ރައީސް އޮފީސް

ޖޫން 20 ރަސްމީ ބަންދު ދުވަހެއް ކަމުގައި ކަނޑައަޅުއްވައިފި

ހިނގަމުން މިދާ ޖޫން މަހުގެ 20 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.

ޖޫން 20 ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ މިއަހަރުގެ ޒުލްހިއްޖާ މަހުގެ ފުރަތަމަ ދުވަހަކީ މިއަދު ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައެޅުއްވުމާ ގުޅިގެން ކުރިން ކަލަންޑަރުގައި ދުވަސްތައް ކަނޑައަޅާފައިވާ ގޮތަށް ބަދަލުއައުމާ ގުޅިގެންނެވެ.

އެގޮތުން މިހާރު އަރަފާތު ދުވަހަކީ ޖޫން 15ވާ ހޮނިހިރު ދުވަސް ކަމަށާއި، އަދި އަޟްހާ އީދު ދުވަހަކީ ޖޫން 16ވާ އާދީއްތަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ކަނޑައަޅުއްވާފަ އެވެ.

ކަލަންޑަރަށް އައި ބަދަލާ ގުޅިގެން ކުރިން ޖޫން 20 ބަންދު ދުވަހެއްގެ ގޮތުގައި އޮތް ނަމަވެސް އަރަފާތު ދުވަހާއި އަޟްހާ އީދު ފެށޭ ދުވަސް މިހާރު އެއް ދުވަސް އަވަސްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މިއަދު އަލުން 20 ވަނަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑަނޭޅުއްވިނަމަ 20 ވަނަ ދުވަސް ވާނީ ރަސްމީ ދުވަހަކަށެވެ.

ރައީސް އޮފީހުން ބުނީ ޖޫން 20 ވަނަ ދުވަސް އަލުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ އެއީ ކުރިން ބަންދު ދުވަހެއް ކަމުގައި ބަލައިގެން، ގިނަ އަދަދެއްގެ މުވައްޒަފުން އީދު ބަންދުގައި ރާއްޖެއިން ބޭރަށާއި، ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުތައް ހަމަޖައްސާނެތީއާ އަދި އީދު ބަންދަށްފަހު، 20 ވަނަ ދުވަހަކީ ސަރުކާރުގެ އޮފީސްތައް ހުޅުވާ ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިނަމަ، ވަރަށް ގިނަ މުވައްޒަފުންނަށް ދަތިވާނެ ކަމަށް ފެންނާތީ ކަމަށެވެ.