ވާހަކަ

ނިވެމުންދާ ބައްތި

(އެންމެ ފަހުގެ ބަޔާ ގުޅޭ)

ރައްޓެހިންނާއި އަނެއްކާ ވެސް ސޯސަލް މީޑިޔާގެ ތެރެއިން ގުޅުންތައް ބަދަހިކުރުން އިތުރުވާން ފެށިއެވެ. ކުރީގެ ފިރިހެން ރައްޓެހިންތައް ބްލޮކު ކޮށްލުމަށް ފަހުގައެވެ. ދެވަނަ ފަހަރަށް އެމީހުންގެ އުނދަގުލެއް ފޯރަ ފާނެތީއެވެ.
ޑާޓަރ އޮން ކޮށްލުމާ އެކުގައި މިޝްކާއަށް ވައިބަރ އިން ރައްޓެއްސަކުން ގޮވަން ފެށިއެވެ. އަދި އާލިޔާގެ މިހާރުގެ ފޮޓޯއެއް މިޝްކާއަށް ފޮނުވާލިއެވެ. މިޝްކާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ސުވާލުގެ ނަޒަރަކުން އާލިޔާއަށް ބަލަހައްޓައިގެން އިނދެވުނެވެ. ސުވާލަކަށްފަހު ސުވާލެއް ހިތުގެ ތެރޭގައި އިތުރުވަމުން ދިޔައެވެ. އާލިޔާގެ ހަށިގަނޑުން ފާހަގަ ކުރެވުނު އެކިއެކި ނުކުތާ ތަކަށް ސާފު ޖަވާބު ބޭނުންވިއެވެ. މިޝްކާ ކުރާ ކޮންމެ ސުވާލަކަށް އެކޮޅުން މާޔޫސްވާ ފަދަ ޖަވާބެވެ. މިޝްކާގެ ލޭގެ ޕުރެސަރ މަތިވަމުން ދިޔައެވެ. ސިކުނޑި ފިކުރުގެ ކަނޑެއްގައި ޣަރަގު ވަމުން ދިޔައެވެ.
އެންމެ ފަހުން މިޝްކާގެ މޫނު މަތީގެ ކުލަ މަޑުމަޑުން ބަދަލުވާން ފެށިއެވެ. ނިތުގެ ރޫތައް އިތުރުވިއެވެ. ރަތްވެ އަނގުރަށް ވަމުން ދިޔަ ލޮލުން ފާޅުވޭވޭ ހުރި ވިދުވަރުގެ ތެރެއިން ކަރުނަ ހިލިގެން ދިޔައެވެ. ދުރު ފެންނަންއޮތް ކުރިމަގުގެ ކުރެހުން ކަޅުވެ ބަނަވަމުން ދިޔައެވެ. ސައުންގެ އިތުރު ފުރާނައެއް ދުނިޔެއަށް ނޭވާލުމަކީ މިޝްކާ ބޭނުންވި ގޮތެއް ނޫނެވެ. ސައުންގެ ހުރިހާ މުދަލަކާއި ފައިސާއެއްގެ ހައްގުވެރި ފަރާތަކީ މިޝްކާއާއި މިޝްކާގެ ދަރިންކަމަށް ހީކުރިއެވެ. އެހެނަސް ތަގުދީރުގެ ގަލަމުން ފެވިގެން ދިޔަ ޕުލޭންގައި ހުރިހާ ތަރިކައެއް މިޝްކާ އެކަނި ކާން ފުރުޞަތެއް ނުދިނެވެ. ސައުންނާއި އާލިޔާ ދުރު ކުރުމަށް ކުރި ހުރިހާ ކަމެއް ކުރީ އެކަން އެގޮތަށް ވެދާނެތީއެވެ. ދެމީހުންގެ ދެމެދުގައި ކައިވެނީގެ ގުޅުން ވަރުގަދަވެ، އެކުގައި ދެމީހުން އުމުރަށް ހޭދަ ކޮށްފާނެތީއެވެ. އަދި އާލިޔާގެ ފުށުން ސައުންގެ ތަރިކަ ހައްޤުވާ އިތުރު ވާރިޘަކު އުފަން ވެދާނެތީއެވެ.

މިޝްކާ ކުޅުނު ހުރިހާ ޑްރާމާއެއް ކުރިމަތީގައި ނިއުޅުން ވަމުން ދިޔައެވެ. އެއިން އެއްވެސް ކަމަކުން ވީ ފައިދާއެއް ނެތެވެ. ތަޤުދީރުގެ ރޭވުންތެރި ކަމުގެ ކުރިމަތީގައި މިޝްކާގެ ހުރިހާ ޕުލޭނެއް އަނދާ އަޅިއަށް ވެގެން ދިޔައީއެވެ.
އާލިޔާ ސައުންގެ ދަރިއަކަށް ބަލިވެ އިން ޚަބަރަކީ މިޝްކާ އަހަން ބޭނުންވި ޚަބަރެއް ނޫނެވެ. އެހެން ނަމަވެސް އެޚަޤީގަތް މިސްކާއަށް ޖެހުނީ ހިތާ ދެކޮޅަށް ނަމަވެސް ގަބޫލު ކުރާށެވެ.

ސައުން އަމިއްލަ ކުރުމަށްކުރި މަސައްކަތުގެ ނަތީޖާ މިޝްކާއަށް ފެނިގެން ދިޔައީ ކުޅަދުންވަންތަ ވެރިކަމުގެ އަލިގަދަ ދަލީލެއްގެ ގޮތުގައެވެ. އެކަލާނގެ ކަމަކަށް އިރާދަ ކުރައްވައި ފިނަމަ އެކަމެއް ވާނެކަން ގަބޫލު ނުކުރުމަކީ މިޝްކާގެ މޮޔަ ކަމެވެ. ހުދުގަނޑެއްގައި ފަންސޫރުން އަޅާލެވޭ ރޮނގެއް ފުހެ ފިލުވާލާ ފަދައިން ދެން ސައުންގެ ހަޔާތުން އާލިޔާގެ ހަދާންތައް ފުހެލުމަކީ މިޝްކާއަށް ވާނެ ކަމެއް ނޫނެވެ. ގޮތްދޫނުކުރުމުގެ ސިފަ ލިބިފައިވާ މިޝްކާގެ ވިސްނުން ހުރީ އަދިވެސް މިކަންތައްތައް ބަލައިގަންނަ ގޮތަކަށްނޫނެވެ.

މިޝްކާ ދެކުނީ ސައުން އޮޅުވާލީ ކަމަށެވެ. ސައުން ކުޑަ ކަމަކު ރާއްޖެ ދާން ބޭނުން ވެއޭ މިހާރަކަށް އައިސް މިކިޔަނީ މަކަރުން ކަމުގައެވެ. ވިހޭގެއަށް ދާން ބޭނުން ވާތީ ދައްކާ ބަހަނާ ކަމުގައެވެ. އާލިޔާއާއި ސައުންގެ މެދުގައި އަދިވެސް ބަރާބަރަށް ގުޅުން އޮތް ކަމަށް ދެކުނެވެ. ނަފުރަތުގެ ހުޅު ރޯވަމުން ދިޔައެވެ. ހިތުގައި އަނދަމުންދިޔަ ގިންޏާ އެކުގައި ވަރުގަދަ ޕުލޭންތައް ރާވަމުން ދިޔައެވެ.
ސައުން މާލެ ދިޔުން ހުއްޓުވެން އޮތް ގޮތަކާ މެދު ވިސްނާލިއެވެ. މިފަހަރުވެސް މިކަމުގައި ހަތިޔާ ރަކަށް ހަދަން ގަސްތުކުރީ ކުދިންނެވެ. ކުދިން ދެކެ ސައުން ވާ ލޯބީގެ ފައިދާ ނަގަނީ މިޝްކާއެވެ. އެފަދަ ކަންކަމުގެ ސަބަބުން ފަހުން އުފެދޭނެ ނޭދެވޭ ބަލިމަޑު ކަމަކާއި މެދުގައި ވިސްނައެއް ނުލައެވެ. ސައުން ލޯބިވާ މިންވަރަށް ވުރެ ދެގުނަ އެ ދެކުދިން ސައުން ދެކެ ލޯބިވެއެވެ. އެކަން ނުވިސްނެނީ މިޝްކާއަށެވެ.
ސައުންނާއި ދެކޮޅަށް މިޝްކާ ދައްކާ ވަހަކަތަކުގެ ސަބަބުން މިޝްކާއަށް އެކުދިން ނަފުރަތު ކުރެވެ. ބައެއް ފަހަރަށް އެ ދެކުދިން ފާޅުގައި ނުރުހުން ފާޅު ކުރެއެވެ.


ފަހުން ފަހުން މަންމަގެ ގިނަ ރޭވުންތަކުގައި ޒޯޔާ ބޭނުން ކުރަން ފެށުމުން އެކަނިވާ ވަގުތު ތަކުގައި އެކަން ކަމާއި މެދު ފުންކޮށް ވިސްނަމުން ދިޔައެވެ. ބައްޕައާ ދެކޮޅަށް ޒޯޔާ ލައްވާ ކަންތައްތައް ކުރުވަނީ ކީއްވެތޯ ހިތާ ހިތާ ސުވާލު ކުރަމުން ދިޔައެވެ. މަންމައާއި ބައްޕަގެ މައްސަލަ ތަކުގެ ތެރެއަށް ޒޯޔާއާއި ޒީކު ވަނުމަކީ ރަނގަޅު ކަމެއް ނޫންކަމަށް ޒޯޔާއަށް ވިސްނެން ފެށިއެވެ. އެ ހިސާބުން އެފަދަ ކަންތައް ތަކަށް ނޫނެކޭ ބުނުން ގިނަކުރިއެވެ.

ޒޯޔާގެ ކުރިމަތީގައި މަންމައާއި ބައްޕަ ހަމަހަމައެވެ. ބައްޕަ ދެރަވާނެ ހިތް ދަތިވާނެ ކަމެއް މަންމަވިޔަސް ކޮށްގެން ނުވާނެއެވެ. އެހެންކަމުން މިފަހަރު މިޝްކާގެ ހުށައެޅުމަށް ޒޯޔާ ނޫނެކޭ ބުންޏެވެ. ބަލިނުވަނިސް ބަލިކަމަށް ހެދިގެން އެކުޓް ކުރަން ބުނުމުން މަންމައަށް ނަފުރަތު ކުރިއެވެ. ކުރީގެ ބައެއް ހަނދާންތައް ހިތުގައި އާވިއެވެ. އާލިޔާއަށް ގޯނާކުރުމަށް މަންމަގެ ޕުލޭންތަކުގައި ޒޯޔާ ބައިވެރި ކުރުވި ހަދާންތަކެވެ. މަންމަގެ ރައްޓެއްސަކު ކައިރީ ބުނެގެން އާލިޔާގެ ފޯނަށް މެސެޖު ކުރަން ބުނި ދުވަހު ޒޯޔާ އެތާ އިން ހަނދާންވިއެވެ. ބައްޕަ ގެއިން ދާއިރަށް ނުވަތަ އާލިޔާ ދައްތަގެ ކޮޓަރިއަށް ވަންނައިރަށް ގުޅާފަ އުނދަގޫ ކުރަން ބުނި ވާހަކަތައް ދެންމެ ވީ ކަމެއްހެން ހިތުގައި ހަރުލައިފައި ވެއެވެ.
ބައްޕަގެ ކުރިމަތީގައި މަންމަ ޒުވާބު ކުރުމަށްފަހު ގޭން ނުކުމެގެން ދާ ހަދާންތަކެވެ. ބައްޕަ ގޭގައި ނޫޅޭ ވަގުތު ތަކުގައި މަންމަގެ ކޮޓަރިއަށް ފިރިހެނަކު ވަދެ، ނުކުމެވާ ހަދާނެވެ. މިކަންކަމާއި މެދުގައި ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. އުމުރާއެކު ތަރައްގީވަމުން އައި ވިސްނުމުން ބުނެދެނީ މަންމަގެ ފުށުން ފެނިގެން އެދިޔަ ކަންތައް ތަކަކީ ރަނގަޅު ކަންތައްތަކެއް ނޫންކަމެވެ.

ޒޯޔާމެން ނުލައި ރިސޯޓް ތަކަށާއި ރައްޓެހިން އެކުގައި މަޖާނަގަން މަންމަ ގޮސް ހެދީ ބައްޕަގެ ހިތް ރޮއވާފައެވެ. ޒޯޔާއާ ޒީކު އެކަނި ދޫކޮށްލައިފައި އޮފީހަށް ނުދާން ވެގެން ބައްޕަ ގޭގައި މަޑުކުރަނީ މަދެއްކޮން ނޫނެވެ. އެފަދަ ވަގުތު ތަކުގައި ޒޯޔާ މެންގެ ކަންތައް ތަކުގައި މަޔަކަށް ވުރެ ހެޔޮކޮށް އުޅުނީ އާލިޔާކަން ހަނދާންވެ ވިސްނުމުން ލޮލުން ކަރުނަ ހިލިގެން ދިޔައެވެ. އާލިޔާއާއި މެދު ކަންތައް ކުރެވުނު ގޮތްތައް އާވިއެވެ. މަންމަ ޒޯޔާގެ ޅަސިކުނޑިއަށް ސަވާރު ވެގެން ކުރުވާފައި ހުރި ގޯސް ކަންތައް ތަކުގެ މަތިން ހަނދުމަވިއެވެ.

އެ ހަނދާން ތަކާއި އެކުގައި ބިރުގަނެ ފިނިވާގޮތް ވިއެވެ. މަޑުމަޑުން ގިސްލެވެން ފެށިއެވެ. ކޯތައްފަތް މައްޗަށް އޮހެމުން ދިޔަ ކަރުނަތައް ހެދުމުގެ ފަސްބައިން ފޮހެލިއެވެ. ހެޔޮވިސްނުމާ އެކުގައި އަޒުމުގެ ކަމަރު ބަނދެލިއެވެ. އިށީނދެގެން އިން ސިޑިމަތިން ތެދުވެ މަޑުމަޑުން ހިނގާފައި ގޮސް މަންމަގެ ކޮޓަރިއަށް ވަނެވެ. އޭރު މިޝްކާ އޮތީ ލެޕްޓޮޕް ހުޅުވާލައިގެން އެނދުގައި ބަނޑުޖަހައިގެން އޮށޯވެއެވެ. ޒޯޔާ ދިޔަ ގޮތަށް ގޮސް "މަންމާ...!" އޭބުނީ ބާރަކަށެވެ. އެއަޑަށް ސިއްސައިގެން ގޮސް މިޝްކާ އެނދުން ތެދުވިއެވެ. "ބައްޕަ މާލެ ދިއުން މަނާ ކުރުމަށް ޓަކައި މަންމަ ރާވާ އެއްވެސް ރޭވުމެއް ކާމިޔާބު ވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން" މިޝްކާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޒޯޔާގެ މޫނުމަތިން ފާޅުވޭވޭ ހުރި ރުޅިވެރިކަމެވެ. މިޝްކާ އަށް ލިބުނީ ސޮކެކެވެ. ބަސްހުއްޓި ދޫ ބަންދުވިއެވެ. ޒޯޔާގެ މިބަދަލާމެދު ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
ބައްޕަ ދާން ބޭނުން ތާކަށް ދެވެން ވާނެ. ބައްޕަގެ ލޯތްބާއި އަޅާލުން މަންމަ އެކޭ އެއްގޮތަށް ދައްތައަށް ވެސް ބޭނުން ވާނެ." އެހެން ބުނެ ނިންމާލި އިރު ސައުން ހުރީ މިޝްކާއާއި ޒޯޔާ އާއި ދެމީހުންގެ ކުރިމަތީގައެވެ. ސައުން ފެނުމާއެކު ޒޯޔާއަށް ވެސް ލިބުނި ސިހުމެކެވެ. ބައްޕަ އިތުރު ސުވާލެއް ކުރުމުގެ ކުރިން މަންމަގެ ކޮޓަރިން ނުކުމެގެން ދިޔައެވެ. މަސްލަހަތު ގޯސްވުމަކީ ކައިރީގައި އޮތް ކަމަކަށް ވާތީއެވެ.
މިޝްކާ ކުރެން ޒޯޔާ އެހާ ރުޅި ގަދަވެގެން އެއުޅެނީ ކޮންކަމަކާހޭ ސުވާލު ކުރިއެވެ. އެހެން ބުނުމާއެކު މިޝްކާ ތެޅިގަނެގެން ދިޔައެވެ. މޫނުމަތިން ހާސްކަން ފިލުވާލުމަށްފަހި ފަނޑު ހިނިތުން ވުމެއް ގެނައެވެ. އަނެއްކާވެސް ސައުން ސުވާލު ކުރިއެވެ. "ކިހިނެއްވީތަ؟ ކުރީގެ ކަންތައްތައް ޒޯޔާއަށް އެނގުނީތަ؟" ސައުންގެ މޫނުމަތިން ހާސްކަން ފާޅު ވަމުން ދިޔައެވެ. މިޝްކާ އިސްޖެހިއެވެ. ޖަވާބު ދޭހާ ހިތް ވަރެއްނެތެވެ. ލޮލުން ފޫދެމުން ދިޔަ ކަރުނަތައް އަތުން ފޮހެލަމުން ކޮޓަރިން ނުކުންނަށް ހިނގައިގަތެވެ.

ޒޯޔާގެ އެވިހަ ގަދަ ބަސްތަކުން ހިތަށް ވަނީ އަސަރު ކޮށްފައެވެ. ނަމަވެސް އެކަމުގެ ހުރިހާ ވަރެއް ބާލަމުން ދިޔައި ސައުންނަށެވެ. ފާޅުގައި އެއްޗެއް ބުނާނެ ހިތްވަރު ނެތް ނަމަވެސް ހިތުން ދިޔައީ ކުދި ކިޔަމުންނެވެ. ސައުންގެ ސުވާލު އައި ގޮތުން މާބޮޑު އެއްޗެއް ސައުންނަށް ނީވޭކަން ޔަގީން ވިއެވެ. އެހިސާބުން ހިތަށް ކޮންމެސް ވަރެއްގެ ފިނިކަމެއް ލިބުނެވެ. މަޑު މަޑު ހިނގުމެއްގައި ގޮސް ބަދިގެ ބަޔަށް ވަނެވެ. ފެންތަށްޓެއް ހިފައި ގެން އައިސް ސައުންނަށް ދިއްކޮށްލިއެވެ. މޫނުމަތިން ހިނިތުންވުމުގެ އަސަރު ގަދަކަމުން ފާޅު ކުރިއެވެ. "އެއީ އަހަރެމެން ދެމައިން ކަމަކާއި ހިޔާލު ތަފާތު ވީ. އެކަމާއި ސައުން އެއްޗެކޭ ބުނާނެ ކަމެއްނެތް" އެހެން ބުނުމަށް ފަހު ހޫނު ނޭވާ އިހުސާސް ވާހާ ގާތުގައި އިށީނެވެ. ސައުން ކުޑަކޮށް ފެއަށް ޖެހިލުމަށް ފަހު ޓައީ ދޫކޮށްލިއެވެ. ގަމީސް ބޭލުމަށްފަހު އެނދުމަތީގައި ބޭއްވަމުން އަލަމާރިއާއި ދިމާލަށް ހިނގައިގަތެވެ. އެހިނދު މިޝްކާ ސައުންގެ ފަހަތުން ގަމީސް ހިފައިގެން ގޮސް ކޮނޑުގައި އަޅުވަމުން ވާހަކަ ދައްކަން ފެށިއެވެ.

މިޝްކާ: މިދުވަސްކޮޅު މާލެ ދާން ތިޔަ އުޅެނީ ކޮން ކަމަކުތަ؟ އެހާ މުހިންމު ކަމެއް އޮތީތަ؟
ސައުން ފުން ނޭވަޔަކާ އެކުގައި ބުންޏެވެ.
ސައުން: ކިހިނެއްވީ ތިޔަ ސުވާލު ތިޔަ ކުރީ؟ މިޝްކާ ކޮންކަމަކާތަ މިހާރު ތިޔަ ޝައްކު ކުރަނީ؟ ސާފުކޮށް ތިޔަ ބުނަން ބޭނުންވާ ވާހަކައެއް ބުނެބަލަ؟
މިޝްކާ: ކަމަކާއި ޝައްކު ކުރަނީއެއް ނޫން. އަންނަ ހަފުތާގައި ޒީކު މެންގެ ކޮންސެޓް ބާއްވާނެ އެތަނަށް ދެމީހުން ވެސް ދާންޖެހޭނެ ކަމަށް ޒީކު ބުނުމުން އަހާލީ. މާލެދާ ވަހަކަ ދައްކާފަ އޮތުމުން.
ސައުން: މާލެދާން ބޭނުން އެކަމަކު އަލަށް ފަށަން ގަސްތުކުރާ ޕްރޮޖެކުޓާއި ބެހޭގޮތުން ބައްވާ ބޯޑު ބައްދަލު ވުން ނިމުމުން ނޫނީ އަދި ދެވޭކަށް ނެތް. މިދުވަސްކޮޅު ވަރަށް ބުރަވާނެ އޮފީހުގައި. އެހެންވެ އަންނަ މަހުގެ ފަހު ކޮޅުގައި ދާންކަމަށް މިގަސްތު ކުރަނީ އޭރުން ޒީކުގެ ކޮންސެޓްގައި ބައިވެރި ވެވޭނެތާ! އޭގެ ހަފުތާއެއްފަހުން އެކުދިންގެ ކިޔެވުން ބަންދުވާނެ. މިޝްކާމެން ދާން ބޭނުން ނަމަ ދެވިދާނެ.
މިޝްކާ: އެހާ އަވަސް އަވަހަކަށް ނުދެވޭނެ ނޫން މިހާދުރުން އެންމެނަށް ކިހާ ލާރިއެއް ދާނެ މިއަހަރަކު ނުދާނަން އަންނަ އަހަރު ދާނީ . އެކަމަށް ބަޖެޓެއް ހަދައިގެން ލާރި ރައްކާ ކުރާނީ އެގޮތް ކިހިނެއް ވާނީ؟
ސައުން: މިޝްކާ ބޭނުން ގޮތެއް ތިޔަ ބުނީވެސް މުޅިއަކުން ދޮގު ވާހަކައެއް ނޫން. އެހެން ވީމަ އަހަރެން އެކަނި ގޮސްލައިފައި ދެދުވަހެއްގެ ތެރޭގައި އޭރުން އާދެވޭނެ.

ސައުން ވާހަކަ ދައްކަމުން ދިޔައިރު މިޝްކާގެ މުނުމަތިން ފެންނަމުން ދިޔައީ މަކަރުވެރިކަމެވެ. ތުންފަތް މަތިން ވަގު ހިނިތުން ވުމެއް ފާޅުވިއެވެ. މިޝްކާ ގަބޫލު ކުރާ ގޮތުގައި ސައުން މިޝްކާ ވާ ވައްދަނީއެވެ. ނަމަވެސް ހަޤީގަތަކީ މިޝްކާއަށް އެނގޭ މިންވަރަށް އާލިޔާއާއި ބެހޭގޮތުން އެއްވެސް ކަމެއް މިހާރު ސައުންނަށް ނޭނގޭކަމެވެ. ދުވަހުން ދުވަހަށް ޚަބަރުތައް މިޝްކާ ހޯދައެވެ. ޖާސޫސު ކޮށްދޭނެ މީހުން ތިބެއެވެ. ތަންތަނުން އާލިޔާގެ ފޮޓޯ ނަގައިގެން މިޝްކާއަށް ފޮނުވައެވެ. އެފޮޓޯ ތަކުގެ ސަބަބުން މިޝްކާގެ ވިސްނުން ދިޔައީ ދުވަހުން ދުވަހަށް ވިހަ ވަމުންނެވެ. ތުން ފުރުޅާލުމަށްފަހު ފެންގެނައި ތަށި ހިފައިގެން އެނބުރިދާން ހިނގައިގަތެވެ. ސައުން ދިޔައީ އަސުރު ވަގުތު ވާތީ މެންދުރު ނަމާދު ކުރުމަށެވެ.

އެދުވަހަށްފަހު ޒޯޔާ ދިޔައި މިޝްކާގެ ރޭވުންތަކަށް ފާރަލަމުންނެވެ. މަންމަ އަބަދު ފޯނުން ޗެޓް ކުރަނީ ކޮންބަޔަކާ ތޯ ބަލަން ބޭނުންވިއެވެ. ދައްކަނީ ކޮންކަހަލަ ވާހަކަ ތަކެއްތޯ ބަލާލަން މާބޮޑަށް ބޭނުންވިއެވެ. މަންމަގެ ކުރީގެ އަނދިރި ފަރާތުގެ ބައެއް މަންޒަރުތައް އެންމެ ގާތުން ދެކުނު އެކަކީ ޒޯޔާއެވެ. އެހެނަސް މިހާރު އެއީ އެހާ ޅަސިކުނޑިއެއް ނޫނެވެ. އުމުރަށް ވުރެ މާ ހޭލުންތެރިއެވެ. މިހެންވީމަ ދެންވާނީ ކިހިނެއްތޯ ހިތާ ހިތާ ސުވާލު ކުރެވެމުން ދިއައެވެ. ނަތީޖާ އަކަށްވީ ކަންތައްތަކުގެ ހަގީގަތް ދެނެގަތުމަށް ޒޯޔާ ޝައުޤުވެރި ވުމެވެ. ( ނުނިމޭ)