ހއ. ކެލާ

ކެލާ ފަޅުގައި ރިސޯޓެއް ހެދުން ހަގީގަތަކަށް ހަދައިދޭނަން: ރައީސް

ހއ. ކެލާ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީކުރުން ހަގީގަތަކަށް ހަދައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒު މިއަދު ކެލާ ރައްޔިތުންނާ ބައްދަލުކުރައްވާ ވިދާޅުވީ ކެލާ ފަޅުތެރޭގައި ތަރައްގީ ކުރެވޭ ރިސޯޓުގެ ފައިދާ ކެލާއާއި މުޅި އަތޮޅަށް ކުރާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުވާ ވަރަށް ދަނޑުވެރިކަން ތަރައްގީކުރަން ސަރުކާރުން ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ ވަރަށް ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި އުފެއްދޭނީ ވަރަށް ފުޅާކޮށް އެ މަސައްކަތްކޮށްގެން ކަމުގައިވެސް ވިދާޅުވި އެވެ.

"ކެލާއަކީ މިކަމުގައި މުހިއްމު ދައުރެއް އަދާކުރާ ރަށަކަށް ވާން ބޭނުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި އެކި ރަށްރަށުގައި ގެދޮރުވެރިކަން ގާއިމުކުރުމަށް ހައުސިން މަޝްރޫއުތައް ހިންގުމަށް ކަނޑައަޅާފައިވާ ޕްލޭންގެ ދަށުން ކެލައަކީ އިސްކަންދޭނެ ރަށެއް ކަމަށެވެ. އެގޮތުން އިގްތިސާދީ ކަންކަމަށް ފަހިކުރުމަށްޓަކައި އަދި ކެލާ ތަރައްގީވާނެ ގޮތަށް ގެދޮރުގެ ވަސީލަތްތަކާ ފަތުރުވެރިކަން، ދަނޑުވެރިކަން ފަދަ ސިނާއަތްތަކުން ފުރުސަތުތައް ތަނަވަސްވާ ރަށަކަށް އެރަށް ހަދައިދޭނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވެވި އެވެ.