ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

ވޯޓާސް ލިސްޓްގައި ކެންޑިޑޭޓުން ސޮއިކުރަން ފަށައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ފަރާތުން ވޯޓާސް ލިސްޓުގައި ސޮއިކުރަން ފަށައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ ވޯޓާސް ލިސްޓްގައި ސޮއިކުރުން ކުރިއަށްދާނީ މިއަދާ މާދަމާ އިންތިހާބީ މައި މަރުކަޒު -- ދަރުބާރުގޭގައި ކަމަށެވެ.

ސޮއިކުރުން ކުރިއަށްދާނީ މި ދެ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން މާދަމާ ރޭގެ މެންދަމު 12:00ގެ ނިޔަލަށެވެ.

އީސީ އިން ބުނީ ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓް ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަން ދާނަމަ އެކަން ބަޔާންކޮށް ބަދަލުގައި ދާ މީހާގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭ ގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއަކާ އެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންދަންޖެހޭނެ ކަމަށެވެ. ރަޖިސްޓަރީގައި ސޮއިކުރަން ދާ މީހާ، އެމީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންދަންޖެހެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް ޖުމްލަ 369 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ 43 އަންހެންނާއި 326 ފިރިހެންނެވެ.

މަޖިލިސް އިންތިހާބު އޮންނާނީ ކުރިއަށް އޮތް އޭޕްރީލް 21 ވަނަ ދުވަހު އެވެ.