މަޝްވަރާ ކުރުމަކީ އިސްރާފެއް ނޫން ކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ރައީސް އަބްދުﷲ ޔާމީން އަދި އެމަނިކުފާނުގެ ކޮއްކޯފުޅަށް ރައްދެއް ދެއްވައިފި އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ، ރާއްޖޭގައި ހުރި މައްސަލަތައް ދެނެގަތުމަށް އެކި ގައުމުތަކުން މީހުން ގެންނަން ނުޖެހޭ ކަމަށާއި އެކަންކަމާ މެދު އިތުރަށް މަޝްވަރާ ކުރުމަކީ އިސްރާފެއް ކަމަށް ބ. އޭދަފުށީގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުންނެވެ.
އެކަމާ ގުޅިގެން ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޝްވަރާ ކުރުމަކީ ޑިމޮކްރަސީގެ އެންމެ ވަރުގަދަ ތަނބު ކަމަށާއި އެކަމަކީ އިސްރާފެއް ނޫން ކަމަށެވެ. އަދި މަޝްވަރާ ކުރުމުގެ މުހިންމުކަން ކީރިތި ޤުރުއާނުގައި ވެސް ސާފުކޮށް ބަޔާން ކުރައްވާފައިވާ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
އޭގެ އިތުރުން ކެނދޫ ދާއިރާގެ މެންބަރު އަލީ ހުސެން ވެސް ވަނީ ރައީސް ޔާމީންގެ ވާހަކަފުޅަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ކީރިތި ޤުރުއާނުގައި އިސްރާފުގެ މަގަށް ކަން ކުރުމަށް އަނގަވާފައިވާ އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރާ ކަމަށާއި މަޝްވަރާ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި ރައީސް ޔާމީން އުޅުއްވަނީ ޤުރުއާނުގައި އޮތް ކަމެއް ވެސް ރައްޔިތުންނަށް އޮޅުވާލަން ކަމަށް އަލީ ވިދާޅުވި އެވެ.
ރާއްޖޭގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން ބޭރު ފަރާތްތަކާ މަޝްވަރާ ކުރުމަކީ އިސްރާފެއް ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް، ރައްޔިތުންނާ ގުޅުންހުރި އެކި ކަންކަމުގައި މި ސަރުކާރަށް ވުރެ ގިނަ އިން މަޝްވަރާކުރި ސަރުކާރެއް ނޯންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި މަޝްވަރާ ކުރުމުގެ ފުރުސަތު ސިޔާސީ ފަރާތްތަކަށް އަދިވެސް އެބައޮތް ކަމަށާއި ނަމަވެސް ދެން އަންނަން ޖެހޭނީ އެއްވެސް ޝަރުތަކާ ނުލާ ކަމަށް ރައީސް ވިދާޅުވި އެވެ.