ޑރ. މުހައްމަދު މުއިއްޒު

ވަށަފަރު ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ފަށަނީ

ވަށަފަރު ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒުގެ ބައްޕަ ނިސްބަތްވާ ވަށަފަރަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ވަކި ރަށެއް ތަފާތުނުކޮށް ހިދުމަތްތައް ހަމަހަމަކަމާ އެކު ފޯރުކޮށްދޭނެ ކަމަށެވެ.

ވަށަފަރުގައި ކުރިއަށް ގެންދަންޖެހޭ މަޝްރޫއުތައް ކުރިއަށް ގެންދާނެކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ވަށަފަރު ރައްޔިތުން މިވަގުތު އެންމެ ބޮޑަށް އެދެނީ ބިން ހިއްކުމަށް ކަމަށްވާތީ އެކަން ކޮށްދެއްވާނެ ކަމަށެވެ.

"ބިން ހިއްކުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ހިންގައިދޭނަން. ރައްޔިތުން އެދޭގޮތަށް މި ޕްރޮޖެކްޓް ގެންގޮސްދޭނަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ފެނާއި ނަރުދަމާ ގާއިމުކުރުމަށް ވަށަފަރުގައި ކުރިއަށް ގެންދިޔަ މަޝްރޫއު މަޑުޖެހިފައިވާތީ އެ މަޝްރޫއު ފަށައިދީ އަވަހަށް ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ކުނި މެނޭޖުކުރުމަށް ހަރުދަނާ ނިޒާމެއް ގާއިމުކޮށްދިނުމާ އެކު ސްކޫލުގައި މަލްޓި ޕާޕަސް ހޯލެއް އަޅައިދީ ރަށުގެ ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ގާއިމުކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ދައުލަތުގެ ބަޖެޓުގައި ތަރައްގީގެ މަޝްރޫއުތަކަށް ހިމަނާފައި ހުރި ފައިސާ މަދު ކަމުންނާއި އިގްތިސާދީ ހާލަތު ހުރި ގޮތުން ބައެއް މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ދަތިތައް ހުންނަ ކަމަށެވެ. ނަމަވެސް މިސަރުކާރުގެ ފުރިހަމަ ބާރުވެރިކަމުގައި އެކުލަވާ ބަޖެޓެއް އެކުލަވާލަނީ މަޝްރޫއުތައް އަވަހަށް ނިންމޭ ގޮތަށް ކަމުގައިވެސް ވިދާޅުވި އެވެ.

ގާތްގަނޑަކަށް 900 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ވަށަފަރު ކައުންސިލް މެންބަރުންނާ ވެސް ރައީސް މުއިއްޒު މިއަދު ވަނީ ބައްދަލުކުރައްވާފަ އެވެ.