ގިރާވަރު ފަޅު

ގިރާވަރުފަޅުގެ ލޭންޑް ޔޫޒް ޕްލޭނަށް ހިޔާލު ހޯދަނީ

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ހިއްކަމުންދާ ގިރާވަރުފަޅުގެ ލޭންޑް ޔޫޒް ޕްލޭން އެކުލަވާލާ އެ ތަނުން ގޯތި ލިބޭ މީހުން މަޝްވަރާކުރަން ނިންމައިފި އެވެ.

ލޭންޑް ޔޫޒް ޕްލޭނަށް އާންމުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހު އެވެ.

ހައުސިން މިނިސްޓްރީން ބުނީ މިބައްދަލުވުން ބާއްވާނެ ތަނަކާއި ގަޑި ފަހުން ހާމަކުރާނެ ކަމަށެވެ.

މިނިސްޓްރީން އެކުލަވާލާފައިވާ ގިރާވަރުފަޅުގެ ލޭންޑް ޔޫޒް ޕްލޭން ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ.

ލޭންޑް ޔޫޒް ޕްލޭނަށް ބަލާއިރު ބިމުގެ ބޮޑު ބައެއް ހާއްސަކޮށްފައިވަނީ މީހުން ދިރިއުޅުމަށް ގޯތި ދޫކުރުމަށެވެ. މީގެއިތުރުން އިޖުތިމާއީ އަދި ކުޅިވަރު ހަރަކާތްތަކަށާއި، މިސްކިތްތަކަށާއި ހޮސްޕިޓަލާއި އިންޑަސްޓްރިއަލް މަސައްކަތްތަކަށާއި އެހެނިހެން ބޭނުންތަކަށްވެސް ބިން ހާއްސަކޮށްފައިވެ އެވެ.

ނިމިދިޔަ ސަރުކާރުން ވަނީ 9،003 ގޯތި ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުން ދޫކޮށްފަ އެވެ. ގިރާވަރުފަޅުން ދޫކޮށްފައިވަނީ 5،433 ގޯއްޗެވެ.

ނިމިދިޔަ ސަރުކާރުން ނިންމާފައި އޮތީ ގިރާވަރުފަޅުން 169 ހެކްޓަރުގެ ބިން ހިއްކުމަށެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމާފައިވަނީ ގިރާވަރުފަޅުން އިތުރު 50 ހެކްޓަރު ހިއްކާ، ޖުމްލަ 219 ހެކްޓަރުގެ ބިން ހިއްކުމަށެވެ.