ހަބަރު

ނަޝީދުގެ ޒާތީ މައުލޫމާތު ރައީސް އާންމު ކުރައްވާކަށް ނުޖެހޭ: ވަކީލް

  • ނަޝީދުގެ ހުއްދަ ނެތި ބޭސްފަރުވާގެ މައުލޫމާތު އާންމެއް ނުކުރެވޭނެ
  • ބަލީގެ ތަފްސީލްތައް ސަރުކާރަށް ދޭން ޖެހިލުންވާކަމަށް ވިދާޅުވި
  • ނަޝީދަށް ވާހަކަ ދެންނެވުމަށް ރައީސްއަށް ފުރުސަތު ލިބޭނެ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ، ބޭސްފަރުވާ އާއި އާލާސްކަންފުޅާ ގުޅޭ މައުލޫމާތުތައް ރައީސް އަބްދުﷲ ޔާމީން އިއްޔެ އާންމު ކުރައްވާފައި ވާތީ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ނަޝީދުގެ އިސް ގާނޫނީ ވަކީލް، ހަސަން ލަތީފު އެކަން މިއަދު ކުށްވެރި ކުރައްވައިފި އެވެ.

ރައީސް އަބްދުﷲ ޔާމީން އިއްޔެ އުތީމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ނަޝީދު އޮޕަރޭޝަނެއް ކުރަން ނުޖެހޭ ކަމަށާއި ޖެހެނީ އިންޖަކްޝަނެއް ޖަހަންކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. އެހެން ނަމަވެސް ނަޝީދު ބޭރަށް ވަޑައިގަތީ މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ވިދާޅުވެ އެވެ.

"އަވަސް" އާ މިއަދު ވާހަކަ ދައްކަވަމުން ވަކީލް ހަސަންވިދާޅުވީ، މުއްދަތު އިތުރުކޮށްދިނުމަށް ހުށަހެޅީ ޑޮކްޓަރުގެ ލިޔުމާ އެކީގައި ކަމަށާއި ނަމަވެސް މިދިޔަ މަހުގެ 18 ވަނަ ދުވަސް ފާއިތުވި ފަހުން ސަރުކާރުން ވަނީ އެ ލިޔުމުގެ ސައްހަ ކަން ޔަގީނުވާ ކަމަށް ބުނެފައި ކަމަށެވެ. އެހެން ނަމަވެސް އެ ލިޔުންތަކަކީ ސައްހަ ޑޮކިއުމެންޓެއްކަން މިހާރު ޔަގީން ވެފައިވާ ކަމަށާއި ސައްހަ ނޫން ޑޮކިއުމެންޓަކާ ހަވާލާ ދެއްވާ ރައިސުލްޖުމްހޫރިއްޔާ ވާހަކައެއް ނުދައްކަވާނެ ކަމަށް ހަސަން ވިދާޅުވި އެވެ. އަދި ރައީސްގެ ވާހަކަތަކުން ރައީސް ނަޝީދުގެ ޑޮކްޓަރު ފޮނުވި ލިޔުމާ ގުޅޭ ގޮތުން ސަރުކާރުން ޝައްކު ނުކުރާކަން ވެސް އެނގިގެން ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.


ހަސަން ވިދާޅުވަނީ ނަޝީދުގެ އާލާސްކަންފުޅާއި ހޯއްދަވާ ފަރުވާގެ ކަންކަން އެމަނިކުފާނުގެ ހުއްދައެއް ނެތި އެއްވެސް ފަރާތަކުން އާންމު ކުރުމަކީ ޒާތީ މައުލޫމާތުތަކެއް އާންމު ކުރުން ކަމަށެވެ. އަދި ނަޝީދުގެ އެއްވެސް ހުއްދައަކާ ނުލައި އެމަނިކުފާނުގެ ބޭސްފަރުވާގެ ކަންކަން ރައީސްއަށް ވެސް ހާމަ ނުކުރެވޭނެ ކަމަށް ހަސަން ދެކިވަޑައިގަންނަވަ އެވެ.

"އަޅުގަނޑުމެންނަށް ޕަބްލިކަލީ ޑިސްކްލޯސްއެއް ނުކުރެވޭނެ ޑޮކްޓަރު ދައްކަވާ ވާހަކަތަކެއް، އެ ލިޔުންތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވަމުން އަޅުގަނޑުމެން މި ގެންދަނީ، ޑޮކްޓަރު ވިދާޅުވެފައިވާ އެއްޗެއް ސަރުކާރަށް އެނގޭނެ، އެނގުނީމަ ވާގޮތް އަޅުގަނޑުމެންނަށް އިއްޔެ ފެނިއްޖެ، ރައީސް ޔާމީން ކޯފާވެ އިންނަވާ އިއްޔެ އެވަނީ ވިދާޅުވެފައި ރައީސް ނަޝީދު އެއްގޮތަށް ނޫނީ އެވެނި ގޮތަކަށް ކަންތައްތައް ކުރައްވަން ނުޖެހޭ ކަމަށް ވިދާޅުވެފައި، ކޮންފިޑެންޝަނަލް ބްރީޖް ކުރެވޭ ހިސާބަށް އެބަދޭ އެ ކޯފާ އިސްކުރައްވާ ވަރުން، މިހާރު ވަރަށް އުދަނގޫ މެޑިކަލް ހިސްޓްރީ ސަރުކާރަށް ދޭން ވެސް، އެ ވާހަކަތައް ޕަބްލިކަކު ނުދެއްކޭނެ،" ހަސަން ވިދާޅުވި އެވެ. "ރައީސް ޔާމީން ބޭނެންފުޅުނަމަ އެ ވާހަކަތައް ރައީސް ނަޝީދަށް ދަންނަވާ،"

ރައީސް ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު ހަމަވީ މިދިޔަ މަހުގެ 18 ވަނަ ދުވަހަށެވެ. ރައީސް ނަޝީދުގެ ފަރާތުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. ރައީސް ނަޝީދުގެ ފަރާތުން ހުށަހެޅި މެޑިކަލް ރިޕޯޓްތައް ސައްހަ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ބުނެ ރިޕޯޓްތައް އަލުން ހުށަހެޅުމަށް ސަރުކާރުން އަންގާފައިވެ އެވެ. މިކަމާ ގުޅޭ ގޮތުން ހަސަން ވިދާޅުވީ، ސީދާ ޑޮކްޓަރު ކަރެކްޝަންސް އަށް އެ ލިޔުންތައް ފޮނުވަން ސަރުކާރުން އެންގި ކަމަށެވެ.

"ކުރިން ހުށަހެޅި ލިޔުންތަށް ސައްހަ ނޫން ކަމަށް ޝައްކު ކުރެވޭ ކަމަށް ބުނެފައި އޮތީ، އަޅުގަނޑުމެންނަށް މިހާރު ޔަގީން އެ ލިޔުންތައް ސައްހަކަން، ރައީސް އިއްޔެ ވަނީ ރައީސް ނަޝީދު މިހެން ހައްދަވާކަށް ނުޖެހޭއޭ އެހެން ހައްދަވާކަށް ނުޖެހޭއޭ ވިދާޅުވެފައި، ރައީސް އެ ވިދާޅުވީ ޑޮކްޓަރަށް ނޫނީ ވިދާޅުވެވޭނެ އެއްޗެއް ނޫން، އެހެންކަމުން އެ އޮތީ ރައިސުލްޖުމްހޫރިއްޔާއަށް އެ މައުލޫމާތު ލިބައިފައި ދެއްތޯ،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނަޝީދުގެ ބޭސްފަރުވާއާ ގުޅޭ ލިޔެކިޔުންތައް ޑޮކްޓަރުގެ ފަރާތުން ކަރެކްޝަންސް އަށް ފޮނުވުމަށް ވަނީ އަންގައިފަ އެވެ. އެހެން ނަމަވެސް އެ ލިޔުންތައް ޑޮކްޓަރު އަދި ފޮނުއްވިކަން ވަކީލުންނަށް ނޭނގޭ ކަމަށް ހަސަން ވިދާޅުވި އެވެ. އެހެން ނަމަވެސް ރައީސް އެ މައުލޫމާތުތައް އާންމު ކުރެއްވުމުން އެ ލިޔުންތައް ޑޮކްޓަރުން ފޮނުވިތޯ ވަކީލުން ބަލަމުން އަންނަ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

"ސީދާ ޑޮކްޓަރު ފޮނުވާށޭ ލިޔުންތައް އެ ބޭފުޅުން ވިދާޅުވާ އީމެއިލް އައިޑީއަކަށް، އެ ޑޮކްޓަރުގެ ހޮސްޕިޓަލުން، އަޅުގަނޑުމެން ދެން އެދުނީ އެ ޑޮކްޓަރުގެ ކްލިކްގައި އެގޮތަށް، ޑޮކްޓަރުން ފޮނުވި އެ ލިޔުން ކަރެކްޝަނަލްއަށް، ދެން ކަރެކްޝަންސްއިން އެންގީ އަދި އޭގައި މިވެނި މައުލޫމާތެއް ނެތް ކަމަށް، ދެން އެންހެންވީމާ އެ މައުލޫމާތުތައް ފޮނުވުމަށް އެންގީ،" ލަތީފް ވިދާޅުވި އެވެ. "އެވާހަކަ ވާނީ ޑޮކްޓަރަށް އަންގާފައި، ދެން ޑޮކްޓަރު އެ ލިޔުންތައް ފޮނުވާނީ، އަދި ފޮނުވި ކަމެއް އެނގިފައެއް ނެތް، އެހެން އެކަން އޮތްވާ އަޅުގަނޑުމެންނަށް މި އެނގުނީ ޑޮކްޓަރު އެ ފޮނުވި ލިޔުންތަކުގައި ހުރި ކަންތައްތަކަކީ މިހާރު ސަރުކާރުން ގަބޫލުކުރައްވާ ކަންތައްތައްކަން،"


ރައީސް ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށް ދިނުމަށް ހުށަހެޅި ގޮތް ވަރަށް ތަފްސީލުކޮށް ހަސަން ހިއްސާކުރެއްވި އެވެ. ހަސަން ވިދާޅުވީ އެކަން ކުރީ އޮންނަ އުސޫލުން ކަމަށެވެ. އެހެން ނަމަވެސް ކަރެކްޝަންސް އިން ރައީސް ނަޝީދުގެ ބައްޕާ ފުޅަށް ސިޓީ ފޮނުވައި ނަޝީދުގެ މައުލޫމާތު ހޯދަން މަސައްކަތް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ހަސަން ވިދާޅުވި އެވެ. އެކަން ވަކީލުން ކުށްވެރި ކުރައްވަ އެވެ.

"އެންމެ ފުރަތަމަ ރައީސް ނަޝީދުގެ ބައްޕައަށް ފޮނުވަނީ ސިޓީއެއް، އޭގައި އޮންނަނީ ތާރީހެއް ޖަހާފައި ހުށަހަޅުއްވަން މެޑިކަލް ލިޔެކިޔުންތަކާ ހުރިހާ އެއްޗެއް، ދެން އަޅުގަނޑުމެން އެއަށް ޖަވާބު ފޮނުވީ، އަޅުގަނޑުމެން ސާފުކުރަން ބޭނުންވީ ކީއްވެގެންތޯ ރައީސް ނަޝީދުގެ ބައްޕައަށް އެ ފޮނުއްވީ، އެއީ ރައީސް ނަޝީދުގެ ބައްޕައަކީ އެއްވެސް އެއްޗެއްގައި ސޮއިކުރެއްވި ބޭފުޅެއް ވެސް ނޫން، ކީއްވެގެންތޯ އެގޮތަށް އެކަންތައް ކުރައްވަނީ، އެއަކަށް ޖަވާބެއް ނުދެއްވާ އެ ބޭފުޅުން،"

މީގެކުރިން ކަރެކްޝަނަލްގެ މީޑިއާ އޮފިޝަލް ހަސަން އަލީ ވިދާޅުވެފައިވަނީ މެޑިކަލް ބޯޑުން ނަޝީދު ހުށަހެޅުއްވި ލިޔުންތައް ބެލުމަށް ފަހު ނިންމާފައި ވަނީ ލިޔެކިޔުންތަކުގައި ބައެއް މައުލޫމާތު މަދުވުމާއި ހުށަހަޅަން ޖެހޭ ބައެއް ލިޔުންތައް ހުށަނޭޅުމާއި އަދި ބައެއް ލިޔުންތަކުގެ ސައްހަ ކަމާ މެދު ޝައްކު އުފެދޭތީ އަލުން ލިޔެކިޔުންތައް ހުށަހަޅަން ނަޝީދަށް ފުރުސަތު ދިނުމަށެވެ. އަދި އެ ލިޔެކިޔުންތައް ނުލިބެނިސް މުއްދަތު އިތުރު ނުކޮށްދޭނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ. ނަޝީދު އެދިވަޑައިގެންފައި ވަނީ ބޭސްފަރުވާގެ މުއްދަތު ދެ މަސް ދުވަހަށް އިތުރުކޮށް ދިނުމަށެވެ.