ހަބަރު

މާލޭގެ ކުލިތަކަށް ރައީސް ބަދަލެއް ގެނެސްދެއްވާނެ: ނިހާން

މާލޭގެ ކުލީގެ މައްސަލަ ބޮޑުވެފައިވާއިރު އެކަމަށް ރައިސް އަބްދުﷲ ޔާމީން ހައްލެއް ހޯދައިވައިދެއްވާނެ ކަމަށް ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

ކަރަންޓްގެ އަގު ސަރުކާރުން ހެޔޮ ކުރަން ނިންމާ، އެކަން އިއުލާންކުރުމާއެކު ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލޭ ކުއްޔަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ރައީސްއަކަށް ވެސް ވެގެންދާނީ ރައީސް ޔާމީން ކަމަށެވެ. އޭގެ ތަފްސީލެއް ނިހާން ދެއްވާފައެއް ނުވެ އެވެ.

މާލޭގެ ކުލި ބޮޑުވުމަކީ މާލޭގެ ދިރިއުޅޭ ގިނަ ބަޔަކަށް އޭގެ އުނދަގޫ ކުރިމަތިވެފައިވާ ކަމެކެވެ. މާލޭގައި ކޮޓަރިއެއްގެ ކުލި ވެސް އާންމުކޮށް 8،000 އަށްވުރެ މަތީގައި އުޅޭއިރު، މާލޭގެ ކުލި ދަނީ ދުވަހަކުން ދުވަހަކަށް ބޮޑުވަމުންނެވެ. ކުލި ވަކި މިންގަނޑެއްގައި ހިފެއްޓުމަށް މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.

ކުލީގެ އަގު ހެޔޮ ކުރުމަށް ނުވަތަ ހިފެހެއްޓުމަށް ސަރުކާރުގެ ވިސްނުން ހުރި ގޮތެއް ނިހާން ވިދާޅުވެފައެއް ނުވެ އެވެ. މިކަމަށް ވަރަށް އަވަހަށް ސަރުކާރުގެ ފަރާތުން ބިލެއް މަޖިލީހަށް ވައްދާނެ ކަމަށް ބެލެވެ އެވެ.

ކުލި ކޮންޓްރޯލްކުރުމަކީ ސަރުކާރަށް އުނދަގޫ ކަމަކަށްވީ، ނަމަވެސް މާލޭގެ ކުލި ކޮންޓްރޯލްކުރުމަށް އިމާރާތްކުރުމަށް ދޫކުރާ ލޯނަށް ފައިސާ ދައްކަންޖެހޭ މުއްދަތު އިތުރުކުރުމަކީ ގެނެވިދާނެ ބަދަލެއް ކަމަށް ދެކޭ ފަރާތްތައް ގިނަ އެވެ.