ސިނަ މާލެ ބްރިޖް

ބްރިޖު މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި

ސިނަމާލެ ބްރިޖު މަރާމާތުކުރުމަށް ހަވާލުކޮށްފައިވާ ޗައިނާގެ ސީސީސީސީ ކުންފުނިން އެ މަސައްކަތް ފަށައިފި އެވެ. ސިނަމާލެ ބްރިޖު ހަދާފައިވަނީ ވެސް ސީސީސީސީ ކުންފުނިންނެވެ.

މިމަސައްކަތް މިއަދު ރަސްމީކޮށް ފެށުމަށް ސިނަމާލެ ބްރިޖުގެ މާލޭ ކޮޅުގައި ހާއްސަ ރަސްމިއްޔާތެއްވެސް ބޭއްވި އެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނީ ޗައިނާގެ ކުންފުނިން ބްރިޖުގެ މަސައްކަތް ކުރާއިރު މުސްތަގުބަލްގައި ދިވެހިން އަމިއްލައަށް އެމަސައްކަތް ކުރުމަށްޓަކައި ދިވެހިން ތަމްރީން ވެސް ކުރާނެ ކަމަށެވެ.

ސިނަމާލެ ބްރިޖު މަޝްރޫއު ނިންމާ ބްރިޖު އާންމުންނަށް ދައްކާލީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ އެންމެ ފަހު ދުވަސްކޮޅާ ދިމާކޮށް ސެޕްޓެމްބަރު 7، 2018 ގައެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް މީގެކުރިން ވިދާޅުވީ 2018 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމިގެން ދިޔައިރު އިތުރު ދެ އަހަރަށް -- 2020 ވަަނަ އަހަރުގެ ނިޔަލަށް ޗައިނާ އިން ބްރިޖުގެ މަރާމާތުގެ މަސައްކަތް ހިލޭ ކޮށްދިނުމަށް އެއްބަސްވެފައި އޮތް ކަމަށެވެ. ނަމަވެސް އޭގެ ފަހުން އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ބްރިޖުގެ މަރާމާތުގެ އެއްވެސް މަސައްކަތެއް ނިމިދިޔަ ސަރުކާރުގައި ކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސިނަމާލެ ބްރިޖު ހިލޭ މަރާމާތު ކޮށްދިނުމަށް ނިމިދިޔަ ސަރުކާރުގައި ޗައިނާ އިން ހުށަހަޅާފައި އޮތް ކަމަށެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުގައި އެކަމަށް އިޖާބާ ދީފައި ނުވާ ކަމަށާއި މިސަރުކާރު ވެރިކަމާ ހަވާލުވެ އިތުރު ތިން އަހަރަށް ސިނަމާލެ ބްރިޖުގެ މަރާމާތުގެ މަސައްކަތް ހިލޭ ކުރުމަށް ޗައިނާއާއި އެކު މިހާރު އެއްބަސްވެފައިވާ ކަމަށެވެ.

ސިނަމާލެ ބްރިޖް މަޝްރޫއަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައިވެސް، ކަނޑެއް ހުރަސްކޮށް ކުރިއަށްގެންދިޔަ މިފަދަ އެންމެ ބޮޑު އަދި އެންމެ "ޗެލެންޖިން" މަޝްރޫއު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއުޒު މީގެކުރިން ވިދާޅުވެފައިވެ އެވެ.