އެސްޓީއޯ

އެޕޯލޯގެ ޓަވަރުތަކަށް ލިފްޓު ސަޕްލައިކުރުން އެސްޓީއޯއާ ހަވާލުކޮށްފި

އެޕޯލޯ ކުންފުނިން ހުޅުމާލޭގައި ތަރައްގީ ކުރަމުންގެންދާ ނުވަ އެޕާޓްމަންޓް ކޮމްޕްލެކްސްއަށް ބޭނުންވާ 46 ލިފްޓް ސަޕްލައިކޮށް އިންސްޓޯލް ކުރުމަށް އެސްޓީއޯއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ލިފްޓް ފޯރުކޮށްދީ އިންސްޓޯލްކުރުން އެސްޓީއޯއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިއްޔެ އެވެ.

މި އެއްބަސްވުމުގެ ދަށުން އެޕޯލޯއިން ތަރައްގީ ކުރާ ފުރަތަމަ ދެ ޓަވަރަށް މި އަހަރު ތެރޭގައި ލިފްޓު ސަޕްލައިކޮށް އިންސްޓޯލް ކުރެވިގެންދާނެ އެވެ. އަދި މިއެއްބަސްވުމުގައި ހިމެނޭ ގޮތުން ކޮންމެ ޓަވަރެއްގައިވެސް މަދުވެގެން ޖުމްލަ ފަސް ލިފްޓް ހަރުކުރެވިގެން ދާނެ އެވެ.

ލިފްޓު މާކެޓުގައި މިހާރު ރާއްޖޭގައި އެންމެ މަގްބޫލު އެއް ލިފްޓު ބްރޭންޑް ކަމަށްވާ "ކޯނޭ"ގެ ރާއްޖޭގެ ޑިސްޓްރިބިއުޓަރަކީ އެސްޓީއޯ އެވެ.

އެޕޯލޯ ޓަވަރުތަކުގައި ހަރުކުރެވިގެންދާ "ކޯނޭ" ލިފްޓުތައް ވެގެން ދާނީ އެންމެ ޒަމާނީ އަދި ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ ފީޗާތައް ހިމެނިގެންދާނެ ލިފްޓްތަކެއް ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

އެސްޓީއޯއިން ވަނީ މީގެ ކުރިންވެސް ރާއްޖޭގެ ރިއަލް އެސްޓޭޓް މާކެޓުގައި ހިމެނޭ ބޮޑެތި ޕްރޮޖެކްޓް ތަކެއްގައި "ކޯނޭ" ލިފްޓު ހަރުކޮށް ދީފަ އެވެ.

ކޯނޭ ބްރޭންޑަކީ ދުނިޔޭގައި ލިފްޓާއި އެސްކެލޭޓާ އިންޑަސްޓްރީގެ ވިދުންގަދަ އެއް ނަމެވެ. "މެޝިންރޫމްލެސް" ލިފްޓް ދުނިޔެއަށް ތައާރަފް ކުރީ މިބްރޭންޑުންނެވެ. މިކަން ވެގެން ދިޔައީ ލިފްޓް ޓެކްނޮލޮޖީއަށް އައި އިންގިލާބީ ބަދަލަކަށެވެ.