ދިވެހި އިންޑިއާގެ ގުޅުން

އަސާސީ މުދާ އެތެރެކުރަން އިންޑިއާއިން ކޯޓާ އިތުރުކޮށްދީފި

ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އެތެރެކުރުމަށް އިންޑިއާ އިން މުދާ އެތެރެކުރުމަށް ދީފައިވާ ކޯޓާ އިތުރުކޮށްދީފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މިއީ ރާއްޖެއާއި އިންޑިއާއާއި ދެމެދު 1981 ވަނަ އަހަރު ސޮއިކޮށްފައިވާ އެގްރިމެންޓް އޮން ޓްރޭޑް ކޯޕަރޭޝަންގެ ދަށުން މިހާތަނަށް ކޯޓާ އެންމެ ބޮޑަށް އިތުރުކުރި ފަހަރެވެ.

ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ ހާއްސަ އަގުތަކެއްގައި ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަންވެސް އިންޑިއާ އިން ދީފައިވެ އެވެ.

އިންޑިއާ އިން ރާއްޖެއަށް އަސާސީ މުދަލުގެ ގޮތުގައި އާންމުކޮށް އެތެރެކުރަނީ ފިޔާ، ހަނޑޫ، ހަކުރު، ފުށް، އަލުވި، ބިސް، މުގެވެ. މީގެއިތުރުން ހިލަ އާއި ހިލަވެލި ރާއްޖެއަށް އެތެރެކުރުމުގައި އިންޑިއާ އިން ހާއްސަ ހުއްދަތަކެއް އަބަދުވެސް ދެއެވެ.

އިންޑިއާއިން ކޯޓާ ދީފައިވާ ގޮތުގެ ތަފްސީލު

  • ހަނޑޫ: 124،000 މެޓްރިކް ޓަނު
  • ފުށް: 109،000 މެޓްރިކް ޓަނު
  • ހަކުރު: 64،000 މެޓްރިކް ޓަނު
  • އަލުވި: 21،000 މެޓްރިކް ޓަނު
  • ފިޔާ: 36،000 މެޓްރިކް ޓަނު
  • ބިސް: 428 މިލިއަން
  • މުގު: 224 މެޓްރިކް ޓަނު
  • ހިލަވެލި: އެއް މިލިއަން މެޓްރިކް ޓަނު
  • ހިލަ: އެއް މިލިއަން މެޓްރިކް ޓަނު


އިންޑިއާ އިން މިފަހަރު އަސާސީ ކާބޯތަކެތީގެ ކޯޓާއަށް ވަނީ ފަސް އިންސައްތަ އިތުރުކޮށްދީފަ އެވެ. އަދި ހިލައާއި ހިލަވެލީގެ ކޯޓާ އެއް މިލިއަން މެޓްރިކް ޓަނަށް އިތުރުކޮށްދިން އިރު މިއީ 25 އިންސައްތައިގެ އިތުރުވުމެކެވެ.

އެގްރިމެންޓް އޮން ޓްރޭޑް ކޯޕަރޭޝަންގެ އެއްބަސްވުން އާކޮށް ދެ ގައުމުން އެންމެ ފަހުން ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރީ 2021 ވަނަ އަހަރު އެވެ. އެ އެއްބަސްވުމުގެ މުއްދަތު މިދިޔަ މާޗް މަހުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ.