ޑރ. މުހައްމަދު މުއިއްޒު

ރައީސްގެ ދެކަނބަލުން އުމްރާއަށް ފުރާވަޑައިގެންފި

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ މެހެމާން ދާރީގައި ކުރައްވާ އުމްރާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ފުރާވަޑައިގެންފި އެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާއި އިސްލާމީ މަރްކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުހައްމަދު ލަތީފްއާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒުއާއި، މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ޕްރެޒިޑެންޝަލް އެފެއާޒް އަލީ އާރިފްއާއި އަދި މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އަބްދުﷲ ނާސިރު ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި އަރިހުގައި ވަޑައިގަންނަވާ ބޭފުޅުން ސައުދީއަށް ފުރާވަޑައިގަތީ އެ ގައުމުން ފޮނުވި ހާއްސަ މަތިންދާ ބޯޓެއްގައެވެ.