ބ. މާއްޑޫ އަކީ ބ. އޭދަފުށީގެ ބައެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.
ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ އޭދަފުށްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މާއްޑޫ އަކީ އޭދަފުށި ރައްޔިތުންގެ ރަށެއްގެ ގޮތުގައި ހަމަޖެއްސުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ރައީސް މުއިއްޒު ވިދާޅުވީ މާއްޑޫ އޭދަފުށީގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމާ އެކު މި ހަފްތާގެ ތެރޭގައި ކަމާ ގުޅޭ ލިޔުންތައް އޭދަފުށި ކައުންސިލާ ހިއްސާކުރާނެ ކަމަށެވެ. އޭދަފުށްޓަކީ ފަޅުން ބިންހެއްކޭނެ އެންމެ ބޮޑަކަށް ހިއްކާފައިވާ ރަށަކަށް ވާތީ މާއްޑޫ އަކީ އޭދަފުށިގެ މުސްތަގުބަލަށް މުހިއްމު ރަށަކަށް ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
"ދެން އެރަށުގައި އޭރުން ގެދޮވެރިކަމާއި އުމުރާނީ ތަރައްގީއާއި ދެން މިހުރި ހުރިހާ ކަމަކަށް އެރަށް ޕްލޭން ކޮށްގެން ކައުންސިލާއި ސަރުކާރާ ގުޅިގެން ކުރިއަށް ގެންދަންވީ ހުރިހާ ކަމެއް ކައުންސިލުން ކުރިއަށް ގެންދަވަންވީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އޭދަފުށްޓަކީ މިސަރުކާރުން ތަރައްގީކުރަން ނިންމާފައިވާ ހަތް އާބަން ސެންޓަރުގެ ތެރޭގައިވެސް ހިމެނޭ ރަށެއް ކަމަށެވެ. އެހެންކަމުން މިސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން އެންމެ އިސްކަންދޭ ރަށްތަކުގެ ތެރޭގައި އޭދަފުށި ހިމެނޭނެ ކަމަށްވެސް ވިދާޅުވި އެވެ.
މިރަށަށް ބޭނުންވާ އަދަދަށާއި އަދި މިދެންނެވި އާބާދީއާއި ތަރައްގީ އެއްފަސް ކުރުމަށްޓަކައި އާބާދީ ބޮޑުކުރުމަށާ އެކީގައި ބޭނުންވާ ވަރަށް މަދު ނުވާވަރުގެ ބޮޑު ހައުސިން މަޝްރޫއެއް އިރާދަކުރެއްވިއްޔާ މިރަށުގައި ހިންގަދޭނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު ރ. އަތޮޅާއި ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށްވެސް އެންމެ ގިނަ ބަޔަކު ނިކުތީ އޭދަފުށިން ކަމަށެވެ. އެކަމަށްޓަކައި ރައީސް ވަނީ އޭދަފުށި ރައްޔިތުންނަށް ޝުކުރުވެސް އަދާކުރައްވާފަ އެވެ.