ހަބަރު

މަޝްވަރާއަށް ދައުވަތު ދިނީ އެމްޑީޕީ ބަދަލުވީ ކަމަށް ހީކޮށް: ރައީސް

ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރެއްވުމަށް އިދިކޮޅު ޕާޓީތަކަށް ދައުވަތު ދެއްވީ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ ބަދަލުވެއްޖެ ކަމަށް ހީކުރައްވައިގެން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓް ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖެއްސެވުމާ ގުޅިގެން ސަރުކާރުން ވަނީ މަޝްވަރާތަކަށް ދައުވަތުދީފަ އެވެ. އަދި އެ ޕާޓީތަކުގެ ރަނިން މޭޓް ކަމަށް ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް ހޮވުމާ ގުޅިގެން ވެސް ސަރުކާރުން ވަނީ އެ ދައުވަތު ގަބޫލު ކުރުމަށް އެދިފަ އެވެ.

އެކަމަށް އިޝާރަތް ކުރައްވައި ހއ. ކެލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މައްސަލަތައް ކަމަށް ވިދާޅުވާ ކަންކަން ހައްލު ކުރުމަށްޓަކައި 12 ފަހަރަށް ދައުވަތު ދީފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް ވެސް އެ ދައުވަތު ގަބޫލުނުކޮށް އޮތީ ދައްކާނެ ވާހަކައެއް ނެތުމުން ކަމަށެވެ. ނަމަވެސް މިހާރު އަލުން ދައުވަތު ދިނީ އެމްޑީޕީގެ ޒައާމަތު ބަދަލުވެއްޖެ ކަމަށް ގަބޫލު ކުރެވިގެން ކަމަށާއި އެފަދަ ކަންކަމުގައި އެ ޕާޓީގެ ވިސްނުން ބަދަލުވެދާނެ ކަަމަށް އުންމީދު ކުރެވުމުން ދިން ދައުވަތެއް ކަމަށެވެ.

"ރައްޔިތުންގެ ހައްގުގައި މިކަން ކުރާ ކަމަށް ވަންޏާ ސިޔާސީ މިއުޅޭ މައްސަލަތަކުގައި ރައްޔިތުންނަށް ހައްލެއް ހޯދައިދޭން ޖެހޭ، އެކަމަށް މިއޮތީ ދައުވަތު ދީފަ، އަޅުގަނޑު އެނބުރި މާލެ ދިޔާއީ މަ މާދަމާ އެނގޭނެ ކަންނޭންގެ އެ ފަރާތްތަކުން އަޅުގަނޑުމެންނަށް ދީފައި އޮތް ޖަވާބު،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ މައްސަލަތައް ހައްލު ކުރުމަށް ވާހަކަދައްކަވަމުން ވަޑައިގަންނަވަން ވާނީ ޝަރުތު ކަނޑައަޅައިގެން ނޫން ކަމަށާއި އެއްވެސް ކުށްވެރިއެއް ދޫކޮށްލުމަށް ޝަރުތު ނުކުރެއްވުމަށް އެދޭ ކަމަށެވެ. އަދި ރައީސް އަކަށް ވެސް ކުށްވެރިން ދޫކުރެވޭނީ ގާނޫނުގެ ހުދޫދުގެ ތެރެއިން ކަމަށާއި ގާނޫނުން ނެތް ބާރެއް ބޭނުން ކުރެވެނެ ގޮތެއް ނޯންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އަޅުގަނޑު ޖަލަށްލީ އެކަކު ވެސް ނީންނާނެ، އަޅުގަނޑަކީ މީހުން ޖަލަށްލާ މީހެއް ނޫން، އެކަމަކީ ސުލްހަޔާ މަސްލަހަތާއި ރައްޔިތުންގެ ހައްގުގައި ކުރަން ޖެހޭ ކަމެއްވީއާ އަޅުގަނޑު ކުރާނަން
ރައީސް ޔާމީން

މަޝްވަރާގެ މޭޒާ ހަމަޔަށް އައުމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ހުރިހާ ޝަރުތެއް ފުރިހަމަ ވެއްޖެ ނަމަ ދައްކަން އޮންނާނީ ކޮން ވާހަކައެއްތޯ ރައީސް ޔާމީން ސުވާލު ކުރެއްވި އެވެ. ޝަރުތުތައް ފުރިހަމަކޮށްދީފި ނަމަ ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ ވާހަކަތައް ދައްކާކަށް އިދިކޮޅު ފަރާތްތަކެއް ނާންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ނަމަވެސް ޝަރުތުތައް ދޫކޮށްލުމަށް ފަހު ވާހަކަ ދައްކަންވީ މައްސަލަތައް ހައްލު ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ކަމަށާއި ރައީސްއަށް ތާއީދު ކުރާ މީހުންނާއި ރައީސްއާ މައްސަލަ ނުޖެހޭ ގޮތަށް އުސޫލުތަކުގެ ތެރެއިން ކަންކަން ކުރެވޭނެ ގޮތްތަކެއް ނެރޭނެ ގޮތްތަކާ ބެހޭ ގޮތުން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.