ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

މަޖިލިސް އިންތިހާބު: 8 ވޯޓު ފޮށްޓެއް ބަހައްޓާ ތަނަށް ބަދަލެއް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބައެއް ދާއިރާތަކުގެ ވޮޓު ފޮށި ބަހައްޓާ ސަރަޙައްދަށް ބަދަލު ގެނެސްފި އެވެ.

އަންނަ އާދިއްތަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި ޖުމްލަ 602 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބަދަލު ގެނެސްފައިވަނީ އަށް ވޯޓު ފޮށްޓެއް ބަހައްޓާ ސަރަހައްދަށެވެ. މިބަދަލުތައް ގެނެސް އެ މައުލޫމާތުތައް ކޮމިޝަނުން ވަނީ ގެޒެޓްކޮށްފަ އެވެ.

ބައެއް ވޯޓު ފޮށި ބަހައްޓާ ތަން ބަދަލުކުރީ ވޯޓުލާން ދާ މީހުންނަށް ފަސޭހަކޮށްދިނުމާ އެކު ތޮއްޖެހުން ކުޑަކުރަން ކަމަށް ކޮމިޝަނުން ބުނެ އެވެ.

ވޯޓު ފޮށި ބަހައްޓާ ސަރަހައްދުތަކަށް އައި ބަދަލުތައް

  • ނ. ވެލިދޫ-1 - ނ. ވެލިދޫ، ނ. އަތޮޅު ތައުލީމީ މަރުކަޒުގެ ޑީ ބްލޮކް އިމާރާތް
  • ތ. ގުރައިދޫ-1 - ތ. ގުރައިދޫ، ތ. އަތޮޅު މަދަރުސާގެ ލައިބްރަރީ
  • ތ. ގުރައިދޫ-2 - ތ. ގުރައިދޫ، ތ. އަތޮޅު މަދަރުސާގެ އޭވީ ރޫމް
  • ތ. ތިމަރަފުށި-1 - ތ. ތިމަރަފުށި، ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މަލްޓިޕާޕަސް ހޯލް
  • ގަލޮޅު ދެކުނު-5 - މާލެ، އިމާދުއްދީން ސްކޫލް ކްލާސްރޫމް 8 ބީޓެކް
  • ރ. އަތޮޅު، މާލެ-2 - އިސްކަންދަރު ސްކޫލްގެ ކްލާސް ރޫމް 3B
  • ދ. އަތޮޅު، މާލެ-1 - މާލެ، މޯލްޑިވްސް ޕޮލިޓެކްނިކްގެ ކޮމްޕައުންޑް އޭރިއާ
  • ލ. އަތޮޅު، މާލެ-5 - މާލެ، ރިހިޖެހިކޮށި އިމާރާތުގެ ގްރައުންޑް ފްލޯގަ އޮންނަ ހުސް ޖާގަ

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި މާލެ ސަރަހައްދުގައި 241 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވެ އެވެ. އެއީ މާލޭގައި 181 ފޮށި، ހުޅުމާލޭގައި 51 ފޮށި އަދި ވިލިމާލޭގައި ނުވަ ވޯޓު ފޮށްޓެވެ.

މަޖިލިސް އިންތިހާބުގައި އަތޮޅުތަކުގައި 319 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު ރާއްޖޭން ބޭރުގައި ތިން ވޯޓު ފޮށި ރިސޯޓުތަކުގައި 34 ވޯޓު ފޮށި އަދި ޖަލުތަކުގައި 5 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ.