ދުނިޔެ

އީރާނާއި ރަޝިއާ އަދި ޗައިނާ ކަނޑުގެ ފަރިތަކުރުންތަކެއް ފަށައިފި

ޗައިނާއާ އީރާން އަދި ރަޝިއާ ގުޅިގެން ކަނޑުގައި އަސްކަރީ ފަރިތަކުރުންތަކެއް ފަށައިފި އެވެ.

މި ފަރިތަކުރުންތައް ކުރިއަށް ގެންދަނީ އަރަބި ކަނޑުގެ އަނގަމައްޗަށް ވާގޮތަށް ގަލްފް ކަނޑު ގައެވެ.

މި ފަރިތަކުރުންތަކުގެ ވީޑިއޯ ޗައިނާއާއި ރަޝިއާގެ ޓީވީން ދުރަށް ވަނީ ދައްކާފަ އެވެ. ފަރިތަކުންތަކަށް ދީފައި އޮތް ނަމަކީ "މެރީން ސެކިއުރިޓީ ބެލްޓް 2024" އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޗައިނާގެ މިސައިލް އުފުލާ ދެ މަނަވަރެއް އެ ސަރަހައްދުގައި ހަރަކާތްތެރިވެ އެވެ. އަދި ރަޝިއާގެ އަސްކަރީ މަނަވަރުތައް ވެސް ބައިވެރިވެ އެވެ.

މި ތިން ގައުމު ގުޅިގެން ހަރަކާތްތައް ކުރިއަށް ގެންދާއިރު 20 އަށް ވުރެ ގިނަ އުޅަނދު ފަރިތަކުރުންތަކުގައި ބައިވެރިވެ އެވެ.

މެދުއިރުމައްޗަށް އެމެރިކާ ވެރިވެގަތުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއެޅުމަށް އީރާނުން ވަނީ ޗައިނާ އަދި ރަޝިއާ އާއެކު އަސްކަރީ ގުޅުން ހަރުދަނާކޮށްފަ އެވެ.

އީރާންގައި މިހާތަނަށް އުފައްދާފައި ނުވާ ވައްތަރުތަކުގެ ހަތިޔާރު އުފެއްދުމަށް ޗައިނާއާއި ރަޝިއާއިން އެހީތެރިވާ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

މި ފަރިތަކުރުންތައް ކުރިއަށް ގެންދާ ކަނޑުގެ ސަރަހައްދަކީ ޕާކިސްތާން، އަޒަރުބައިޖާން، އޮމާން، ކަޒަކިސްތާނަށް ވެސް މުހިއްމު ސަރަހައްދެކެވެ. އެހެންވެ އޮބްޒާވަރުންގެ ގޮތުގައި މި ގައުމުތައްވެސް ވަނީ ބައިވެރިވެފަ އެވެ.

އޮމާން ކަނޑަކީ ގޮތް ނޭނގޭ ގިނަ ހަމަލާތަކެއް އުޅަނދުތަކަށް އަމާޒުވާ ކަނޑެކެވެ. އެމެރިކާ ބުނާ ގޮތުން ގަލްފް އޮފް އޮމާނުން ދަތުރުކުރާ އުޅަނދުތަކަށް އެންމެ ގިނައިން ހަމަލާދެނީ އީރާނުންނެވެ.

އީރާނުން ބުނާ ގޮތުން އޮމާން ކަނޑުގައި ހަރަކާތްތެރިވާ އެމެރިކާގެ އުޅަނދުތަކަށް އެ ގައުމުގެ ކަނޑުގެ ސިފައިން ފާރަލާނެ އެވެ. އެހެނެއް ކަމަކު ބައިނަަލްއަގްވާމީ ކަނޑުގެ ގާނޫނުތަކަށް އީރާން ބޯލަނބާނެ އެވެ.

އޮމާން ކަނޑުގައި އަދި އަރަބި ކަނޑުގައި އެމެރިކާގެ އުޅަނދުތަކަށް ބޭނުންހާ ގޮތަކަށް ހަކަރާތްތެރި ނުވެވޭނެ ކަމަށްވެސް އީރާނުން ވަނީ ބުނެފަ އެވެ. ޑްރޯން ފޮނުވައިގެން ނަމަވެސް އެމެރިކާގެ އުޅަނދުތައް ކުރާ ކަމެއް ބަލާނެ ކަމަށް އީރާން އޮތީ ބުނެފަ އެވެ.