ހަގީގަތަކީ މިއީ އެވެ. މާލެއިން މިވަގުތު ލިބެން ހުރި އެންމެ މީރު ކޭކަކީ ކޮބައިތޯ ސުވާލުކޮށްފި ނަމަ އޭގެ ޖަވާބަކަށް އެންމެން ވެސް ދެނީ "ފްރޮސްޓީ ކަޕް ކޭކްސް" އެވެ. އެކަމަކު އެމީހުން ކަޕް ކޭކެއް ވެސް ނަހަދަ އެވެ. އަދި އެ ބުނާ މި މީރު ކޭކުތަކެއް އަޅައި ޖަރީކޮށް އޭގެ ފޮނި ޖާދޫގައި މި ރަށުގެ މީހުން ޖައްސަމުން އަންނަ އަންހެން މީހާ އަށް ކޭކެއް މީރެއް ވެސް ނޫނެވެ.
ވަކިން ހާއްސަކޮށް އޭނާގެ "ފްރޮސްޓީ ކަޕް ކޭކްސް" ގެ ވިޔަފާރީގައި އެންމެ މަގްބޫލު ޗޮކްލެޓް ކޭކެއްގެ ވަސް ޖެހުނަސް އޭނާގެ މޭނުބައިކުރުވަ އެވެ. އެކަމަކު އެންމެން ވެސް ބުނަނީ "ފްރޮސްޓީ ކަޕް ކޭކް" ވަރެއް ނެތް ކަމަށެވެ.
އަވަސް ވީކެންޑަށް ކޮންމެހެން ހަދައިފައި ނަމަވެސް މި ފްރޮސްޓީ ކަޕް ކޭކެއްގެ ވާހަކައެއް ގެންނަން މި ޖެހުނީ ވެސް މި ސަބަބަކާ ހެދި އެވެ.
އަނގަޔަށް ވިރިގެންދާ މި ކޭކުތަކެއްގެ ފަހަތުގައި ފެންނަން ހުރީ މެދުއުމުރުގެ އަންހެނެކެވެ. އެއީ ސ. ހިތަދޫ އަށް ނިސްބަތްވާ ހަދީޖާ ޒުބެއިރު އެވެ. އޭނާގެ ގިނަ ރައްޓެހިން އޭނާ ދަންނަނީ މަންދީގެ ނަމުންނެވެ. އެހެންވީމަ މަންދީއޭ ކިޔާފައި މިހައި ހިސާބުން މިއެއް ކުރިއަށް ގެންދަމާ ހިނގާށެވެ.
މަންދީ އަކީ އެކަނިވެރި މައެކެވެ. އޭނާ މާލެ އައީ ކުރީގެ ފިރިމީހާއާ އެކު ލިބިފައިވާ ދެ ކުދިންނަށް ކިޔެއްވުމުގެ ހުވަފެނުގަ އެވެ. އެ ހުވަފެނުގައި އޭނާ ނިކަން ރަނގަޅަށް އައިސިން ޖަހައިފި އެވެ. އޭގެ ތެރެއިން އެއް ކުއްޖަކު ކިޔަވައި ނިމިގެން އަމިއްލަ ދިރިއުޅުމެއް ވެސް ފައްޓައިފި އެވެ. އެއީ ދޮށީ އަންހެން ދަރިފުޅެވެ. ނަމަކީ އައިޝަތު ނިޝާތު އެވެ.
މަންދީގެ "ފްރޮސްޓީ ކަޕް ކޭކްސް" ގެ ދުނިޔޭގައި ކުލަޖައްސައިދޭ ފަރާތަކީ މިއީ އެވެ. މި އެންމެން މަންދީގެ މި ވާހަކައަކަށް ހާއްސަވަނީ ވެސް މި ސަބަބާ ހެދި އެވެ.
"ކުދިން ވަރަށް ކުޑައިރު ކޭކު ކޯހެއް އަޅުގަނޑު ފުރަތަމަ ހެދީ. މާލޭގައި ނަޝީދާ، ނަޝީ ކޭކްސް އިން އެ ކޯސް ހެދީ. ދެން އެނބުރި ރަށަށް ގޮސްސަ އެ މަސައްކަތްކުރަން ބެލިއިރު މަސައްކަތްކުރާނެ އެއްޗެހިތަކެއް ނުލިބުނު. އެއްޗެހި ނުލިބިގެން އޭރު އެ މަސައްކަތް ހުއްޓާލީ ފޫހިވެގެން،" އެންމެ ފުރަތަމަ މި މަސައްކަތެއް ފަށައިގަތުމަށް ކުރި މަސައްކަތުގައި މާޔޫސްވިގޮތް ކިޔައިދެމުން މަންދީ ބުންޏެވެ.
ނަމަވެސް ފިރިމީހާއާ ވަކިވެ، ކުދިން ވެސް ބޮޑެތިވެ، މާލޭގައި ކުއްޔަށް ދިރިއުޅޭ އެޕާޓްމަންޓްގައި އެކަނި ދިރިއުޅެން ޖެހުނު ހިސާބުން މަންދީގެ ހަޔާތުގައި އަނެއްކާވެސް ކޭކް ފިހެން ފެށީ އެވެ. މިފަހަރަކު ނުވެސް އަނދަ އެވެ. އެކަމަކަށް ފޫއްސެއްވެސް ނުވި އެވެ.
"ކުދިން އިތުރަށް ތައުލީމު ހާސިލުކުރަން ރާއްޖެ އިން ބޭރަށް ދިޔައީމަ އަޅުގަނޑު މި މަސައްކަތް ފެށީ. މިއީ ހަމަ މިކަމަށް ހުސްވެގެން ހުރެ ނޫނިއްޔާމު ކުރެވޭނެ މަސައްކަތެއް ނޫން. އެހެން އެއްވެސް ކަމަކާ އިންވޯލްވެގެން ހުރެ މިގޮތަކަށް މިކަމެއް ނުކުރެވޭނެ. އެހެނެއް ނޫން ދުވާލަކު ކޭކެއް ހެދިދާނެ. އެކަމަކު އަޅުގަނޑު މިހާރު މި ހުންނަނީ ސީދާ މިކަމަށް ހުސްވެގެން،" މަންދީ ކިޔައިދިނެވެ.
"އެކަމަކު އޭރު ކޭކު އަޅަން ދަސްކުރި ގޮތަކަށް ނޫން މިހާރު ކޭކު މި ފިހަނީ. ތަފާތުގޮތަކަށް. އާންމުކޮށް މާލެ އިން ލިބެން މި ހުންނަ ކޭކުތަކާ ވެސް އަޅުގަނޑުމެންގެ ކޭކުތައް ތަފާތުވާނެ."
"އަޅުގަނޑުމެން ބޭނުންކުރާ ޗޮކްލެޓް ވެސް ތަފާތުވާނެ. ވަރަށް ބޮޑަށް މަސައްކަތްކުރަން އެއް ކޮލިޓީއެއްގެ ޓޭސްޓް ހިފެހެއްޓޭތޯ. ތަފާތުނުކޮށް ވޭތޯ ބަލަން. މިސާލަކަށް ކަސްޓަމަރުން ކައިރީގައި ވެސް ބުނަން އަބަދުވެސް ރަހަ އަށް ކޮމެންޓްކުރައްޗޭ. އެގޮތަށް މީހުން ދޭ ކޮމެންޓްތަކަށް ބަލައިގެން ވެސް ރަހަ އިތުރަށް ރަނގަޅުކޮށްފައި ހުންނާނެ."
ހުރިހާ ވެސް ޝުކުރެއް މަންދީގެ އަންހެން ދަރިފުޅު އައިޝާ އަށެވެ.
"މިއީ އަޅުގަނޑުގެ ދަރިފުޅުގެ އައިޑިއާއެއް. ރެސިޕީއާ އެއްޗެހި އަޅުގަނޑަށް ފޮނުވީމަ އަޅުގަނޑުގެ މަސައްކަތަކީ ކޭކު ތައްޔާރުކުރުން. މިއީ އޭނަ އަޅުގަނޑަށް ކޮށްދޭ ކަމެއް. މިސާލަކަށް ކޭކަކަށް އޯޑަރެއް ލިބުނީމަ ވެސް އެންމެ ފުރަތަމަ އަޅުގަނޑު އެ އޯޑަރު ފޮނުވާލީ ދަރިފުޅަށް. ފޮނުވާލީމަ އޭނާ އެއަށް އަގުހަދައިދީފަ އޭތި ޑިޒައިންކުރާނެ ގޮތް ވެސް ކިޔައިދޭނީ އަޅުގަނޑަށް،" މަންދީ ކިޔައިދިނެވެ.
އެކަމަކު ވެސް މި މަސައްކަތުގެ ހަގީގީ ޗެމްޕިއަނަކީ މަންދީ އެވެ. ކޭކު ނުކާ މީހަކު އަދި ކޭކުގެ ވަހަށް މޭނުބައިކުރުވާ މީހަކު މި މިސައްކަތުގައި އެކަނިމާއެކަނި އުޅެމުންދާތީ އެވެ.
މަންދީ ބުނީ މިހާރު ދެން ހުރިހާ ކަމަކަށް އަދި ރަހައަކާއި ވަސްތަކަކަށް ވެސް އާދަވެފައިވާ ކަމަށެވެ. އޭނާގެ ފްރޮސްޓީ ކަޕް ކޭކްސް އަށް ތިން އަހަރު ފުރުނީ އެވެ.
"އަޅުގަނޑު އެއްވެސް ވަރަކަށް ކޭކްގެ ރަހަ ނުބަލަން. ޗޮކްލެޓް އަޅުގަނޑަށް ވަރަށް ނުބައި. ކުރިން ޗޮކްލެޓްގެ ވަސް ޖެހުނަސް މޭނުބައިކުރާނެ. އެކަމަކު މިހާރު އެ ވަސް މިގޮތަށް ކޮންމެ ދުވަހަކުހެން ޖެހިޖެހި އާދަވެފައި ހުންނަނީ،" މަންދީ ބުންޏެވެ.
"އަޅުގަނޑަކީ ޗޮކްލެޓް ފްލެވާޑްގެ އެއްވެސް އެއްޗެއް ކަމުދާ މީހެއް ނޫން. ނުކަން އެއްވެސް އިރަކު. އެހެން ވިޔަސް ކޭކް ހަދާއިރު ހަމައެކަނި ވަސް ބަލައިލީމަ އަޅުގަނޑަށް އެނގޭނެ ކޭކަށް އަޅަން ޖެހޭ ހެޔޮވަރު ވަރަކީ ކޮބައިކަން. އަޅުގަނޑު ހަމަ އެއްވެސް ގޮތަކަށް ރަހަ ވެސް ބަލައިނުލަން ކޭކް ފިހާއިރު ވެސް"
"ރެސިޕީގައި ހުންނަ ގޮތަށް އެއްޗެހިތައް މިކްސްކޮށްލާފައި ވަސް ބަލައިލީމަ އެނގޭ ދެން އޭގެ ރަހަ ރަނގަޅުވާނެކަން. ކައްކާއިރު ރަހަ ބަލަމުން ކެއްކުމަކީ އަޅުގަނޑު ކުރާ ކަމެއް ނޫން އެއްގޮތަކަށް ވެސް."
އެހެންވީމަ މަންދީވަރެއް ނެތެއް ނޫން ހެއްޔެވެ!
މަންދީ ބުނީ އޭނާ އަކީ އަބަދުވެސް މިފަދަ ކަމެއް ކުރާއިރު އެހެން އެންމެނަށް ވުރެ ތަފާތު ގޮތަކަށް އެކަމެއް ގެނެސްދެވޭތޯ މަސައްކަތްކުރާ މީހެއް ކަމަށެވެ.
"އެގޮތަށް ކައްކާއިރު އަބަދުވެސް ބޭނުންވަނީ ތަފާތު އެއްޗެއް ހަދާލަން. މީހުން އާންމުކޮށް ހަދާ އެއްޗިއްސާ ތަފާތު ކަމެއް ދައްކާލަން ބޭނުންވަނީ. އެގޮތުން ކަޕް ކޭކްސް އިން އަޅުގަނޑުމެން މި މަސައްކަތް ފަށައިގަތްއިރު އެގޮތަށް ކަޕް ކޭކްސް ގެނެސްދިން ބަޔަކު ވެސް ނެތް މާލޭގައި އޭރަކު،" މަންދީ ކިޔައިދިނެވެ.
މަންދީ އާއި އޭނާގެ އަންހެން ދަރިފުޅުގެ މި މަސައްކަތުގެ އަނެއް ތަފާތަކީ މީގެ ރަހަ އެވެ. ބަދަލުވުމެެއް ނެތް އަދި އޭގެ ކޮލިޓީއަށް ބަދަލެއް އައުމެއް ނެތް ރަހަ އެވެ.
"މާލޭގައި ވިއްކަން ހުންނަ އެއްވެސް އެއްޗެއް އަޅުގަނޑުމެން މީގައި ބޭނުމެއް ނުކުރަން. އެއީ މީގެ ކޮލިޓީ ވެސް އެހެން ކޭކުތަކާ ތަފާތުވާ ސަބަބަކީ. މީހުން ބުނޭ ކީއްވެގެން ހެއްޔޭ އަގުބޮޑުވަނީ. ވާގޮތަކީ އަޅުގަނޑު އެގޮތަށް ހުރިހާ އެއްޗެއް ބޭރުން މި ގެންނަނީ މަސައްކަތްކުރަން،" މަންދީ ކިޔައިދިނެވެ.
"އެހެންވީމަ އެންމެ ކޮލިޓީ އެއްޗެހިތައް ގެނެސްގެން ފޯރުކޮށްދެވޭ ރަހަ އަށް ވުރެ މި މަސައްކަތުގެ އަގުބޮޑު ކަމަކަށް ގަބޫލެއް ނުކުރަން."
އެހެންވީމަ އެ އަގުތަކަކީ ކޮބައިތޯ އެވެ؟
އެންމެ މަގްބޫލު ޑޫއެލް ޗޮކްލެޓް ކޭކުތަކުގެ އަގުތައް އުޅެނީ 575 ރުފިޔާ އާއި 510 ރުފިޔާއާ ދެމެދުގަ އެވެ. ގްލޮސީ ޗޮކްލެޓް ކޭކެއްގެ އަގަކީ ވެސް 510 ރުފިޔާ އެވެ. ރެޑް ވެލްވެޓް ކޭކެއްގެ އަގު އުޅެނީ 360 ރުފިޔާގަ އެވެ.
އަގުތައް އުޅެނީ ގާތްގަނޑަކަށް މުޅިން ވެސް މި ރޭންޖުތަކުގަ އެވެ. ބައެއް މީހުންނަށް މި އަގުތައް ބޮޑު ނަމަވެސް ފާހަގަކޮށްލަން ޖެހެނީ މަންދީ އުޅެން ޖެހެނީ ލިބޭ އޯޑަރުތަކާ ހެދި އޮބިނޯވެގެން ކަމެވެ. އަޅުގަނޑުމެން މި އިންޓަވިއުއެއް ނަގަންދިޔައިރު ވެސް މަންދީ ދިރިއުޅޭ އެ ކުޑަކުޑަ އެޕާޓްމަންޓް އެއްކޮށް އޮތީ އެކި ޒާތްޒާތުގެ ކޭކުތަކާ އެކު ފުރިފަ އެވެ.
ފްރިޖު ހުޅުވާލިއިރު ފްރިޖުގައި ވެސް ހުސް ކޭކެވެ. އޭނާ ބުނީ އޯޑަރު އެގޮތަށް ގިނަވާ ދުވަސްތަކުގައި ހުރިހާ އޯޑަރެއް ބަލައެއް ވެސް ނުގަނެވޭ ކަމަށެވެ.
"ދުވާލަކަށް އެންމެ ގިނައިން މި ނަގަނީ 16 ކޭކަށް އޯޑަރު. އާންމުކޮށް އެ އަދަދު ހަމަވާނެ މިކަހަލަ ހާއްސަ ދުވަސްތަކުގައި،" ފެބްރުއަރީ 29 އަށް އިޝާރާތްކޮށް މަންދީ ބުންޏެވެ.
"އަޅުގަނޑަށް ހީވަނީ މިކަހަލަ ދުވަސްތަކުގައި 50 ކޭކް ހެދިޔަސް ލިބޭ އޯޑަރުތަކަށް މަދުވާނެހެން. އެއަށް ވުރެ ވެސް ގިނަ ބޭފުޅުން ގުޅާ. އާންމުކޮށް ކޮންމެ ދުވަހަކު ވެސް ތިން ކޭކް ނުވިކޭ ދުވަހެއް ނުދޭ. ކޭކެއް ނަހަދާ ދުވަހެއް ނާދެއޭ ބުނާ ވަރަށް ކޮންމެ ދުވަހަކު ވެސް މި މަސައްކަތްކުރެވޭ މިހާރު."
ގައުމުން ބޭރުގައި ދިރިއުޅޭ ދެ ކުދިންނާ ދުރުގައި ހުރެ މަންދީ ކުރާ މި މަސައްކަތުން ލިބޭ ނަފާ ވެސް ވަރަށް ބޮޑެވެ. އޭނާ ބުނީ ބައެއް މަސްމަހުގައި ހަމައެކަނި ކޭކު ވިއްކައިގެން 50،000 ރުފިޔާގެ އާމްދަނީއެއް ލިބޭ ކަމަށެވެ.
"އަޅުގަނޑުމެން މި ކޭކްތަކަށް އަގުތައް ހަދާފައި މި ހުންނަނީ މާލޭގައި އުޅެން ޖެހޭ ގޮތަށް ވެސް ބަލައިގެން. އަޅުގަނޑުމެންނަކީ މާލޭގައި ކުއްޔަށް އުޅޭ ބައެއް ވީމަ. އެހުރިހާ އެއްޗެއް ލައިގެން އަގުތައް ހަދާފައި ހުންނާނީ ކޭކްތަކަށް. އެއްގޮތަކަށް މާލޭގައި އެހެން ބަޔަކު ކޭކް އަޅައިދޭ އަގުތަކަކަކަށް ބަލައިގެނެއް ނޫން،" މަންދީ ކިޔައިދިނެވެ.
އޭނާ ބުނީ ކޭކުގެ ވިޔަފާރި މިވީ ތިން އަހަރު ތެރޭގައި ފުޅާކުރީ ވެސް ކޭކު ވިއްކައިގެން ލިބުނު ލާރި އެއްކޮށްގެން ގަތް އެއްޗެހިން ކަމަށެވެ.
"ކޭކް ވިއްކައިގެން ލިބޭ އެއްޗަކުން ހުރިހާ ޚަރަދެއްކޮށްލައިގެން އިތުރު އެއްޗެހި ގަންނަނީ. މިސާލަކަށް މިހާރު ކޭކް ފިހަން ބޭނުންކުރާ އަވަނާއި ކޭކްތައް ލުމަށް ހާއްސަކޮށްފައިވާ ފްރިޖުތަކަކީ ވެސް ސީދާ މި މަސައްކަތުން ލިބުނު އެއްޗެއް ސޭވްކޮށްގެން ހޯދާފައިވާ އެއްޗެހި. އެންމެ ފުރަތަމަ ފެށީ ވަރަށް ކުޑަކުޑަ އަވަނަކުން. އެއަށް ފަހު ފަހަރަކު އެއްޗެއް ގަންނަމުން އިތުރުކުރަން މި ދަނީ،" މަންދީ ކިޔައިދިނެވެ.
"މިހާރު ބޭނުންކުރާ އަވަން ވެސް އެހެރީ ކުޑަވެފައި. އެކަމަކު ބޮޑަށް މިހާރު ތައްޔާރުމި ވަނީ ބޭކަރީއަކަށް. އަޅުގަނޑުމެން މި މަސައްކަތްކުރަނީ ކެފޭއަކާ އެކު ހުންނަ ކަހަލަ ބޭކަރީއެއް ހުޅުވަން. އެކަމަކު އެންމެ ފުރަތަމަ އެހާ ރަނގަޅެއް ވެސް ނުވާނެ. އަޅުގަނޑުމެން ފަށައިގަތީ ވެސް ޒީރޯއިން. އެހެންވީމަ ރަނގަޅުވާނެ ކަމަށް އުއްމީދުކުރަނީ."
"އަޅުގަނޑުމެންގެ ބޭކަރީއެއް އިރާދަކުރެއްވިއްޔާ މި އަހަރުގެ ފަހުކޮޅު ހުޅުވޭނެ. އެކަމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން މި ދަނީ. ވާގޮތަކީ ލިބޭހާ އޯޑަރުތަކަށް މަސައްކަތްކުރަން ހަދައިގެން ބައެއް އޯޑަރުތައް ކެންސަލް ވެސް ކުރަން ޖެހޭ. ލިބޭ ހުރިހާ އޯޑަރެއް ނުއެއް ނެނގޭ. އެކަނި މަސައްކަތްކުރަން ޖެހުމުންނާ އެކުވެސް."