ފިނޭންސް މިނިސްޓްރީ

ރޯދަ ފަހު 10ގައި ވަޒީފާއަށް ނިކުންނަ މުވައްޒަފުންނަށް އެލަވަންސެއް ދެނީ

ރޯދަ މަހުގެ ފަހު 10 ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައަޅާފައިވީ ނަމަވެސް ބައެއް މުވައްޒަފުން އެ ދުވަސްތަކުގައި ވަޒީފާއަށް ނިކުންނަންޖެހޭތީވެ އެފަދަ މުވައްޒަފުންނަށް އެލަވަންސެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

އެލަވަންސް ދިނުމުގައި އަމަލުކުރަންވީ ގޮތްތަކާއި އިނާޔަތް ލިބޭ މުވައްޒަފުންނަކީ ކޮބައިކަން އެނގޭ ގޮތަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ސޮއި ކުރައްވައި މިހާރު ވަނީ ސާކިއުލާއެއްވެސް ނެރުއްވާފަ އެވެ.

ސާކިއުލާގައިވާ ގޮތުން މި އެލަވަންސް ލިބޭނީ ކޮންމެހެން ދޭންޖެހޭ ހިދުމަތެއް ދިނުމަށް އެ އޮފީހަކުން ކަނޑައަޅާ ގޮތެއްފެ މަތިން ވަޒީފާއަށް ނިކުންނަންޖެހޭ މުވައްޒަފުންނަށް އެކަންޏެވެ.

މި އިނާޔަތް ދިނުމަށް ނިންމާފައިވަނީ އަންނަ މަހުގެ މުސާރަ އާއި އެކު އެވެ. އިނާޔަތް ދިން ގޮތުގެ ތަފްސީލްތައް އަންނަ މަހުގެ 18 ވަނަ ދުވަހުގެ ކުރިން އިދާރާތަކުން ފިނޭންސް މިނިސްޓްރީއަށް އީމެއިލް އަކުން ފޮނުވުމަށްވެސް ސާކިއުލާގައި އެދިފައިވެ އެވެ.

އިނާޔަތް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުތައް

- ރޯދަމަހުގެ ފަހު 10 ގައި ކޮންމެހެން ވަޒީފާ އަށް ނުކުންނަންޖެހޭ މުވައްޒަފުންގެ ތެރެއިން ދައުލަތުގެ ޕޭ ފްރޭމަކަށް ބަދަލު ނުވާ މުވައްޒަފުންނަށް ކުރިން ވެސް ދެމުން ގެންދާ އުސޫލުން އިތުރު ގަޑީގެ ފައިސާ އާއި ބަންދު ދުވަހުގެ އިނާޔަތް ލިބޭނެ. މިގޮތުން މުސާރަ އިން ދުވާލަކަށްޖެހޭ އަދަދުގެ ދެބައިކުޅަ އެއްބައިގެ އިނާޔަތްތައް ދޭނީ ޑިއުޓީ އުސޫލުން އާންމުކޮށް މަސައްކަތްކުރާ މުވައްޒަފުންނަށް.

- ދައުލަތުގެ ޕޭ ފްރޭމް ބަދަލުވެފައިވާ މުވައްޒަފުންނަށް ރޯދަ މަހުގެ ފަހު 10 އަކީ "ރަސްމީ ބަންދު ދުވަސް" ތައް ފަދަ ދުވަސްތަކެއްގެ ގޮތުގައި ބަލައިގަނެ، ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން ލިބޭނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ މުސާރައިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އިނާޔަތެއް ދިނުން. މީގެތެރޭގައި ވަޒީފާއާ ބެހޭ ގާނޫނުގެ 34 ވަނަ މާއްދާގެ (ހ) އިން އިސްތިސްނާވާ މުވައްޒަފުން ނުހިމެނޭ.

- ޕޭ ފްރޭމްވާކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް އަމަލުކުރަންޖެހޭ "ދައުލަތުގެ ޕޭ ފްރޭމްވާކްގެ މިންގަނޑު"ތަކުގައި ހިމެނޭ "ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން އިނާޔަތް ދޭނެ ގޮތުގެ މިންގަނޑު" އަށް އަމަލުކުރަން ޖެހޭ.

- ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުންގެ ތެރެއިން އެ ދުވަސްތަކުގައި މަސައްކަތަށް ނުކުންނަން ޖެހޭ ކަމަށް ކަނޑައަޅާ މުވައްޒަފުން، މަސައްކަތަށް ނުކުތުމުން ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ "މަގާމަށް ކަނޑައަޅާފައިވާ މުސާރަ އާއި އިނާޔަތުގެ މިންގަނޑު" ގެ ދަށުން ހާޒިރީ އިނާޔަތް ލިބޭނެ.

- ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ ފަންނުތަކުގެ މުވައްޒަފުންގެ ތެރެއިން ކޮންމެހެން ދޭން ޖެހޭ ހިދުމަތް ދިނުމަށް ފަހު 10 ގައި ނިކުންނަންޖެހޭ މުވައްޒަފުންނަށް އެ މުވައްޒަފެއްގެ "މަގާމަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތުގެ މިންގަނޑު"ގެ ދަށުން ހާޒިރީ އިނާޔަތް ދޭނެ.

ރޯދަ މަހުގެ ފަހު 10 ގައި އަޅުކަމަށް ވަގުތު ހުސްކުރަން ފުރުސަތު ދިނުމުގެ ގޮތުން ރޯދަ މަހުގެ ފަހު 10 ބަންދު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ރައީސްގެ ވައުދު ފުއްދުމުގެ ގޮތުން މިމަހުގެ 21ވާ އާދިއްތަ ދުވަހުން ފެށިގެން ކުޑަ އީދު ބަންދުގެ ދުވަސްތަކާ އެކު ކުރިއަށް އޭޕްރީލް 14 ވަނަ ދުވަހަށް ސަރުކާރު ބަންދު ވާނެ އެވެ. ނަމަވެސް ރައްޔިތުންނަށް ކޮންމެހެން ހިދުމަތް ދޭން ޖެހޭ އިދާރާތަކުން މިމުއްދަތުގައި ހިދުމަތް ދެވޭނެ ގޮތްތަކެއް ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ.