ނެއްލައިދޫ

ނެއްލައިދޫ ރައްޔިތުންނަށް ހިރިނައިދޫ ހަމަޖައްސައިދެނީ

ހދ. ނެއްލައިދޫ ރައްޔިތުންނަށް އިގްތިސާދީ ނަފާ ހޯދޭނެ ރަށެއްގެ ގޮތުގައި ކައިރީގައިވާ ހިރިނައިދޫ ހަމަޖައްސަވައި ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ނެއްލައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު ގައެވެ. ރައީސް ވިދާޅުވި ގޮތުގައި ކައުންސިލުން އެރަށް ހޯދުމަށްޓަކައި އެކަމަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅައިދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

އެކިކަހަލަ މަސައްކަތްތައް ކުރާ މަސައްކަތްތެރިންނަށް އެމީހުން އެކުރާ މަސައްކަތަކުން އާމުދަނީ ހޯދޭނެ ވަސީލަތްތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ރައީސް މުއިއްޒުގެ ސަރުކާރުގެ ވަޢުދެކެވެ.

މިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން ކުރެވޭ މަސައްކަތުގެ ދަށުން މަސްވެރިކަމުގެ ދާއިރާއާއި އެހެންވެސް ފަންނުވެރި ދާއިރާތަކުގެ އުފެއްދުންތައް ވިއްކާނެ ޕްލެޓްފޯމެއް ގާއިމު ކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހދ. އަތޮޅާއި އަދި މުޅި އުތުރުގެ ހަތަރު އަތޮޅަށްވެސް އެންމެ މުހިއްމު ކަމަކީ އެ ސަރަހައްދުގައި ފަތުރުވެރިކަން ފުޅާކުރުން ކަމަށެވެ. އެގޮތުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީވެގެން އަންނައިރު ހާއްސަކޮށް ހދ. އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރުމުގެ މުހިއްމުކަން ރައީސް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ރައީސް ވަނީ ނެއްލައިދޫގެ ރައްޔިތުން ބޭނުންވާ ގޮތަށް އެރަށުގައި ހައުސިން މަޝްރޫއު ކުރިއަށް ގެންގޮސްދެއްވާނެ ކަމަށާއި އަދި ރަށުގެ ތަރައްގީއަށް ހުރި ކަންކަން ފުރިހަމަކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވެފަ އެވެ.