ހަބަރު

ފެހުރިހި ފުންކުރި ބަދަވިންގެ ލޯބި!

Jan 27, 2015

ހުޅަނގުން މަޑު ރޯޅިއެއް ޖެހެމުން ދިޔަ ދުވަހެކެވެ. ޣަނީ އޭނާގެ ހަތަރު އެކުވެރިންނާ އެކު ނިކުތީ ފަރު މަސްވެރިކަމަށެވެ. މ. މަޑުއްވަރިއާ މާދުރު ނޫން ހިސާބެއްގައި އޮންނަ "ކަނޑިންމަ ފިނޮޅު" ފަރު ބޭރަށެވެ. ނުކުތްތާ މާ ގިނަ އިރެއް ނުވެ ބިޔަ ކުރު މަހެއް ވަދުގައި ޖެހިއްޖެ އެވެ. ކުރުމަސް ދަމަމުން ދިޔަ ޣަނީގެ ނަޒަރު ހުއްޓުނީ ފަރުމައްޗަށެވެ. ފަރުމަތީގައި މަރަށް ތެޅިތެޅި އޮތް ބިޔަ މަހަކަށެވެ. މަސްވެރިކަމަށް ނިކުތް މީހުން އަވަސްވެގަތީ އެ ބިޔަ މަހުގެ ފުރާނަ ސަލާމަތް ކުރުމަށެވެ. މިއީ މަޑުއްވަރީ ކައިރީގައި އޮތް ފަރަށް ބީހިފައި އޮތް ފެހުރިހި ސަލާމަތް ކުރި "ބަދަވިގެން" ވާހަކަ އެވެ.

"ކުރު މަސް ޖެހުނު ވަގުތު އަޅުގަނޑަށް ކުއްލިއަކަށް ފެނިއްޖެ ތޮށިމަތިން ދެ އުރަހަ. ބެލިއިރު އެ ދިމާލަށް ވަދެވޭކަށް ނޯވެ ފަރު ވަށާލާފައި ނޫނީ. އެކަމަކު ފަރު ވަށާލާފައި ގޮސް ފެހުރިހި ފުންކުރީ،" ކަނޑިންމަ ފިނޮޅަށް ބީހިފައި އޮތް ފެހުރިހި ފުން ކުރުމުގެ މަސައްކަތް ކުރި ހަތަރު މީހުންގެ ތެރެއިން އެކަކު ކަމަށްވާ، އަބްދުލް ޣަނީ ބުންޏެވެ.

ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ވޭލް ޝާކް (ފެހުރިހި) ފުންކޮށްފައިވަނީ މަޑުއްވަރި ހީނާމާގޭ، އަބްދުއް ލަތީފު އަބްދުއް ރަހުމާނާއި ބިޖިލީގޭ، މުހައްމަދު ޝައުގަތުގެ އިތުރުން ސިނިއާގެ މުހައްމަދު ސިރާޖާއި ދަފުތަރު، އަބްދުލް ޣަނީ މުހައްމަދެވެ. ދިރޭތަކެތީގެ ނަސްލު ހިމާޔަތް ކޮށްދިނުމުގެ ސަބަބުން، ތިމާވެއްޓާ ބެހޭ މިނިސްޓްރީ ވަނީ އެކަމުގެ އަގު ވަޒަން ވެސް ކޮށްފަ އެވެ.

ޣަނީ ބުނި ގޮތުގައި ފެހުރިހި ބޭރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ.

"ފެހުރިހި ބީހިފައި އޮތްތަން ފެނުމުން ކުރުމަސް ބޭނުން ހުއްޓާލާފަ އެ ފުން ކުރަން އުޅުނީ. ފުރަތަމަ އުޅުނީ ދަނޑިއެއް ޖައްސައިގެން ގަލުން އެއް ފަރާތްކޮށްލަން ވެގެން. ދެން ހަމަ އެހެން އުޅެނިކޮށް އޭގެ ކަންފަތުގައި ހިފީމަ ކުޑަކޮށް އެ މައިތިރި ވެއްޖެ. ދެން އެތަނުގައި އޮތް ގާގަނޑުން ނައްޓައިގެން މަޑުމަޑުން ގެންދިޔައީ،" ގަނީ ބުންޏެވެ.

އޭނަ ބުނި ގޮތުގައި މި މަސައްކަތް ކުރުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އޭތި "ބަސް ނޭހުމެވެ"

"އަޅުގަނޑުމެން ގެންދަން ބޭނުންވާ ގޮތަކަށް ބައެއް ފަހަރަކު ނުގެންދެވޭ. ވަރަށް މަސައްކަތުން ގެންދިޔައީ. މި މަސައްކަތް ކުރެވުނީ ދޮޅު ގަޑިއިރުގެ މަސައްކަތުން،" ގަނީ ބުންޏެވެ.

ޣަނީ ބުނި ގޮތުގައި މި ފެހުރިހި ފުންކޮށްލީ އެއީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ އެއްޗަކަށް ވެގެން ނޫން ކަމަށެވެ.

"އަޅުގަނޑުމެން ހިތުގައި އުފެދުނު ހަމްދަރުދީއަކުން އެކަން ކުރީ. ކޮންމެހެން ގަވަރުމެންޓުގެ ކަމަށް ނުބަލަން،" ގަނީ ބުންޏެވެ.

އޭނާ ބުނީ މިކަން ކުރީ ބަޔަކު އަގު ވަޒަން ކުރާނެ ކަމަށް ބަލައިގެން ނޫން ކަމަށެވެ.

"އަޅުގަނޑު މިހުރީ ހައިރާންވެފަ. މިވާހަކަ މިހާ ހިސާބަށް އައީމަ. މިކަން އަޅުގަނޑުމެން ކުރީ ބަޔަކު އަގު ވަޒަން ކުރާނެ ކަމަކަށް ނޫން. އެކަމަކު އަގު ވަޒަން ކުރީތީ ސަރުކާރަށް ޝުކުރު އަދާކުރަން."