ރައީސް އޮފީސް

ފޮރުވިގެން ތިބެ ނޫސްވެރިންނަށް ބިރުދައްކާތީ ސަރުކާރުން އެކަން ކުށްވެރިކޮށްފި

ސޯޝަލްމީޑިއާގައި އަދި ފޯނު މެދުވެރިކޮށް ކާކުކަން ދެނެނުގަނެވޭ ގޮތަށް ފޮރުވިގެން ތިބެ ރާއްޖޭގެ ބައެއް މީޑިއާތަކަށް ބަޔަކު އިންޒާރުދެމުންދާ ކަމަށް ބުނެ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން އެކަން ކުށްވެރިކޮށްފި އެވެ.

ރައީސް އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ދިވެހި މީޑިއާތަކާއި ނޫސްވެރީންގެ ހިމާޔަތުގައި ދިވެހި ސަރުކާރުން ފުރިހަމަ ސަމާލުކަމާއެކު މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދިވެހި އެންމެހާ ރައްޔިތުންނަށާއި މީޑިއާތަކަށް އަރުވާ ކަމަށެވެ.

ފޮރުވިގެން ތިބެ ނޫސްވެރިންނަށާއި ނޫސްތަކަށް އިންޒާރުދެމުންދާތީ އެކަމުގެ ތަހުގީގު ދިވެހި ފުލުހުންގެ އިދާރާއިން މިހާރު ވަނީ ފަށާފައިވާ ކަމަށްވެސް ބަޔަނުގައިވެ އެވެ.

"އެކަން އެކުރާ ބަޔަކު ދެނެގަތުމަށް ފުލުހުންނަށް ލިބިފައިވާ ހުރިހާ ވަސީލަތަކާ ގާބިލްކަމެއްގެ ބޭނުންކޮށްގެން މަސައްކަތްކުރަމުން ދާނެ އެވެ،" ބަޔާނުގައިވެ އެވެ.

މިބަޔާނުގައި ވަނީ އެއްވެސް މީޑިއާއަކަށް ނުވަތަ ނޫސްވެރިއަކަށް ބިރުދެއްކުމުގެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ހިންގަމުންދާނަމަ ނުވަތަ އެފަދަ ކަމެއް ކުރަން އުޅޭކަމުގެ މައުލޫމާތެއް ލިބިފައިވާނަމަ ގައުމީ މަސްލަހަތު އިސްކުރުމުގެ ޒިންމާ ކޮންމެ ދިވެހި ރައްޔިތަކުވެސް އަދާކޮށް އެކަން ފުލުހުންނަށް އަވަހަށް ރިޕޯޓްކުރުމަށްވެސް އިލްތިމާސްކޮށްފައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ނޫސްވެރީންގެ އަޑުއަހައި، މީޑިއާތަކުގެ މަސައްކަތް ކުރިއަރުވައި، ޒިންމާދާރުކަމާއެކު ހަބަރާ މައުލޫމާތު ފެތުރުމަށް ފުރުސަތު ދިނުމަކީ މި ސަރުކާރުން އަބަދުވެސް ނަގަހައްޓާނޭ ސިޔާސަތެއް ކަމަަށެވެ. އަދި ނޫސްވެރިންނަށާއި މީޑިއާތަކަށް ބިރުދައްކައި ގައުމުގެ އަމްނަށް ނުރައްކާވާނެ ގޮތަށް ކުރާ ކޮންމެ ކަމެއް ހުއްޓުވައި ދިވެހި މުޖުތަމައުގެ މަސަލަސްކަމާއި ހަމަޖެހުން ހިފެހެއްޓުމުގައި ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާއަކުންވެސް ވަފާތެރިކަމާއި އިހްލާސްތެރިކަމާއެކު ރެޔާއި ދުވާލު މަސައްކަތްކުރަމުން ގެންދާނެ ކަމުގެ ޔަގީންކަންވެސް ބަޔާނުގައި ދީފައިވެ އެވެ.