ދުނިޔެ

ޔުކްރޭނަކީ ރަޝިއާގެ ބައެއް: މެޑްވެޑޭފް

ޔުކްރޭން އަކީ ރަޝީއާގެ ބައެއް ކަމަށާއި ޔުކްރޭންގެ ވެރިކަމުގައި ތިބި ބަޔަކާ ސުލްހަވުމަކީ ބޭކާރު ކަމެއް ކަމަށް ރަޝިއާ ސަލާމަތީ މަޖިލީހުގެ ޑެޕިއުޓީ ޗެއާމަން ދިމިތުރީ މެޑްވެޑޭފް ވިދާޅުވެއްޖެ އެވެ.

ދިމިތުރީ މެޑްވެޑޭފް އަކީ ރަޝިއާގެ މިހާރުގެ ރައީސް ލަޑިމިއާ ޕޫޓިންގެ ވަރަށް އަރިސް ބޭފުޅެކެވެ. އޭނާ ވަނީ ރަޝިއާގެ ރައީސްކަމާއި ބޮޑުވަޒީރުކަންވެސް ކުރައްވާފަ އެވެ.

މެޑްވެޑޭފް ވިދާޅުވި ގޮތުން ޔުކްރޭން ރަޝިއާއާ ގުޅުވާލަން ޖެހެ އެވެ. އޭނާ އަދި ވިދާޅުވީ ޔުކްރޭނަށް މަދަދުވެރިވާ ބާރުތައް ބިމާހަކުރެވެންދެން ރަޝިއާގެ ހާއްސަ އޮޕަރޭޝަންތައް ކުރިއަށް ދާނެ ކަމަށެވެ. ޔުކްރޭން އަކީ ރަޝިއާގެ ބައެއް ކަމަށް ގަބޫލުނުކުރާ މީހުންނަށް މާޒީގައި ކަން ހިނގާފައި އޮތް ގޮތް ކިޔައިދޭން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔުކްރޭންގެ ނަމުގައި މިހާރު ދުނިޔެ ގަބޫލުކުރާ ސަރަހައްދަކީ ރަޝިއާގެ ބިމެއް ކަމަށާއި ޔުކްރޭނަށް ލިބުނަސް ލިބޭނީ މިހާރު އޮތް ސަރަހައްދުގެ ދެބައިކުޅަ އެއްބަޔަށް ވުރެވެސް ކުޑަ ސަރަހައްދެއް ކަަމަށްވެސް ވިދާޅުވި އެވެ.

މެޑްވެޑޭފް ވިދާޅުވީ ވޮލޮދޮމީރު ޒެލެންސްކީއާ މަޝްވަރާކުރުމަކީ ރަޝިއާ ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ. ރަޝިއާއަށް އެއްބަސްވެވޭ ގޮތަކަށް ޔުކްރޭންގައި ގާއިމުކުރާ ސަރުކާރަކާ އެކު މަޝްވަރާ ކުރެވިދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމަ އަކީ ރަޝިއާއާއި ޔުކްރޭނާ ދެމެދު ހިނގާ ހަގުރާމައެއް ނޫން ކަމަށްވެސް މެޑްވެޑޭފް ވިދާޅުވި އެވެ. އެއީ ރަޝިއާއާ ދެކޮޅަށް ހުޅަނގުން އިއުލާންކޮށްގެން އުޅޭ ހަނގުރާމައެއް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަނގުރާމައިގައި ކިތަންމެ ދުވަހެއް ހޭދަކުރަން ރަޝިއާއަށް ޖެހުނު ނަމަވެސް ހުޅަނގަށް ދޫ ނުދެއްވާނެ ކަމަށެވެ. ރަޝިއާ އަކީ ހުޅަނގުން ގަބޫލުކުރާ ކަހަލަ އާރެއް ބާރެއް ނެތް ގައުމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

ރަޝިއާއާ އެކު ސީރިއަސްކޮށް ހަނގުރާމަ ކުރަން ބޭނުން ބަޔަކާ ސީރިއަސްވާން ރަޝިއާއަށްވެސް އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަށް އެކަށީގެންވާ ހަތިޔާރު ރަޝިއާގައި އުފައްދާ ކަމަށްވެސް ވިދާޅުވި އެވެ.