ހަބަރު

ރާޅުގަނޑަށް އެރުނު ބަޔަކު ހައްޔަރުކޮށްފި

ރާޅުގަނޑު ސަރަހައްދަށް މޫދަށް އެރުނު ތިން މީހަކު ހައްޔަރުކޮށްފި އެވެ. ހައްޔަރުކޮށްފައިވަނީ އަލީ މިސްބާހާއި މުހައްމަދު ދައުސް އަދި ހުސެއިން އަރީފު ކިޔާ، ދެ ރާޅާ އެޅުންތެރިންނެވެ.

މި ތިން ރާޅާ އެޅުންތެރިން ހައްޔަރުކޮށްފައިވަނީ ރާޅުގަނޑު ސަރަހައްދަށް މޫދަށް އެރުން މަނާކޮށްފައި އޮތްވާ އެ ސަރަހައްދަށް މޫދަށް އެރުމުން ކަމަށް އެމީހުން ހައްޔަރުކުރުމަށް އައި ފުލުހުން ބުންޏެވެ. އެ ސަރަހައްދަށް މޫދަށް އެރުން މަނާ ކޮށްފައިވާ ކަމަށް ރަސްމީކޮށް އެއްވެސް ފަރާތަކުން އަންގާފައެއް ނުވެ އެވެ.

ރާޅުގަނޑު ސަރަހައްދު ކިލަނބުވެ ރާޅު ނެގުން މަދުވެފައިވާތީ، ރާޅާ އެޅުންތެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރާޅުގަނޑު ސަރަހައްދުގައި ރާޅާ އެޅުންތެރިން ކުރި އިހުތިޖާޖުގެ ތެރެއިން މީގެކުރިން ވެސް ބަޔަކު ހައްޔަރުކޮށްފައިވެ އެވެ. އެމީހުންގެ ތެރެއިން ތިން މީހުން އިއްޔެ ކްރިމިނަލް ކޯޓުން ދޫކޮށްލާފަ އެވެ.

ހައުސިން މިނިސްޓްރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ރާޅާ އެޅުންތެރިންނަށް ރަނގަޅު ގޮތެއް ހައްދަވައިދޭނެ ކަމަށެވެ. މުއިއްޒު ވިދާޅުވެފައިވަނީ، ބްރިޖް މަޝްރޫއުގެ ވަކި ހިސާބަކުން ރާޅުގަނޑު ސަރަހައްދު ބޭނުން ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ރާޅާ އެޅުންތެރިންނަށް މަޝްރޫއު ނިމެންދެން، މާލެއާ ދުރު ނޫން އެހެން ސަރަހައްދަކުން ރާޅާ އެޅޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.