ސަރުކާރުން ރައްޔިތުންނަށްޓަކައި ކުރަން ބޭނުންވާ ކަންކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނަމަ އެކަންކަން ބާރު ދުވެލީގައި ކުރިއަށް ގެންދެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބ. ހިތަދޫއަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ރައްޔިތުންގެ އުއްމީދުތަކުގައި އެމަނިކުފާނު ކުލަޖައްސަވައި ދެއްވާނެ ކަމަށެވެ.
"ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދޭއިރު ރައްޔިތުން އެންމެ ބޭނުންވާ ކަންތައްތަކަށް އިސްކަންދީގެން މަސައްކަތް ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ހިތާދޫއަށް ބޮޑުވެފައި އޮތް ބަނދަރުގެ މަޝްރޫއަށް ރައްޔިތުން ބޭނުންވާ ބަދަލުތައް ގެނެސް އެ މަޝްރޫއު މިސަރުކާރުން ފުރިހަމަކޮށްދެއްވާނެ ކަމަށެވެ. އަދި ހިތާދޫގެ ބިން އިތުރުކުރުމުގެ މަޝްރޫއު މި އަހަރު ތެރޭގައި ފެށުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކުޅިވަރުގެ ދާއިރާއާއި، ސިއްހީ އަދި ތައުލީމީ ދާއިރާއިން ހިތާދޫގެ ރައްޔިތުން އެދިވަޑައިގަންނަވާފައިވާ ހުރިހާ ކަމެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. މީގެއިތުރުން ރައްޔިތުންނާއި ރަށުގެ ތަރައްގީއަށް ކަންކަން ކޮށްދެއްވައި ރައްޔިތުންނަށް ނަތީޖާ ނެރެދެއްވުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމުގައިވެސް ވިދާޅުވި އެވެ.
ހިތާދޫކީ ރައީސް މުއިއްޒު ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަޑައިގެންނެވި ދެވަނަ ރަށެވެ.