ދުނިޔެ

"ރަޝިއާއަށް ދިން ޓެރަރިސްޓް ހަމަލާގެ ފަހަތުގައި އޮތީ ޔުކްރޭން"

ރަޝިއާއަށް އިއްޔެ ބަޔަކު ދިން ޓެރަރިސްޓް ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް އޮފް އީރާގް އެންޑް ސީރިއާ (އައިސިސް) އިން މިހާރު އޮތީ ނަގާފަ އެވެ.

ހަތިޔާރުއެޅި ގުރޫޕަކުން ކޮންސެޓް ހޯލަކަށް ވަދެ ދިން ހަމަލާތަކުގައި 60 މީހަކު މަރުވެ 145 އަށް ވުރެ ގިނަ މީހުން ވަނީ ވަރަށް ބޮޑަށް ފިހި، ޒަހަމްވެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މީހުން އެއްވެފައި އޮތް ތަނަކަށް ބަޑިބޭހުން ހަމަލާދިނުމުން ރޯވި އަލިފާންގަނޑުގައި ބަޔަކު ފިހި ޒަހަމްވީ އެވެ.

މި ހާދިސާ ހިނގާދިޔަ ގޮތް އަންދާޒާކުރައްވައި -- ރަޝިއާގެ އަލްފާ އެންޓި ޓެރަރިޒަމް ޔުނިޓްގެ ތަޖުރިބާކާރު ފަންނުވެރިޔާ ސަރުގޭ ކޮންޗަރޯފް ވިދާޅުވީ -- މިއީ ޔުކްރޭން އަޑީގައި އޮވެގެން ކުރުވި ކަމެއްކަން ޝައްކެތް ނެތް މިންވަރަށް ކަށަވަރު ކަމަށެވެ.

ކޮންޗަރޯފް ވިދާޅުވި ގޮތުން ރަޝިއާގެ ތަހުގީގު ޓީމުތަކުން މިކަން ދެނެގަނެ ހެކިތަކާ އެކު ވަރަށް އަހަވަށް އާންމުކުރާނެ ކަމަށެވެ.

ރަޝިއާގައި ހުކުރު ދުވަހު ހިނގީ، އޭނާ ވިދާޅުވި ގޮތުގައި، ސަތޭކަ ޕަސެންޓް ޓެރަރިސްޓް ހަމަލާ އެކެވެ. އެއީ ހަނގުރާމައިގެ މައިދާނެއް އަދި އަސްކަރީ މައިދާނެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކޮންޗަރޯފް ވިދާޅުވީ މި ހަމަލާގައި ހުރިހާ ގެއްލުމެއް ލިބުނީ އާންމުންނަށް ކަމަށެވެ.

ރަޝިއާގެ ވެރިރަށް މޮސްކޯގެ ކްރޯކަސް ސިޓީ ހޯލް -- އާންމު ގޮތެއްގައި އިޖުތިމާއީ އެއްވުންތައް ބާއްވާ މި ހޯލަށް ހަތިޔާރު ހިފައިގެން ތިބި ފަސް މީހުންގެ ގުރޫޕަކުން ވަދެ ގޮތެއް ނުބަލައި ބަޑިން ދިން ހަމަލާތަކުގައި ބިރުން ފިލަން ދުވި މީހުންނަށް ވެސް ވަނީ ބޮޑެތި އަނިޔާތައް ލިބިފަ އެވެ.

އައިސިސްއިން ޒިންމާ ނަގާކަން އިއުލާންކުރަމުން ބުނީ ހަމަލާދިނުމަށްފަހު، ހަތިޔާރުއެޅި މީހުން ފިލާފައިވާ ކަމަށެވެ.

މޮސްކޯއަށް ދިން މި ހަމަލާ ތަހުގީގުކުރުމަށްޓަކައި ކުރިއަށް އޮތް ދުވަސްތަކުގައި އިޖުތިމާއީ އެއްވުންތައް ނުބޭއްވުމަށް މޮސްކޯގެ މޭޔަރު ވަނީ އެދިވަޑައިގެންފަ އެވެ. އަދި ފުލުހުންނާއި ތަހުގީގު ޓީމްތަކުން ހިންގާ ހަރަކާތްތަކަށް އާންމުން އެހީތެރިކަން ދިނުމަށްވެސް އޭނާ އެދިވަޑައިގެންނެވި އެވެ.

ހަބަރުތައް ބުނާ ގޮތުން މޮސްކޯގެ އެކި ސަރަހައްދުތައް މިހާރު އޮތީ ބަންދުކޮށްފަ އެވެ. ހަމަލާދިން މީހުން އުޅޭނެ ކަމަށް ބެލެވޭ ސަރަހައްދުތައް ހޯދައި ބެލުމަށް ޑްރޯނާއި އިލެކްޓްރޯނިކް ސެންސަރުތައް އަސްކަރިއްޔާ އިން ބެނުންކުރާނެ އެވެ.

ސުވާލުކުރުމަށް މީހުން ހިފެހެއްޓުމާއި ޝައްކުކުރެވޭ އިމާރާތްތައް ބަންދުކޮށް އާންމުންނަށް ނުވަދެވޭ ގޮތަށް ފުލުހުން ފޯރިމަރާނެ ކަމަށްވެސް ތަހުތީގު ޓީމްތަކުން ބުނެ އެވެ.