ރައީސް އަބްދުﷲ ޔާމީން

މަޝްވަރާއަށް އައިސް ގާނޫނަށް ބަދަލު ގެންނަން ވިޔަސް ވިދާޅުވޭ: ރައީސް

ރާއްޖޭގެ ގާނޫނަށް ބަދަލު ގެންނަން ބޭނުންނަމަ ވެސް އެކަމެއް ރައީސްއަށް ދެންނެވުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ސުނާމީ ބިނާ މައިޒާން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި މަޝްވަރާގެ މޭޒު ކައިރިއަށް އައުމަށް އިދިކޮޅު ފަރާތްތަކުން ފަސްޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި ޖިނާއީ އަދުލުގެ ތެރެއިން ވަކި ފަރާތްތަކެއް އިސްތިސްނާ ކުރަން ބޭނުންނަމަ އެކަން ވެސް ދެންނެވުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.

"އެކަން އެގޮތަށް ނިންމާފައި ރައްޔިތުން މަޖިލިސްއަށް ހިންގަވާ، މިކަން ވެސް ވާނީ ވާހަކަ ދައްކައިގެން އެބައެއްގެ ހިޔާލުގައި ހުރި ކަމެއް އަޅުގަނޑުމެންނަށް އެނގިން ދެއްތޯ، އަޅުގަނޑުމެންނަށް އެނގޭ މިންވަރުން ދައުލަތް ހިނގޭތޯ މި ބަލަނީ ހުރިހާ ހައްގުތަކަށް އިހުތިރާމްކޮށްގެން، ރައްޔިތުންނަށް އުފާވެރި ފާގަތި ދުވަސްތަކެއް ގެނެސްދިނުމަށް،" ރައީސް ވިދާޅުވި އެވެ.

"ގާނޫނުގެ ވަރަށް ބޮޑު އަސާސެއް ގާނޫނާ ހިލާފު ކަމެއް ކުރީމަ ވާނެ ގޮތް އެއީ. އެހެންވީމާ އަޅުގަނޑުމެން އެކަމާ ދުރުވުން އޮތީ. ކިއްތޯ ވާނީ، ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ފުރިހަމަކޮށްދިނުމަށް ކިއްވެގެންތޯ އަޅުގަނޑުމެންނަށް އެއް ގަލަކަށް އަރައިގެން ނޫޅެވެންވީ، އަޅުގަނޑަށް ހަމަ އެއްގޮތަކަށް ވެސް ނުވިސްނޭ،"

ރައީސް ވަނީ އެމްޑީޕީ އަދި އަދާލަތު ޕާޓީއަށް މަޝްވަރާގެ މޭޒު ދޮށަށް ވަޑައިގަތުމަށް އަނެއްކާވެސް ދައުވަތު ދެއްވާފަ އެވެ. އެ ދެ ޕާޓީގެ ލީޑަރުންނަށް މިހާރު ތަހައްމަލު ކުރައްވާ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކޭނީ ސަރުކާރަށް އެ ފުރުސަތު ދީގެން ކަމަށް ވެސް ވިދާޅުވި އެވެ.

"ގާނޫނަށް ބަދަލުތަކެއް ގެންނަން އިންތިޒާރުކުރައްވާނަމަ އެ ވާހަކައެއް ވެސް ބުނަން ކެރެންޖެހޭނެ ދެއްތޯ، އޭގެ ބަދަލުގައި އަޅުގަނޑުމެން މި ހުރިހާ ކަމެއް ކުރާއިރު ވެސް އޮންނަ ބިރުވެރިކަމަކީ ކޮންމެވެސް ބައިނަލްއަގްވާމީ ޖަމިއްޔާއަކުން އަޅުގަނޑުމެންނާ ދޭތެރޭގައި ކޮންމެވެސް ކަހަލަ ފިޔަވަޅެއް އަޅައިފާނެ ކަމުގެ ބިރު، މި ބިރުވެރިކަމުގައި ދިވެހިން ކީއްކުރަންތޯ ތިބެންވީ،" ރައީސް ވިދާޅުވި އެވެ.