ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް

ޕާޓީ މަޝްވަރާއަށް މިއަދުވެސް އަދާލަތާއި އެމްޑީޕީ ނުދިޔަ

Mar 3, 2016

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގެ މިއަދުގެ ބައްދަލުވުމުގައި ވެސް އިދިކޮޅު އެމްޑީޕީ އަދި އަދާލަތު ޕާޓީން ބައިވެރިއެއް ނުވުމުން މަޝްވަރާ ބައްދަލުވުން ކުރިއަށް ކުރިއަކަށް ނުގެންދެވުނެވެ.

މިއަދުގެ ބައްދަލުވުމަށްފަހު ސަރުކާރުގެ ފަރާތުން އިސްކޮށް ވާހަތަކުގައި ބައިވެރިވެ ވަޑައިގަންނަވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ އެމްޑީޕީން ބައިވެރިވާނީ ހައްޔަރުކޮށްފައިވާ ސިޔާސީ ކުށްވެރިން ދޫކޮށްލުމުން ކަމަށް ބުނެ ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެހެން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާތައް އެހެން ދުވަހެއްގައި ބޭއްވުމަށް އަނެއްކާވެސް ފަސްކޮށްފައިވާ ކަމަށެވެ.

ޝައިނީ ވިދާޅުވީ އަދާލަތު ޕާޓީން ބުނަނީ ކުރިން ވެސް ބުނެފައިވާ ގޮތަށް މަޝްވަރާ ކުރުމަށް ފަހި މާހައުލެއް ނެތް ކަމަށާއި އެހެންވެސް ސަރުކާރުން ދެން ވެސް މަސައްކަތް ކުރާނީ އިދިކޮޅު ފަރާތްތަކުން މަޝްވަރާގެ ބައްދަލުވުންތަކަށް ގެންދެވޭތޯ ކަމަށެވެ.

"އިދިކޮޅު ފަރާތްތަކުން މަޝްވަރާ ބައްދަލުވުންތަކަށް ގެނައުމަށް ފުރުސަތު ދިނުމަށް މިއަދުގެ ބައްދަލުވުމުގައި ހުރިހާ ޕާޓީތަކާއިވެސް މަޝްވަރާކޮށްފައި މި ނިންމީ އަނެއްކާވެސް އިތުރު ބައްދަލުވުމެއް ބާއްވަން. މި ބައްދަލުވުން ބާއްވާނެ ވަކި ތާރީހެއް އަދި ކަނޑައެއް ނާޅަން،" ޝައިނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ހުރިހާ ޕާޓިތައް އެކުގައި އެއް މޭޒުދޮށުގައި ތިބެގެން މައްސަލަތައް ހުށަހަޅައި ހައްލު ހޯދަން ކަމަށާއި، އެހެން ކަމުން އަދި އެއްވެސް ޕާޓީއަކުން އެއްވެސް މައްސަލައެއް ބައްދަލުވުމުގައި ހުށަނާޅާ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އިދިކޮޅު ފަރާތްތަކުން މި ބައްދަލުވުންތަކުގައި ބައިވެރިވާނެ. މީގެ ފައިދާ އަދި ނަތީޖާ ހާސިލްވާ މިންވަރަކަށް ހައްލު ލިބޭނެ ހުރިހާ ފަރާތްތަކަށްވެސް. ކުރިން ހިޔާލު ތަފާތުވުންތަކެއް ހުރި ކަމަށް ވަންޏާ ހައްލެއް ލިބޭނީ ސަރުކާރާއެކު އަދި ހުރިހާ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކޮށްގެން" ޝައިނީ ވިދާޅުވި އެވެ. "އަދާލަތު ޕާޓީން މި ވިދާޅުވަނީ މަޝްވަރާކުރަން ފަހި މާހައުލެއް ނެތޭ. އެ މާހައުލަކީ ކޮބައިކަންވެސް ކިޔައިދޭން އެބަޖެހޭ. އެކަމަށްޓަކައި މި ދަންނަވަނީ މަޝްވަރާގެ ބައްދަލުވުމަށް ވަޑައިގެންނެވުމަށް. އެމްޑީޕީން މި ވިދާޅުވަނީ ސިޔާސީ ކުށްވެރިން ދޫކޮށްލާށޭ. އެކަމަކު ސަރުކާރުން މި ބުނަނީ ސިޔާސީ ކުށްވެރިންނެއް ނުތިބޭނޭ. ހިޔާލު ތަފާތުވުމެއް އެބައުޅޭ. އެހެން ވީމަ ސަރުކާރަށް ކިޔައިދޭށޭ ސިޔާސީ ކުށްވެރިންނަކީ ކޮބައިތޯ އެބޭފުޅުން ޖަލުން ދޫކޮށްލަންވީ ކީއްވެތޯ؟"

މީގެ އިތުރުން ޝައިނީ ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބި އެމްޑީޕީގެ އިސްވެރިންގެ ތެރެއިން އެއްވެސް ބޭފުޅަކު މާލެ ނުގެންނަން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށެވެ. އަދި ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިގަތުމަށް ހުރަސް އަޅުއްވާކަށް އެއްވެސް ބޭފުޅަކު މަސައްކަތް ނުކުރައްވާ ކަމަށެވެ.

މިއަދުގެ ބައްދަލުވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީން ގާސިމް އިބްރާހިމް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ފައިދާވާ ގޮތަށް ކުރާ ކޮންމެ ކަމެއްގައި އެ ޕާޓީން ބައިވެރިވެ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ބައްދަލުވުމަށް އެޕާޓީގެ އެއްވެސް ޝަރުތެއް ހުށަނާޅާނެ ކަމަށެވެ.

ޝައިނީގެ އިތުރުން ސަރުކާރުގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވަނީ، ޔޫތް މިނިސްޓަރު އަހުމަދު ޒުހޫރާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ. ޑީއާރްޕީގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވަނީ އެ ޕާޓީގެ ލީޑަރު މުހައްމަދު ނަޝީދެވެ. ޕީޕީއެމްގެ ފަރާތުން ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން އަދި އެ ޕާޓީގެ ނައިބު ރައީސް އަބްދުﷲ އަބްދުލް ރަހީމް ބައިވެރިވާއިރު އެމްޑީއޭގެ ފަރާތުން ބައިވެރިވަނީ އެ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި ޕާޓީގެ ޑެޕިއުޓީ ލީޑަރުން ކަމަށްވާ މެންބަރު އަލީ މައުރޫފާއި އަހުމަދު އާމިރެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން ބައިވެރިވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި މެންބަރު މެންބަރު އިލްހާމް އަހުމަދެވެ.