ހަބަރު

ޝަރީއަތަށް ނުވެއްދުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަހެއް: އެމްއެމްސީ

ކްރިމިނަލް ކޯޓުން ވަކި ގޮތެއް އަންގަންދެން ރާއްޖޭގެ ތިން މީޑިއާއަކަށް ކްރިމިނަލް ކޯޓުގައި ހިނގާ ޝަރީއަތްތަކަށް ނުވަދެވޭ ގޮތަށް މިއަދު ނިންމި ނިންމާމެދު މޯލްޑިވްސް މީޑިއާ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. ކްރިމިނަލް ކޯޓުން އެ ކޯޓުގެ ޝަރީއަތްތަކަށް ނުވައްދަން ނިންމީ އަވަސް އާއި ހަވީރު އަދި ވީނިއުސް އެވެ.

މީޑިއާ ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ތިން މީޑިއާ ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކަށް ނުވައްދަން ނިންމި ސަބަބެއް އެ މީޑިއާތަކަށް ހާމަކޮށް ރަސްމީކޮށް ބަޔާންކުރަންވާނެ ކަމަށެވެ.

"މި މައްސަލާގައި އިތުރު މައުލޫމާތު ހޯދުމުން މޯލްޑިވްސް މީޑިއާ ކައުންސިލުން ކްރިމިނަލް ކޯޓަށް ގުޅުއްވުމުން، ތިން މީޑިއާއެއް ޝަރީއަތަށް ނުވަދެވޭ ގޮތަށް ނިންމީ، އެ ތަންތަނުގެ ނޫސްވެރިންނާ ގުޅުންހުރި އަހުލާގީ މައްސަލައެއްގައި ކަމަށް އެ ކޯޓުގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ." ބަޔާނުގައިވެ އެވެ.

ނަމަވެސް އެ މީޑިއާތަކުގެ ނޫސްވެރިންގެ ފަރާތުން ފެނުނީ އަހުލާގީ ކޮން މައްސަލައެއް ކަމެއް ކްރިމިނަލް ކޯޓުން ފާހަގަކޮށްފައެއް ނުވާ ކަަމަށް ބަޔާނުގައިވެ އެވެ. އަދި ކްރިމިނަލް ކޯޓަށް ހާޒިރުކޮށް އެ ތިން މީޑިއާގެ ނޫސްވެރިންނަށް މިހާތަނަށް އެއްވެސް އިންޒާރެއް، ނަސޭހަތެއް ވެސް ދީފައިނުވާ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.

"ތިން މީޑިއާއެއްގެ ނޫސްވެރިން ކްރިމިނަލް ކޯޓުގެ ޝަރީއަތަށް ނުވަދެވޭ ގޮތަށް ނިންމުމަކީ، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ އަދި ކޯޓު ކަވަރުކުރާ ނޫސްވެރިންނަށް ކުރިމަތިވި ވަރަށް ބޮޑު ބިރެއް ކަމަށް މީޑިއާ ކައުންސިލުން ދެކި މިގޮތަށް ކަންތައްތައް ނުކުރާރުވާނަމަ މިއީ ނޫސްވެރިކަމުގެ މިނިވަން ކަމަށް ލިބޭ އުނިކަމެއް ކަމުގައި މި ކައުންސިލުން ދެކެމެވެ." މީޑިއާ ކައުންސިލްގެ ބަޔާނުގައިވެ އެވެ.