުމަށް އެމެރިކާއާ މުޅި ޔޫރަޕް އޮތްއިރު، ރަޝިއާ ބަލިކުރުން ޔުކްރޭނަށް ވަނީ ނުވުން ގާތް ކަމަކަށް ވެފަ އެވެ.

ފޯބްސް ކަހަލަ މަޝްހޫރު ދިރާސާ ކުންފުނިތަކުން ބުނާ ގޮތުން ޔުކްރޭން ހަނގުރާމަ، އެ ގައުމަށް ކާމިޔާބެއް ނުވާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރަޝިއާ އޮތީ ހަނގުރާމަ ދިގުދެމިންގެން ދާނެ ކަމަށް ލަފާކޮށް ދުރަށް ވިސްނައިގެންނެވެ. ޔުކްރޭނުން ދޭ ހަމަލާތައް އެއްވާނެއްގައި މަތަކޮށް ކުރިއެރިއަ ނުދިނުމަށް ރަޝިއާ އޮތީ ހުރިހާ ފިޔަވަޅެއް އަޅައިގެންނެވެ.

މި އެއްވުމުގައި ވާހަކަދެއްކެވި ހުރިހާ ލީޑަރުން ޔުކްރޭނަށް ހިތްވަރުދެއްވި އެވެ. ކަރުއެލުވައި ނުލުމަށާއި ހަނގުރާމާގައި މޮޅުވާނެ ކަމަށް އުންމީދުކުރުމަށް ވެސް ވިދާޅުވި އެވެ.

ރަޝިއާގެ އަވަށްތަކަށް ހަމަލާދިނުމަށް ޔުކްރޭނަށް ލިބޭ އެފް-16 ގެ ފައިޓަރު ޖެޓުތަކާ އެކު ޔުކްރޭނަށް ކާމިޔާބު ވާނެ ކަމަށް ވެސް ޔޫރަޕްގެ ލީޑަރުން ވިދާޅުވި އެވެ.

ޔޫރަޕްގެ ލީޑަރުން މިހެން ވިދާޅުވި ނަމަވެސް، އެމެރިކާއާ ޔޫރަޕުން ޔުކްރޭނަށް ފޯރުކޮށްދިން ޒަމާނީ ހަތިޔާރުގެ ބާރުގަދަކަމާ އެކު ވެސް، ޔުކްރޭން ދަނީ ފަހަތަށް ޖެހެމުންނެވެ.

ތަޖުރިބާކާރުން ދެކޭ ގޮތުގައި، ރަޝިއާގެ އަސްކަރީ ރޭވުންތައް ހުރި ގޮތަށް ބަލާއިރު، ޔުކްރޭން ހަނގުރާމަ އެ ގައުމުން ބޭނުންވާ ކަހަލަ ކާމިޔާބަކުން އެ މީހުންނަށް ކާމިޔާބެއް ނުވާނެ އެވެ.