މިފްކޯ އިން މަސްވެރިންނަށް ދޭންޖެހިފައިވާ ހުރިހާ ފައިސާއެއް ރޯދަ މަސް ފެށުމުގެ ކުރިން ދިނުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރ. ދުވާފަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ މިއަދު ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަކީ މި ސަރުކާރުން ފުޅާކުރުމަށް އެންމެ ބޭނުންވާ އެއް ސިނާއަތް ކަމަށެވެ. އެހެންކަމުން މިފްކޯ އިން މަސްވެރިންނަށް ދޭންޖެހިފައިވާ ހުރިހާ ފައިސާއެއް، ރޯދަ މަސް ފެށުމުގެ ކުރިން ދިނުމަށް މަސައްކަތްތަކެއް ކުރެވި އިންތިޒާމުތަކެއް ހަމަޖައްސަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދިނުމަށްފަހު ނުވަތަ "ބެކް ލޮގް" ސާފުކުރުމަށްފަހު މަސްވެރިންނަށް ދޭންވާ ފައިސާ އެއްވެސް ވަރަކަށް ފަހަށް ނުބަހައްޓައި، 48 ގަޑިއިރު ތެރޭގައި ދެމުން ގެންދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މިގޮތަށް ހެދުމުން މަސްވެރިންނަށް ފައިސާ ނުލިބި ދިމާވާ މައްސަލަތައް ހައްލުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޓެކްސް ބޭސް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ބައެއް މައުލޫމާތުވެސް ހިއްސާކުރައްވާފަ އެވެ. އެގޮތުން ނުހެދި ހުރި ރިސޯޓްތައް ހަދައި، ފަތުރުވެރިކަމުގެ ސިނާޢަތަށް އިންވެސްޓަރުން އިތުރުކޮށް، ފަތުރުވެރިކަން ފުޅާވުމުން ޓީޖީއެސްޓީ އިތުރުވެ، ޓެކްސް ބޭސް ފުޅާވެގެން ދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ކުރައްވާނީ ރައްޔިތުންގެ ވެރިކަމެއް ކަމަށެވެ. އެގޮތުން ވަރަށް ގިނަ ރައްޔިތުންނާއި، ކައުންސިލްތަކުން ފާހަގަކުރާ ރަށު ޕިކަޕަކީ، ވަރަށް ގިނަ ފަސޭހަތަކެއް ލިބޭ ދުއްވާ އެއްޗެއް ކަމުގައި ފާހަގަކުރައްވައި، މި އަންނަ މަހުން ފެށިގެން ރަށު ޕިކަޕުން ނަގާ ފީ އެއްކޮށް އުވާލާނެކަމުގައި ވިދާޅުވި އެވެ.
"މި ކަމުގެ ސަބަބުން ރައްޔިތުންނަށް ފަސޭހަތަކެއް ލިބި އިންޖީނުލީ އުޅަނދުގެ ބަދަލުގައި ތިމާވެއްޓާ ރަށްޓެހި، އުޅަނދު ބޭނުންކުރުމަށް މަގިފަހިވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ދުވާފަރަކީ، ރައީސް މުއިއްޒު ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި ހަތަރުވަނަ މަންޒިލެވެ.