ދިރާގު

ދިރާގުން ހާއްސަ ނެޓްވާކިން އިވެންޓަކާ އެކު ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކޮށްފި

މިއަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން ހާއްސަ ނެޓްވާކިން އިވެންޓެއް ބާއްވައިފި އެވެ.

ދިރާގު ހެޑް އޮފީހުގައި އިއްޔެ ބޭއްވި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ދިރާގުގެ އަންހެން މުވައްޒަފުންނާއި ރާއްޖޭގެ އެކި ދާއިރާތަކުން ކުރިއަރާފައިވާ، ފާހަގަކޮށްލެވޭ އަންހެން ބޭފުޅުންނާ އެކު އެވެ.

މި ހާއްސަ ނެޓްވާކިން އިވެންޓް ބާއްވާފައިވަނީ 'ލީން އިން ސަރކްލް' ނެޓްވާކިން ގްރޫޕް މެތަޑަށް ބިނާކޮށެވެ. މިއީ ދިރާގުގެ ޖެންޑާ އެކްޝަން ޕްލޭންގެ ދަށުން އެ ކުންފުނީގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މެންޓަޝިޕް ޕްރޮގްރާމެކެވެ.

މި ހާއްސަ ނެޓްވާކިން އިވެންޓްގެ މައިގަނޑު މަގުސަދަކީ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކާ އެކު ގުޅުން ބަދަހިކޮށް، އެކަކު އަނެކަކުގެ ތަޖުރިބާތަކާއި ހިޔާލުތައް މަޝްވަރާކުރެވޭނެ ފަދަ ޕްލެޓްފޯމެއް މުވައްޒަފުންނަށް ފޯރުކޮށްދިނުމެވެ. އަދި އިވެންޓްގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތްކުރާ ދިރާގު މުވައްޒަފުންނާއި ހާއްސަ ގެސްޓުން ވަނީ ވާޗުއަލްކޮށްވެސް މި ހަރަކާތުގައި ބައިވެރިވެފަ އެވެ.

މިއިވެންޓްގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދާއި ޑިރެކްޓާ ލީގަލް އަދި ކޮމްޕެނީ ސެކްރެޓަރީ ހަޒްރަތް ރަޝީދު ހުސައިން ބައިވެރިންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުން ވަނީ ދިރާގުގެ ޖެންޑާ އެކްޝަން ޕްލޭންގެ އަޕްޑޭޓެއް ދީފަ އެވެ. އެގޮތުން މި ޕްލޭންގެ ދަށުން ދިރާގުން ދާދި ފަހުން ވަނީ 'ފެލްކްސި ވަރކް' ޕޮލިސީ އަދި ރިޓާންޝިޕް ގައިޑްލައިން ތައާރަފްކޮށްފަ އެވެ.

މީގެ އިތުރުން އެކުންފުނީގެ ޖޫނިއަ މެނޭޖްމަންޓް މަގާމުތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން 46 އިންސައްތަ އަކީ އަންހެނުންނެވެ. އަދި ޖުމްލަ ގޮތެއްގައި ދިރާގުގެ ޓެކްނިކަލް ރޯލްތަކުގައި ކުރިއަށް ވުރެ ގިނަ އަންހެން މުވައްޒަފުން މިހާރު މަސައްކަތް ކުރަމުންދާއިރު މިއަހަރުގެ ދިރާގު އެޕްރެންޓިސް ޕްރޮގްރާމްގެ 9 އަންހެން ބައިވެރިންގެ ތެރެއިން ފަސް ބައިވެރިން ދަނީ ޓެކްނިކަލް ރޯލްތަކުގައި ވަޒީފާގެ ތަޖުރިބާ ހޯދަމުންނެވެ.

މި އިވެންޓް ނިންމާލާފައިވަނީ އަންހެނުން އިސްނަގައިގެން ހިންގާ، ހޯމް-ބޭސްޑް ވިޔަފާރިތަކުން ކޭޓަކޮށްފައިވާ ހެނދުނުގެ ނާސްތާ އަކުންނެވެ. މިބައި ކުރިއަށް ގެންގޮސްފައިވަނީ ވިމެން އެންޓަޕްރެނިއާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެންނެވެ.

އަންހެނުން ބާރުވެރި ކުރުވުމާއި ހާއްސަކޮށް އަންހެނުން ހިއްސާވާ ހޯމް-ބޭސްޑް އަދި ކުދި ވިޔަފާރިތަކަށް އެއްބާރުލުން ދިނުމަކީ ދިރާގުގެ ސީއެސްއާރު ސްޓްރެޓެޖީގެ މައިގަނޑު ފޯކަސް ދާއިރާ އެކެވެ. މިގޮތުން ދިރާގުން ދާދި ފަހުން ވަނީ އަންހެނުން މާލީގޮތުން ބާރުވެރިކުރުވުމަށް އެހީތެރިވެދިނުމުގެ ގޮތުން ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އާ ގުޅިގެން ހިޔަލަ ވީކެންޑް މާކެޓަށް ސަޕޯޓް ފޯރުކޮށްދީފަ އެވެ. ކޮންމެ ހަފްތާއަކުވެސް ކުރިއަށްދާ މި ހަރަކާތަކީ އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުވައި އެފަރާތްތަކުގެ އުފެއްދުންތައް ދައްކާލައި ވިއްކުމަށް ހާއްސަ ޕްލެޓްފޯމެއް ފޯރުކޮށްދިނުމެވެ.

ދިރާގުން އަބަދުވެސް ފާހަގަކުރަނީ މިންތީގެ ތަފާތު ކުރުމެއް ނެތް ކުރިއެރުމާއި ހުރިހާ ފަރާތްތަކަށްވެސް ކުރިއެރުމުގެ ފުރުސަތުތައް ފަހިކޮށްދޭ އިންކްލޫސިވް ވަޒީފާގެ މާހައުލެއް އަދި ސަގާފަތެއް ކަމަށް އެ ކުންފުނިން ބުނެ އެވެ