ޑރ. މުހައްމަދު މުއިއްޒު

އީދު ދުވަހު ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރައްވާނެ: ރައީސް އޮފީސް

މި އަހަރުގެ ފިތުރު އީދު ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އީދު ސަލާން ކުރެއްވުން އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އީދު ސަލާން ކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ފިތުރު އީދު ދުވަހުގެ ހެނދުނު 9:30 އިން 10:30 އަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލީއާގޭ ގައެވެ.

މިއީ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބާއްވާ ފުރަތަމަ އީދު ސަލާމް ކުރެއްވުމެވެ.

ރައީސް އޮފީހުން ބުނީ އީދު ސަލާން ކުރެއްވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި، ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ބޭރުގެ އިއްޒަތްތެރިންނަށާއި، ރާއްޖޭގެ އެކި ކުންފުނިތަކާއި، އަމިއްލަ އެކިއެކި ޖަމިއްޔާ ޖަމާއަތްތަކުގެ މަންދޫބުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދައުވަތު އަރުވާ ކަމަށެވެ. އަދި އާއިލާތަކާއެކު ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި، ވީހާވެސް ގިނަ އަދަދެއްގެ ޒުވާނުން، އީދު ސަލާމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށްވެސް ރައީސްގެ ދެކަނބަލުން އެދިވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އީދު ސަލާން ކުރުމަށް ބޭނުންވާ ބޭފުޅުން މުލީއާގެއަށް ވެދެވަޑައިގަތުމަށް ހަމަޖެހިފައިވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިންނެވެ. މުލީއާގެއަށް ވަދެވޭނީ ޝަހީދު އަބްދުﷲ ޒުހައިރު ހިނގުމުން މެދުޒިޔާރަތް މަގުންނެވެ.