ޔޫކްރޭނުން ޕޮލެންޑާ އެކު 750 މިލިއަން ޔޫރޯގެ ހަތިޔާރު އެއްބަސްވުމެއްގައި ސޮއިކޮށްފިި އެވެ. މި ހުރިހާ ހަތިޔާރެއް ވެސް އުފައްދާނެ ކަމަށް ވަނީ ޕޮލޭންޑްގެ ކުންފުންޏަކުންނެވެ.
ޔުކްރޭން ހަނގުރާމަ އަށް ބޭނުންވާ ހަތިޔާރު ގަތުމަށް ޓަކައި ޔުކްރޭންގެ ދިފާއީ ވުޒާރާ އިން ޕޮލެންޑާ އެކު ސޮއިކުރި ޖުމުލަ އެއްބަސްވުންތަކުގެ އަދަދަކީ 43 އެވެ.
މި އެއްބަސްވުންތަކުގައި މައިގަނޑަކީ ޔުކްރޭނަށް ހަތިޔާރު ހޯދުމެވެ. ނަމަވެސް އެ ގައުމަށް ބޭނުންވަނީ ކޮން ބާވަތްތަކެއްގެ ހަތިޔާރު ކަމެއް -- މި އެއްބަސްވުންތަކަށް ރިއާޔަތްކޮށް ޔުކްރޭންގެ ދިފާއީ ވުޒާރާއިން އާންމުކޮށްފައެއް ނުވެ އެވެ.
މިއީ ޕޮލެންޑާ އެކު ކުރިއަށް ގެންދާ ޑީލުތަކެއް ކަމަށް ޔުކްރޭންގެ ބޮޑުވަޒީރު ޑެނީ ޝަމީހަލް ވެސް ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ.
ބޮޑުވަޒީރު ވިދާޅުވި ގޮތުން ހަތިޔާރު ގަތުމަށް ބޭނުންވާ ފައިސާގެ ބޮޑުބައި މިހާރު ވަނީ ދައްކައި ޚަލާސްކޮށްފަ އެވެ.
ޔުކްރޭން ހަނގުރާމަ ކާމިޔާބު ކުރުމަށް އެ ގައުމަށް ހަތިޔާރު ބޭނުންވާ ކަމަށް އެ ގައުމުގެ ރައީސް ވޮލޮދިމީރު ޒެލެންސްކީ އޮތީ ވިދާޅުވެފަ އެވެ.
ނަމަވެސް، ޒެލެންސްކީގެ މި ވިދާޅުވުމަށް ހުޅަނގުން އެކަށީގެންވާ އިޖާބައެއް ލިބިވަޑައިގެންފައި ނުވެ އެވެ.
ޔުކްރޭންގެ ވިސްނުމަކީ ހުޅަނގުގެ ގައުމުތަކުން ދުރު ރާސްތާ ހަތިޔާރު ހޯދައި ރަޝިއާ ތެރެއަށް ހަމަލާ ދިނުމެވެ. މިކަމަށް ޓަކައި ޖަރުމަނާއި ފްރަންސޭސިވިލާތް ފަދަ ގައުމުތަކާ އެކު ޔުކްރޭނުން ކުރި މަޝްވަރާތައް އަދި ކޮޅެއްގައި ނުޖެހެ އެވެ.
ރަޝިއާއަށް ހަމަލާދިނުމަށް ބާރުގަދަ ހަތިޔާރު ފޯރުކޮށްދިނުމަކީ އެ ގައުމުތަކުގެ ސިޔާސަތެއް ނޫން ކަމަށް ޖަރުމަނުން ވެސް އޮތީ ބުނެފަ އެވެ. އެއީ ރައްދުގައި ރަޝިއާއިން ކޮށްފާނެ ކަމަކަށް ބިރުން ޖަރުމަނުން ބުނި ވާހަކަ އެކެވެ.
ހުޅަނގުގެ އެއްވެސް ގައުމަކުން ޔުކްރޭނަށް ދުރު ރާސްތާ ހަތިޔާރު ފޯރުކޮށްދީފި ނަމަ އެ ގައުމަކީ ސައްހަ އަމާޒެއް ކަމަށް ބަލާނެ ކަމަށް ރަޝިއާ ގޮތީ ބުނެފަ އެވެ. މާނަ އަކީ ހައްދު ހަމަލާދޭން ޖެހިއްޖެ ނަމަ އެ ގައުމަކަށް ހަމަލާދޭނެ ކަމެވެ.
ރަޝިއާ އަކީ ދުނިޔޭގައި އޮތް އެންމެ ބާރުގަދަ އަދި ނިއުކްލިއާ ހަތިޔާރުގެ ތަފާތު ވައްތަރުތައް އެންމެ ގިނަ ގައުމެވެ.
ރަޝިއާގެ މިނިވަންކަމަށް ބުރޫއަރާ ހާލަތުގައި ނިއުކްލިއާ ހަތިޔާރު ބޭނުންކުރާނެ ކަމަށް ވެސް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އޮތީ ވިދާޅުވެފަ އެވެ.