ރަށްރަށުގެ ތަރައްގީގެ ކަންކަން ކުރިއަށް ގެންދާނީ ރައްޔިތުން އެދޭގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ވާދޫ ކައުންސިލާ އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ އެކު ރ. އަލިފުށީގައި ބޭއްވި ބައްދަކުރެއްވުމު ގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލްގެ މެންބަރުން، ވާދޫގެ ތަރައްގީއަށް މިވަގުތު އެންމެ މުހިއްމު ކަންކަމުގެ ގޮތުގައި ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި ކުނިކޮށި އެހެން ސަރަޙައްދަކަށް ބަދަލުކުރުމާއި ބަނދަރު ތަރައްގީކުރުން ހިމެނެ އެވެ.
ކައުންސިލަރުން ވިދާޅުވީ ވާދޫ އިން ގޯތި ދޫކުރެވޭނެ ގޮތް ވީހާވެސް އަވަހަށް ހަމަޖެހިގެން ދިއުން މުހިއްމު ކަމަށާއި އަދި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތް ހުއްޓިފައި އޮތުމަކީ ކަންބޮޑުވުމެއް ކަމަށެވެ. ކައުންސިލު އިދާރާގެ ޖާގައިގެ ދަތިކަމާއި އަދި މިނޫންވެސް ރަށުގެ ތަރައްގީއަށް މުހިއްމު ބައެއް އެހެން ކަންކަންވެސް ކައުންސިލަރުން ފާހަގަކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުނިކޮށި އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ކުރަންޖެހޭ އިންތިޒާމުތައް ކުރެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި ރަށުގެ ތަރައްގީގެ ކަންކަން ކުރިއަށް ގެންދާނީ ރަށުގެ ރައްޔިތުން އެދޭގޮތަށް ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.