އިލެކްޓްރޯނިކް ވޯޓިންގެ ނިޒާމް -- އީ-ވޯޓިން -- ގެ ވިސްނުން މި ވަގުތަށް ދޫކޮށްލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވެއްޖެ އެވެ.
އީ-ވޯޓިންއަށް ދިއުމަކީ 2008 ވަނަ އަހަރުން ފެށިގެން ދެކެވެމުންދާ ވާހަކަތަކެކެވެ. އެކަމަށްޓަކައި މިދިޔަ މުއްދަތުގައި ސިޔާސީ ޕާޓީތަކާއެކު އެކި ބައްދަލްވުންތައް ބާއްވާފައި ވެއެވެ.
އަވަސްގެ ޓޯކް ޝޯ "ސުވާލަކަށް ފަަހު ސުވާލެއް" ގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ފުއާދު މިއަދު ވިދާޅުވީ 2008 ވަނަ އަހަރު އީ-ވޯޓިންގެ ވިސްނުން ގެންގުޅެން ފެށީ މެނުއަލްކޮށް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަން ޖެހުމަކީ ހަރަދު ބޮޑު ކަމަކަށްވުމުންނެވެ. ފުއާދު ވިދާޅުވީ އިންތިހާބުތަކުގައި ބޭނުންކުރާ ކޮންމެ ވޯޓް ކަރުދާސްކޮޅަކަށް ޖުމްލަކޮށް 39 ރުފިޔާ ހަރަދު ކުރާއިރު އެއީ ބޮޑު އަދަދެއް ކަމަށެވެ.
އެކަން އެހެން ވަނީ ވޯޓް ކަރުދާސް ކުލަކޮށް ޗާޕުކޮށް އަދި ވަކި ކަހަލަ ސެކިއުރިޓީ ފީޗާސްތަކެއް ހިމަނަން ޖެހޭތީ އެވެ. އީ-ވޯޓިންއަށް ގޮސްފިނަމަ އެ ހަރަދުގެ އިތުރުން މުވައްޒިފުންނާއި އޮފިޝަލުންނަށް ކުރާ ހޭދަވެސް ކުޑަކުރެވޭނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ސިޔާސީ ޕާޓީތަކުގެ ވިސްނުން އީ-ވޯޓިންއާމެދު ތަފާތު ކަމަށް ފުއާދު ވިދާޅުވިއެވެ.
"ވެރިކަމުގައި އޮންނަ ޕާޓީއަކުން އަބަދުވެސް ފުދޭވަރެއްގެ ތާއީދެއް ދޭ އިނގޭތޯ. އެހެން ނަމަވެސް އިދިކޮޅުގައި އޮންނައިރު އެ ޕާޓީއަކުން ތާއީދެއް ނުކުރޭ އީ-ވޯޓިންއަކަށް،"
ފުއާދު ވިދާޅުވީ އީ-ވޯޓިންއާ މެދު ސުވާލު އޮތީ ސިޔާސީ ޕާޓީތަކުގެ އެކަނި ނޫން ކަމަށާ އެއީ ރައްޔިތުންގެވެސް ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ. އީ-ވޯޓިން ބޭނުން ކުރަން ފެށުމުން އިންތިހާބުގެ ނަތީޖާގެ ސައްހަކަން ކަށަވަރު ކުރެވޭނެތޯ ރައްޔިތުން ސުވާލުކުރާ ކަމަށް ފުއާދު ވިދާޅުވިއެވެ.
"އި-ވޯޓިންއަށް ދިއުމުން ވަރަށް ބޮޑުތަން ހަރަދު ކުޑަކުރެވިގެންދާނެ. ނަމަވެސް އެއީ އަދި ރައްޔިތުން އެދޭ ގޮތެއް ނޫންކަން މި އެނގެނީ. އަޅުގަނޑުމެން މިހާރު ކޮމިޝަންގައި މި ތިއްބެވި މެންބަރުން ގަބޫލުކުރަނީ އީ-ވޯޓިންއަށް ދިއުމަށް ރައްޔިތުން އަދި އެވަރަށް މެޗުއާއެއް ނުވެޔޭ. އަޅުގަނޑުމެންގެ ރައްޔިތުންވެސް އަދި ސިޔާސީ ޕާޓީތައްވެސް،"
ފުއާދު އިތުރަށް ވިދާޅުވީ 2008 ވަނަ އަހަރު އީ-ވޯޓިންނަށް އެމްޑީޕީން ތާއީދުކުރިއިރު އޭރުގެ އިދިކޮޅު ޕާޓީ ޑީއާރުޕީން ދެކޮޅު ހެދި ކަމަށެވެ. އަދި 2013 ގައި ޕީޕީއެމުން އެ ނިޒާމަށް ތާއީދުކުރިއިރު އެމްޑީޕީން ދެކޮޅު ހެދި ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ މިވަގުތުގެ ވިސްނުމަކީ އިންތިހާބުތައް މެނުއަލްކޮށް ގެންދިއުން ކަަމަށްވާތީ އީ-ވޯޓިންގެ ވިސްނުން މިވަގުތަށް މުޅީން ދޫކޮށްލާފައިވާ ކަަމަށެވެ.
ނިޒާމީ ވޯޓެއް އޮންނާނެ ކަމަށް ނުނިންމާ
ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެެއް އަންނަ އަހަރުގެ ފަހުކޮޅު ނަގާނެ ކަމުގެ އިޝާރާތެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދެއްވާފައެވެ.
ނަޝީދު މިފަދަ އިޝާރާތެއް ކުރެއްވީ އެމަނިކުފާނު ރަައީސްކަން ކުރައްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވެވި މެސެޖެއްގައެވެ. އެ މެސެޖްގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި ނިޒާމީ ވޯޓް ނެގުން އަންނަ އަހަރުގެ ނޮވެންބަރު ގައި އޮންނާނެ އެވެ. އަދި އެ ވޯޓަށް ސިޔާސީ ޕާޓީތަކުން އެއްބަަސްވާ ކަމަށްވެސް ވިދާޅުވިއެވެ.
2022 ވަނަ އަހަރުގެ ބަޖެޓާއި ގުޅޭގޮތުން ބަޖެޓް ކޮމެޓީގައި ވާހަކަ ދައްކަވަމުން ހަބީބު ވަނީ ނިޒާމީ ވޯޓް ނަގަން ޖެހިދާނެ ކަމަށް ބަލާ އެކަމަށް އާންމު ހޭލުންތެރިކުރުވުމަށްޓަކައި މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ކޮމިޝަންގެ ބަޖެޓް ކަނޑައަޅާއިރު އެކަމަށްވެސް ފައިސާ ހިމެނުން މުހިންމު ކަމަށް ވިދާޅުވިއެވެ.
އެކަމާއި ގުޅޭގޮތުން ފުއާދު ވިދާޅުވީ ހަބީބު ވިދާޅުވީ ނިޒާމީ ވޯޓެއް ބާއްވަން ޖެހޭނެ ވާހަަކަ ނޫން ކަމަށެވެ. ހަބީބު ނިޒާމީ ވޯޓްގެ ވާހަކަ ދެއްކެވީ ވޯޓާ އެޑިއުކޭޝަންއާ ގުޅޭގޮތުން ދެއްކެވި ވާހަކާގައި މިސާލެއްގެ ގޮތުން ކަަމަށްވެސް ވިދާޅުވިއެވެ. ފުއާދު ވިދާޅުވީ ނިޒާމީ ވޯޓް ނަގަން ނިންމުމަކީ ކޮމިޝަނުން ނިންމަން ޖެހޭ ނިންމުމެއް ނޫން ކަމަށެވެ. އަދި އެފަދަ ނިންމުމަކާ ގުޅޭ މަޝްވަރާއެއްވެސް ހިންގާފައިނުވާނެ ކަމަށެވެ.
ނަމަވެސް އެފަދަ ވޯޓެއް ނަގަން ސަރުކާރުން ނިންމައިފިނަމަ އެކަމަށް ކޮމިޝަން ތައްޔާރުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އެފަދަ ނިންމުމެއް [ނިޒާމީ ވޯޓެއް ނަގަން ޖެހިއްޖެނަމަ] ސަރުކާރުން ނިންމަވައިފިނަމަ އަޅުގަނޑުމެންނަށް އެ ވޯޓް ކަނޑައެޅޭ ތާރީހެއް ނެގޭނެ އިނގޭތޯ،" ފުއާދު ވިދާޅުވިއެވެ.