ޓްރާންސްޕޭރަންސީ މޯލްޑިވްސް

އީސީގެ އިންތިޒާމުތައް ރަނގަޅު: ޓްރާންސްޕޭރަންސީ މޯލްޑިވްސް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާއިރު ޖުމްލަކޮށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އިންތިޒާމުތައް ރަނގަޅު ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ.

އިންތިހާބުގައި ވޯޓުލުމަށް 602 ވޯޓު ފޮށި ބަހައްޓާފައިވާއިރު ޓްރާންސްޕޭރަންސީގެ އޮފިޝަލުން ގެންދަނީ 205 ވޯޓު ފޮށްޓެއް އޮބްޒާވް ކުރަމުންނެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ 96 ޕަސަންޓް ވޯޓް ފޮށީގެ ސިއްރުކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. ނަމަވެސް ހަތަރު ޕަސަންޓް ވޯޓު ފޮށީގައި ސިއްރުކަން ކަށަވަރުކުރަން ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށްވެސް ބުންޏެވެ.

ފޮށިތަކުގެ ވޯޓުގެ ސިއްރުކަން ކަށަވަރު ކުރަން ހަރުދަނާ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ވެސް އެ ޖަމްއިއްޔާ އިން ފާހަގަކުރި އެވެ.

ގިނަ މަރުކަޒުތަކުގައި މިއަދު ހެނދުނު 8:00 ގައި ވަނީ ވޯޓުލުން ފަށާފަ އެވެ. ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 5:30 އާ ހަމައަށެވެ. ވޯޓުލާ ވަގުތު އިތުރު ނުކުރާނެ ކަމަށް އީސީ) އިން ވަނީ ބުނެފަ އެވެ.

މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރައްވަ އެވެ. އަދި މި އިންތިހާބުގައި 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. ރާއްޖޭގެ އިތުރުން ބޭރުގެ ތިން ގައުމެއްގައި ވޯޓުލުން ކުރިއަށްދާނެ އެވެ.