ހަބަރު

ދީނާ ހިލާފުކަމެއްވާ އިރަށް އަޅުގަނޑު ބޮލަށް ޖަހައިގެން ނުވާނެ: އަނާރާ

ދީނާއި ހިލާފު ވާހަކައެއް މަޖިލިސް ތެރޭގައި ދައްކާނަމަ، އެކަން ހުއްޓުވުމަކީ އަދާލަތު ޕާޓީގެ ކަމެއް ނޫން ކަމަށާއި އެކަން މަޖިލިސް ރައީސްއާއި ހުރިހާ މެމްބަރުން ހުއްޓުވަން ޖެހޭނެ ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.

އަނާރާ ނައީމް މިހެން ވިދާޅުވީ އިސްލާމްދީނާ ހިލާފު ވާހަކަތަކެއް މަޖިލިސް ތެރޭގައި ބައެއް އެމްޑީޕީ މެމްބަރުން ދައްކަމުންދާ ކަމަށާއި ނަމަވެސް އެކަމާ ބެހޭ ގޮތުން ރައްދެއް ދިނުމަށް އެއްވެސް ބަހެއް އަނާރާ ނައީމް ނުބުނާ ކަމަށް ވިދާޅުވެ ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.

އެކަމަށް ރައްދު ދެއްވަމުން އަނާރާ ވިދާޅުވީ ދީނާއި ހިލާފަށް އެއްވެސް ވާހަކައެއް މަޖިލިސް ތެރޭގައި ދައްކާ ކަމަށް ވަނީ ނަމަ އެކަން ހުއްޓުވުމަކީ ހުރިހާ މެމްބަރުންގެ ޒިންމާއެއް ކަމަށާއި އަދި މަޖިލިސް ރައީސް ވެސް އެކަން ހުއްޓުވަން ޖެހޭނެ ކަމަށެވެ. އަދި އެފަދަ ވާހަކަ އެއް ދައްކައިފި ނަމަ އެކަން މަޖިލީހުގައި އިންނެވި ހަމަ އެކަނި އަދާލަތު ޕާޓީގެ މެމްބަރު "ބޮލަށް ޖަހަން" ނުޖެހޭނެ ކަމަށް އަނާރާ ވިދާޅުވި އެވެ.

"ދީނީ އެއްވެސް ވާހަކައެއް މަޖިލީހުގެ ތެރޭގައި ދައްކަންޔާ އެކަން އަންނަނީ އަޅުގަނޑުގެ ބޮލަށް އަޅުގަނޑު އެކަނިތޯ. މިތާގައި އިސްލާމް ދީން ހިމާޔަތް ކުރަން ޖެހޭނީ އަޅުގަނޑު އެކަނިތޯ. މިތާމި ތިއްބެވި 85 މެމްބަރުންނަކީ ވެސް ހަމަ މުސްލިމުން އެބޭފުޅުންގެެވެސް އިހުސާސް އޮންނަން ޖެހޭ އިސްލާމް ދީނާ މެދު. އިސްލާމް ދީނާ ބެހޭ ގޮތުން ވާހަކަތަކެއް ދެކެވެންޔާ އެބޭފުޅުންވެސް އަވަސް ވެގަންނަން ޖެހޭ އަދި އިއްޒަތްތެރި ރައީސް ވެސް އަވަސްވެ ގަންނަން ޖެހޭނެ އެކަން ހުއްޓުވަން. އެހެންވީމަ ހަމައެކަނި އަޅުގަނޑު އެކަން ހުއްޓުވާނެ ކަމަށް ބަލާގެން ހުންނާކަށް ނުޖެހޭ،" އަނާރާ ވިދާޅުވި އެވެ.