ހަބަރު

"ގާނޫނު އިސްލާހު ކުރަނީ ބަޔަކަށް އަމާޒުކޮށެއް ނޫން"

Sep 29, 2020
1

އީސީން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅަނީ ވަކި ޕާޓީއަކަށް އަދި ވަކި ބަޔަކަށް އަމާޒުކޮށް އެ ބަޔަކަށް ފިޔަވަޅު އަޅަން ނޫން ކަމަށް އީސީގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވެއްޖެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އީސީން ހުށަހަޅާފައިވާ އިސްލާހުތަކުގެ ދެލިކަރުދާހާ ގުޅޭ ގޮތުން ޕާޓީތަކުގެ މަންދޫބުންނާއެކު މަޝްވަރާ ކުރަން އީސީގެ އިދާރާގައި މިއަދު ބޭއްވި ބައްދަލުވުމުގައި ޝަރީފު ވިދާޅުވީ އިސްލާހު ގެންނަނީ ވަކި ބަޔަކަށް ފިޔަވަޅު އެޅުމުގެ ބޭނުމުގައި ކަމަށް ޕާޓީތަކުން ދެކެގެން ނުވާނެ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ އީސީ އިސްވެ ކުރާ މަސައްކަތަކީ ވަކި ފަރާތެއްގެ ނުޒޫފު އޮތް ކަމެއް ވެސް ނޫން ކަމަށާއި އިސްލާހުތައް ގެންނާނީ ޕާޓީތަކުގެ މަޝްވަރާއާއެކުގައި ކަމަށެވެ.

"ވަކި ބަޔަކަށް ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ނުދިނުމަށް ކުރާ މަސައްކަތެއް ނޫން މިއީ،" ޝަރީފު މިއަދު ވިދާޅުވިއެވެ.
"ޔަގީން ކަން އަރުވަން ޕާޓީތަކުގެ ގާނޫނަށް މި އިސްލާހު ގެނެވެނީ އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނުވަތަ އެއްވެސް ފަރާތެއްގެ ސްޕޮންސާޝިޕެއް ނުވަތަ އެއްވެސް ފަރާތަކުން އަޅުގަނޑުމެނަށް އަންގައިގެނެއް ނޫން."