ޑރ. މުހައްމަދު މުއިއްޒު

ކުލަ ހެދުމުގައިވެސް އިންޑިއާ ސިފައިން ނުތިބޭނެ: ރައީސް

މިއަހަރުގެ މެއި 10 ވަނަ ދުވަހުން ފެށިގެން ޔުނީފޯމް ނުވަތަ ކުލަ ހެދުމުގައިވެސް އިންޑިއާ ސިފައިން ރާއްޖޭގައި ނުތިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބ. އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ރޭ ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް ސަރުކާރުން ކާމިޔާބު މަސައްކަތްތަކެއް ކުރާތީ ދޮގު ހަދާ އޮޅުވާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ގޮތުން ކުލަ ހެދުމުގައި ސިފައިން އަންނަނީ ކަމަށް ބުނެ ޝައްކު އުފައްދަން އުޅޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވަނީ މެއި 10 އަންނައިރު ރާއްޖޭގައި އިންޑިއާ ސިފައިން ނުތިބޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

"އެއީ ޔުނީފޯމް ގަތޯ، ކުލަ ހެދުމުގަތޯ އެއް ނޫން. އެއްވެސް ކަހަލަ ހެދުމެއްގައި އިންޑިއާ ސިފައިންނެއް މި ރާއްޖެއަކު ނުތިބޭނެ. އެކަން ޔަގީންކަމާ އެކު ދަންނަވަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އެންމެ ލަސްވެގެން މިއަހަރުގެ މެއި 10 ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ފޭބުމަށް ރާއްޖެ އާއި އިންޑިއާއިން އެއްބަސްވެފައިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާ ގުޅޭގޮތުން ދެ ގައުމުގެ އިސްވެރިންގެ މެދުގައި އެކުލަވާލާފައިވާ ހައި ލެވެލް ކޯ ގްރޫޕުގެ ބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުންތަކަށްފަހު އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފުރަތަމަ ގުރޫޕް މި މަހު އަދި ފަހު ގުރޫޕް މިއަހަރުގެ މެއި 10 ވަނަ ދުވަހު ބޭލުމަށް ދެ ގައުމުގެ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ހާމަކުރީ ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގަ އެވެ.