ޑރ. މުހައްމަދު މުއިއްޒު

ހައިޑްރޮގްރަފީ ސާވޭއަށް ބޭނުންވާ ވަސީލަތްތައް ހޯދަނީ

ރާއްޖޭގެ ކަނޑުގެ ހައިޑްރޮގްރަފީ ސާވޭ އަމިއްލައަށް ހެދުމަށް ބޭނުންވާ ވަސީލަތްތައް ހޯދަން ފަށައިފި އެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ބ. އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

އެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ހައިޑްރޮގްރަފީ ސާވޭ ހަދަން ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ޑިފެންސް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

އެ ވަސީލަތްތައް ލިބުމުން ރާއްޖޭގެ ކަނޑުގެ ހައިޑްރޮގްރަފީގެ މަސައްކަތް ކުރާނީ ރާއްޖެއިން އަމިއްލައަށް ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގެ ކަނޑުގެ ހައިޑްރޯގްރަފީ ސާވޭގެ މަސައްކަތް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާއާ ހަވާލުކޮށް ހެދި އެއްބަސްވުން އާ ނުކުރަން މި ސަރުކާރުން ނިންމާފައިވާއިރު ރޭގެ ޖަލްސާގައި ރައީސް މުއިއްޒު ވަނީ އެ އެއްބަސްވުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންގެ ތަރިކަ މުދާ ކަނޑު އަޑީގެ ހުރިހާ ތަފުސީލަކީ. އެ ހުރިހާ ތަފުސީލެއް އެ ބޭފުޅުންނަށް ލިބޭ ގޮތަށް ސްކޭން ހަދައިގެން މެޕް ހަދައިގެން ގެންގޮސް އަދި އަޅުގަނޑުމެން ގަންނަން ވެސް ޖެހެނީ އެ ބޭފުޅުންގެ އަތުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން އިންޑިއާ ސަރުކާރާއެކު ހަދާފައިވާ ހައިޑްރޯގްރަފީ އެއްބަސްވުން އާ ނުކުރުމަށް ނިންމާ އެކަން ސަރުކާރުގެ ފަރާތުން ހާމަކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ސަރުކާރުން އޭރު ހާމަކުރި ގޮތުގައި އެއްބަސްވުން އާ ނުކުރުމުން މިއަހަރުގެ ޖޫން ހަތް ވަނަ ދުވަހަށް އެއްބަސްވުން ނިމުމަކަށް އަންނާނެ އެވެ.