މަސްތުވާތަކެތި

425 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ނައްތާލައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 425 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ނައްތާލައިފި އެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި އެކި މައްސަލަތަކާ ގުޅުންހުރި 125 ކިލޯގެ މަސްތުވާތަކެތި ހުރި ނަމަވެސް ދޫނިދޫގައި އިއްޔެ ނައްތާލީ 103 ކިލޯގެ މަސްތުވާތަކެއްޗެވެ.

ނައްތާލި މަސްތުވާތަކެތީގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ހެރޮއިން އާއި، ކެނަބިސްއާއި ކޮކެއިން އެވެ. މީގެއިތުރުން މެތް، ކެނިނޯން، ކެޓަމިން އަދި އެލްއެސްޑީވެސް ހިމެނެ އެވެ.

ފުލުހުން އިއްޔެ ނައްތާލި 958 މައްސަލައިގައި ހިމެނޭ މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 8،293 ރަބަރު ޕެކަޓާއި، 2،731 ސެލޯފިންކޮޅާއި، ފިލްމު ހުސްކުރި 237 ދަޅާއި، 585 ބުލެޓާއި، 30 ބިޑި އެވެ. މަސްތުވާތަކެތީގެ ބާވަތްތައް އަޅާފައި ހުރި އެހެން ބައެއް ތަކެތިވެސް ފުލުހުންގެ ބެލުމުގެ ދަށުގައި އެބަހުއްޓެވެ.

ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން މީގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިފަސް އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ މުޅި މައްސަލައަށް ދާއިމީ ހައްލެއް ހޯދުން ކަމަށެވެ.

މަސްތުވާތަކެތި ނައްތާލުމަށް އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތުގައިވެސް މިނިސްޓަރު އިހްސާނާއި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.