ބަނގްލަދޭޝް ފުޓްބޯޅަ ފެޑަރޭޝަނަށް ފާޑުކިއުމުގެ ސަބަބުންނާއި އަހުލާގީ މައްސަލަތަކާހުރެ ބަނގްލަދޭޝްގެ ގައުމީ ކެޕްޓަނާއި އިތުރު ތިން ކުޅުންތެރިއަކު އެއް އަހަރަށް ސަސްޕެންޑްކޮށްފި އެވެ.
ސަސްޕެންޑްކުރި ކުޅުންތެރިންނަކީ ކެޕްޓަން މަމްނޫނުލް އިސްލާމް އާއި ޒާހިދު ހުސައިން ޔާސީން ހާން އާއި ސުހައިލް ރާނާ އެވެ.
މީގެ ތެރެއިން ކެޕްޓަނާއި ޒާހިދު ފިޔަވައި އަނެއް ދެކުޅުންތެރިން ސަސްޕެންޑްކުރީ ހަ މަސްދުވަހަށެވެ.
ބަނގްލަދޭޝްގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ މި ކުޅުންތެރިންނަށް މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެމީހުން ސަސްޕެންޑްކުރީ ގައުމީ ޓީމު ކޮމިޓީން އެމީހުންގެ މައްސަލަތައް ބެލުމަށްފަހު ކަމަށެވެ. ކުޅުންތެރިންގެ މައްސަލައަކީ ސާބިތު ހެއްކެއްނެތި ފުޓްބޯޅަ ފެޑަރޭޝަނަށް ފާޑުކިއުމާއި ގައުމީ ޓީމުގެ އުސޫލުތަކާ ހިލާފުވުން ކަމަށެވެ. އަދި ކުޅުންތެރިން ސަސްޕެންޑްކުރުމުގެ ކުރިން އެކުޅުންތެރިންނަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދީފައިވާނެ ކަމަށާއި ނަމަވެސް ކެޕްޓަންގެ ފަރާތުން އެދެވޭ އެއްބާރުލުން ލިބިފައިނުވާ ކަމަށެވެ.
ކުޅުންތެރިން ފާޑުކިޔާފައިވަނީ ބަނގްލަދޭޝްގައި ޖެނުއަރީ މަހު ބޭއްވި ބަނގްބަންދު ކަޕުގެ ފައިނަލަށް ނުގޮސް އެގައުމު ކެޓި މައްސަލާގައި ފުޓްބޯޅަ ފެޑަރޭޝަން ކުށްވެރިކޮށެވެ.
ސަސްޕެންޝަނުގެ މުއްދަތުގައި މި ކުޅުންތެރިންނަށް ނުކުޅެވޭނީ ހަމައެކަނި ގައުމީ ޓީމަށެވެ.