ހަބަރު

ރައީސްގެ ރައްދު: އެއްވެސް ޝަރުތެއް ގަބޫލެއް ނުކުރާނަން!

Jul 18, 2018
11

މަޝްވަރާތަކާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ދެއްވި ޖަވާބަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ރައްދު ދެއްވައިފި އެވެ.

ހއ. ބާރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރާއެކު މަޝްވާރާ ކުރުމަށް ޕާޓީތަކަށް ފޮނުވި ދައުވަތަށް އިދިކޮޅު ފަރާތްތަކުން ލިޔުމުން ފޮނުވި ޖަވާބު މިއަދު އެމަނިކުފާނަށް ލިބިފައިވާ ކަމަށާއި އެ ލިޔުމުގައި ޝަރުތުތައް ފުރިހަމަ ކުރުމުން ނޫނީ މަޝްވަރާ ކުރެވެން ނެތް ވާހަކަ ބުނެފައިވާ ކަމަށެވެ. އެގޮތުން ޝޭހް އިމްރާން އަބްދުﷲއާ، ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ، ގާސިމް އިބްރާހިމް އަދި ރައީސް މައުމޫން ދޫކޮށްލެއްވުމަށާއި މަޝްވާރާ ކުރާނީ އެ ލީޑަރުންނާ އެކުގައި ކަމަށް އެ ލިޔުމުގައި ބުނެފައިވާ ކަމަށެވެ.

އެ ލިޔުމަށް ރަައްދު ދެއްވަމުން ރައީސް ވިދާޅުވީ އެ ޝަަރުތުތައް ފުރިހަމަކޮށްދިނުމަށް ފަހުގައި ކުރާނެ މަޝްވަރާއެއް ނޯންނާނެ ކަމަށާއި ރައީސް ޔާމީން އެއްވެސް ޝަރުތެއް ކުރިމަތި ނުކުރާއިރު އިދިކޮޅުން ވަކި ޝާރުތުތަކެއް ކުރިމަތި ކުރަން ޖެހޭ ސަބަބެއް އޮވެގެން ނުވާނެ ކަމަށެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން ކުރިމަތި ކުރުވި އެއްވެސް ޝަރުތެއް ގަބޫލު ކުރެވެން ނެތް ކަމަށެވެ.

"ވިސްނުމަކަށް ބަދަލެއް ނާދޭ، އެހެންވީމަ ދެން ވެސް ވަޑައިގަންނަވާ ބޭފުޅަކަށް އެ ބޭފުޅެއްގެ އިހްތިޔާރުގައި ކަންކަން ކުރެވެން ނެތްކަން ކިތަންމެ ރަނގަޅަށް ވެސް މި ދައުވަތަށް ދެއްވި ޖަވާބުން އަޅުގަނޑަށް އެނގިއްޖެ، އަޅުގަނޑަށް އެ ވިދާޅުވާ ޝަރުތުތަކެއް ފުރިހަމަކޮށްދެވޭނެ ގޮތެއް ނެތް،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެހެން ނަމަވެސް އަދިވެސް މަޝްރާގެ މޭޒަށް ވަޑައިގަތުމުގެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް އެބައޮތް ކަމަށާއި އެގޮތުން ކުރީގައި ހިނގައިފައި ހުރި ކުށްތަކަށް ފަހުން ހަދާ ގާނޫނުތަކުން ބަދަލުތައް އަންނަ ގޮތަށް ފާސް ކުރުމަށް ރައީސް ވިދާޅުވި އެވެ. އެކަމަށް އެއްވެސް ހުރަހެއް ނާޅުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.