ޑރ. މުހައްމަދު މުއިއްޒު

މާވަށު ރައްޔިތުންނަށް 30 ހެކްޓަރުގެ ބިން ހިއްކައިދޭނަން: ރައީސް

ލ. މާވަށުގެ ބިން ހިއްކާއިރު ޖުމުލަ 30 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ލ. މާވަށަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ކުރިން އެރަށުގެ ބިން ހިއްކުމަށް އޮތީ 15 ހެކްޓަރު ކަމުގައިވިޔަސް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސް ނިމޭއިރު ޖުމްލަ 30 ހެކްޓަރުގެ ބިން ހިއްކައިދޭނެ ކަމަށެވެ.

"މާވަށަށް ކުރިމަތިވާ އުދައެރުމުގެ މައްސަލައަށް ވެސް ހައްލެއް ލިބޭގޮތަށް އެ ސަރަހައްދު [މިމަޝްރޫއުގެ ތެރެއިން ހިމާޔަތްކުރެވިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރު އައިއިރު މުޅި ރާއްޖޭގައި ހުއްޓިފައިހުރި ބައެއް މަޝްރޫއުތައް އަލުން ފަށައިގެން މިހާރު ކުރިއަށްދާ ކަމަށެވެ. އަދި 50 މިލިއަން ރުފިޔާ އިން މަތީގެ ހަރަދުތައް ހިނގާ ބޮޑެތި މަޝްރޫއުތައްވެސް އެކި މަސްތަކަށް ބަހާލައިގެން ކުރިއަށް ގެންދާނެ ކަމުގައި ވިދާޅުވި އެވެ.

"އެގޮތުން އެފަދަ ބައެއް މަޝްރޫއުތައް ޖުލައި މަހާ ހިސާބުގައި ފެށޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މާލަސްތަކެއް ނުވެ މާވަށާ ކައިރިން ފަޅުތެރޭގައި ރިސޯޓްތައް ތަރައްގީކުރުމުގެ މަސައްކަތްވެސް ފެށިގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި މާވަށުގެ މަގުތައް ހެދުމާއި އެނޫންވެސް ރަށުގެ ތަރައްގީއަށް ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުން އެދޭގޮތަށް ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވެވި އެވެ.